ޕީޕީއެމް

ޕީޕީއެމްގެ ކަންކަމުގައި އެމްޑީއޭއިން ބަސް ބުނާތީ ކުށްވެރިކޮށްފި

ޕީޕީއެމްގެ އެތެރޭގެ ކަންކަމާ ގުޅޭ ގޮތުން އެމްޑީއޭގެ ބައެއް މެންބަރުން ގޮތް ކިޔާ ވާހަކަ ދައްކަމުންދާތީ ޕީޕީއެމްއިން އެކަން ކުށްވެރިކޮށް ބަޔާނެއް ނެރެފި އެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ސަރުކާރުން އިސް ނަގައިގެން ބާއްވަން މަސައްކަތްކުރާ މަޝްވަރާތަކަށް ދާނެ މަންދޫބުން އެ ޕާޓީން ކަނޑައަޅާފައިވާނެ ކަމަށެވެ. އަދި އެކަމަށް އެމްޑީއޭއަށް ފާޑު ނުކިޔޭނެ ކަމަށާއި ޕީޕީއެމްގެ ކަންކަން ނިންމާނީ ޕީޕީއެމްއިން ކަމަށެވެ.

"މި ޕާޓީގެ ފަރާތުން ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި ބައިވެރިވާނެ ބައެއް ނިންމާނީ މި ޕާޓީއިން، އެމްޑީއޭ ގެ މެންބަރަކަށް ޕީޕީއެމް އިން ކަން ކުރަންވީ ގޮތް އެންގުމުގެ ހައިސިއްޔަތެއް އޮންނާނެކަމަކަށް މި ޕާޓީއަކުން ގަބޫލެއް ނުކުރަން،" ބަޔާނުގައި ބުނެފައިވެ އެވެ.

އަދި ސިޔާސީ ޕާޓިތަކުގެ މަޝްވަރާތަކުގައި، ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަން ނިންމާފައިވާ އެއްބޭފުޅަކު ކަމަށްވާ، ޕާޓީގެ މުއައްސިސް އަދި ކައުންސިލް މެންބަރު އަހްމަދު ފާރިސް މައުމޫނަކީ ޕީޕީއެމްގެ މެންބަރެއް ނޫންކަމަށް އެމްޑީއޭގެ ބޭފުޅަކު ވާހަކަ ދައްކަވާފައިވާ ކަމަށާއި ނަމަވެސް އެއީ ހަގީގަތް ނޫން ކަމަށެވެ.

"ފާރިސްގެ މައްސަލައެއް މި ޕާޓީގެ ސުލޫކީ ކޮމިޓީއިން ބައްލަވައި ފިޔަވަޅު އަޅަން ނިންމެވި ކަމުގެ އެއްވެސް ރަސްމީ ލިޔެކިޔުމެއް ޕާޓީ އޮފީހަކަށް ލިބިފައެއް ނުވެއެވެ. ވީމާ އަހްމަދު ފާރިސް މައުމޫނަކީ އަދިވެސް މިޕާޓީގެ މެންބަރެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި މިހާރުވެސް ޕީޕީއެމް ތަމްސީލުކުރަށްވަމުން ގެންދަވާ ބޭފުޅެކެވެ." ބަޔާނުގައިވެ އެވެ.

މަޝްވަރާތަކަށް ޕީޕީއެމްގެ މަންދޫބެއްގެ ގޮތުގައި ފާރިސް ކަނޑައެޅުމާ ގުޅިގެން ޕީޕީއެމްގެ ތެރޭގައި ވެސް ވަނީ ހިޔާލު ތަފާތުވެފަ އެވެ.