އިނގިރޭސި ވިލާތާއި މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީގެ އަމާޒަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ކުޅުމެވެ. އެހާތަނަށް ގައުމީ ޓީމުން ޖާގަ ލިބިލިބި ހުރެއްޖެނަމަ އޭނާ ވެގެންދާނީ އިނގިރޭސި ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅޭނެ ކުޅުންތެރިޔާ އަށެވެ. ނަމަވެސް ކުލަބުގައި ބެންޗުގައި އިންނަން ޖެހުމާއި، ގައުމީ ޓީމުގައި ވެސް ކުޅުން ގޯސްވުމުން އޭނާގެ ކެރިއަރާމެދު ވަނީ ސުވާލު އުފެދެން ފަށައިފަ އެވެ.
ގައުމީ ޓީމަށް 118 މެޗު ކުޅެދީފައިވާ ކެޕްޓަން ރޫނީ އަށް ކޯޗުންގެ ތާއީދު އެބައޮތެވެ. މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ބެންޗުގައި އިނަސް ރޫނީ އަކީ އޭނާގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމަށެވެ. އިނގިރޭސި ގައުމީ ޓީމުން ވަކިވި ކޯޗު ސޭމް އެލާޑީސް ވެސް ބުނީ ގައުމީ ޓީމުން ރޫނީ ބާކީ ނުވާނެ ކަމަށެވެ. މިހާރުގެ ކޯޗު ގެރެތް ސައުތުގޭޓް ވެސް ހުރީ ރޫނީ ލައިގެންނެވެ. އެކަމަކު މިހާރު ރޫނީއާ ދެކޮޅަށް ނުމެފައިވަނީ އިނގިރޭސި ސަޕޯޓަރުންނެވެ.
ވޯލްޑް ކަޕް ކޮލިފައިންގައި އިއްޔެރޭ 2-0 އިން އިނގިރޭސީން މޮޅުވި ނަމަވެސް ސަޕޯޓަރުން ވަނީ ރޫނީ އަށް ބޫލައްވައި މަލާމާތްކޮށްފަ އެވެ. ސަބަބަކީ އޭނާގެ ޒުވާން ދުވަސްވަރުގެ މޮޅު ކުޅުން ނުދެއްކޭތީ އެވެ. އުމުރުން މިހާރު 31 އަހަރުގެ ކުޅުންތެރިޔާ އަށް ކުލަބާއި ގައުމީ ޓީމުގެ ފޯވަޑް ލައިނުން ވެސް ޖާގަ ނުލިބެ އެވެ. އޭނާ ލައްވައި ކުޅުވަނީ މެދުތެރެއިންނެވެ. އެކަމަކު އިއްޔެރޭގެ މެޗުގައި ރޫނީ އަށްވުރެ ހުރިހާ ގޮތަކުން ވެސް ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަންގެ ކުޅުން މޮޅެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ވެސް އޭނާ އެވެ. މެދުތެރެއިން ޑެއްލޭ އަލީ އާއި އެރިކް ޑަޔާ އާއި އާދަމް ލަލާނާ ފަދަ ކުޅުންތެރިންގެ ސަބަބުން ރޫނީ އަށް ޖާގަދޭން ޖެހެނީ ގަދަ ކަމުންނެވެ.
ސަޕޯޓަރުން ބޫލެއްވި ނަމަވެސް ކޯޗު ސައުތުގޭޓް ބުނީ އޭނާ އެދުނު ހުރިހާ ކަމެއް ރޫނީ އަދާކުރި ކަމަށެވެ. މިހެންވެ ކެޕްޓަންގެ ކުޅުމާމެދު ޝަކުވާއެއް ނެތް ކަމަށާއި ރޫނީ އަކީ ގައުމީ ޓީމަށް ކުޅޭހިތުން ކުޅޭ ކުޅުންތެރިއެއްކަން އޭނާ ފާހަގަކުރި އެވެ. އަދި އިނގިރޭސި ކުރީގެ ކެޕްޓަނުން ކަމަށްވާ ސްޓީވަން ޖެރާޑާއި ޖޯން ޓެރީ އާއ ކުރީގެ ކުޅުންތެރިން ކަމަށްވާ އޭޝްލީ ކޯލް އާއި ފްރޭންކް ލަމްޕާޑު ފަދައިން ރޫނީ އަކީ ވެސް ގައުމީ ޖޯޝްހުރި ކުޅުންތެރިއެއްކަން ކޯޗު ވަނީ ފާހަގަކޮށްފަ އެވެ. މިހެންވެ އޭނާ ބާކީ ކުރުމުގެ ވިސްނުމެއް ނެތެވެ.
