ޓެކްނޯލޮޖީ

މައްސަލަ ހައްލުނުވާތީ، ނޯޓް 7 އުފެއްދުން ވަގުތީ ގޮތުން ހުއްޓާލައިފި!

Oct 10, 2016

ސެމްސަންގުން އެންމެފަހުން ބާޒާރަށް ނެރުނު ސްމާޓްފޯން، ގެލެކްސީ ނޯޓް 7 ގެ ބެޓެރީ ހޫނުވެ، ފޯނުތައް ގޮވުމުގެ މައްސަލަ އަދިވެސް ހައްލުވެފައި ނުވާތީ، ބަދަލުގައި ފޯނު ދިނުމާއި މި ސިލްސިލާގެ އިތުރު ފޯނުތައް އުފެއްދުން ސެމްސަންގުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށް ދެކުނު ކޮރެއާގެ ޔޮންހަޕް ނިއުސް އެޖެންސީން ރިޕޯޓްކޮށްފި އެވެ.

މިފަދަ ފިޔަވަޅު އަޅާފައިވީ ނަމަވެސް ސެމްސަންގުން ރަސްމީކޮށް މިކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ. ނަމަވެސް މި ރިޕޯޓެއް އައިސްފައި މި ވަނީ ހޫނުވެގެން ގޮވާ ފޯނުތަކުގެ ބަދަލުގައި ސެމްސަންގުން ދެމުން ގެންދާ "ރަނގަޅު" ފޯނުތައް ވެސް ގޮވާ މައްސަލަ ބޮޑުވެ ބައެއް ގައުމުތަކުގައި މި ފޯނާ ދެކޮޅަށް ފިޔަވަޅުތަކެއް ވެސް އަޅަމުންދާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން މައްސަލަ ހައްލުކޮށްފައި އޮތް ފޯނެއް މިފަހުން އެމެރިކާގެ މަތިންދާ ބޯޓެއްގައި ގޮވާފައިވާއިރު، އެމެރިކާގެ ބޮޑު ދެ މޯބައިލް ކުންފުންޏަކުން ވަނީ މިހާރު ގެލެކްސީ ނޯޓް 7 ގެ ޕެކޭޖުތައް ވެސް އުވާލައިފަ އެވެ. އޭގެ ތެރޭގައި ޓީ މޮބައިލް އާއި އޭޓީ އެންޑް ޓީ ހިމެނެ އެވެ.

ގެލެކްސީ ނޯޓް 7 އަށް ދިމާވެފައިވާ މި މުސީބާތުން އަރައި ނުގަނެވިގެން އުޅޭ ސެމްސަންގުގެ ވިޔަފާރި ވެސް ވަނީ އޭޝިއާގެ ހިއްސާގެ ބާޒާރުގައި އަޑިއަޅާލައިފަ އެވެ.