"އަހަންނަކަށް ނުވިސްނޭ އެކަން (ބޫލައްވަންވީ) ކުރަންވީ ސަބަބެއް. އަހަރެން ގަބޫލު ކުރަނީ މީގެ ސަބަބުން އޭނާ އަށް ފައިދާ ކުރާނެ ކަމަށް. އަހަރެން އޭނާއާ މެދު ޝަކުވާއެއްނެތް،" ސައުތު ގޭޓް ބުންޏެވެ.
އެކަމަކު ކުލަބުގައި ބެންޗުގައި އަބަދު އިންނަން ވެއްޖެނަމަ ގައުމީ ކޯޗަށް އިތުރު މައްސަލަތަކާ ދިމާވާނެ ކަމަށް ބުނެފައިވަނީ މައިކަލް އޮވެން އެވެ. ރޫނީ އާއެކު އިނގިރޭސި ޓީމަށް ކުޅުނު އޮވެންެގެ ނަޒަރުގައި ރޫނީގެ އެންމެ ފައްކާ މަގާމު އޭނާ އަށް ނުލިބުމަކީ މައްސަލައެކެވެ. އެކަމަކު މިހާރުގެ ޒުވާން ކުޅުންތެރިން މާމޮޅަށް ކުޅެމުން އަންނަކަން އޮވެން ފާހަގަކުރި އެވެ.
ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ރިއޯ ފާޑިނަންޑްގެ ނަޒަރުގައި ރޫނީ އަށް ދިމާވެގެން އުޅެނީ ކުރިން ވެސް ދިމާވި ފަދަ މައްސަލައެކެވެ.
"ކުރިން ވެސް މިފަދަ ދުވަސްކޮޅެއް ދިޔަ. އެއިރު ވެސް ސަޕޯޓަރުން ބޫލެއްވި. އެކަމަކު އޭނާ އަލުން މޮޅަށް ކުޅެން ފެށުމުން އެކަން ހުއްޓިއްޖެ. އެހެންވީމާ ބޫލައްވަންވީ. ރޫނީ އަދި އެނބުރި އަންނާނެ،" ފާޑިނަންޑް ބުނެފައިވެ އެވެ.
ނަމަވެސް އަނެއްބައި ތަޖުރިބާކާރުގެ ނަޒަރުގައި ރޫނީ ފަދަ ކުޅުންތެރިއަކު ޓީމު ބާކީކުރަން ކޯޗުން ޖެހިލުންވަނީއެވެ. ސަބަބަކީ އޭނާ ބާކީކޮށްފިނަމަ ދެން ކުރިމަތިވެދާނެ މައްސަލަތައް ނުހަނު ގިނަވާނެތީ އެވެ. އުމުރުން ދުވަސްވެފައި ހުރުމުން ރޫނީ އަކީ ފަސޭހައިން ބޮޑު ކުލަބަކަށް މިހާރު ރަނގަޅު އަގެއްގައި ވިއްކާލަން ފަސޭހަ ކުޅުންތެރިއެއްނުވާނެ އެވެ. ނަމަވެސް ގައުމީ ޓީމުގައި އެންމެ ތަޖުރިބާކާރު ކުޅުންތެރިޔާގެ ޓެގާއި ކެޕްޓަން ބޭންޑާއެކު ހުރެ އެންމެ އަވަހަށް ފްރަސްޓްރޭޓްވާ ކުޅުންތެރިޔަކީ އޭނާ ކަމަށްވާއިރު ކުލަބު ލެވެލްގައި ނުކުޅޭނަމަ އޭނާ ރިޓަޔާކުރުން މާރަނގަޅުވާނެ ކަމަށް ދެކޭ މީހުން އަންނަނީ ގިނަވަމުންނެވެ.