ރިޕޯޓް

ހަމަނުޖެހުން، ހަމަނުޖެހުން، ހަމަ ޖެހޭނީ ކޮން އިރަކުން؟

Mar 2, 2015
1

ރާއްޖެއަށް ބޭނުންވަނީ މަޑުމައިތިރި އިގްތިސާދެއް ހެއްޔެވެ؟ ނޫނީ ހަލަބޮލި ސިޔާސީ "ތަޅާ ފޮޅުން" ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ ކޮބައި ހެޔެވެ؟ ޖަވާބު ބޭނުންވެ އެވެ.

"ރާއްޖޭގެ އިގްތިސާދު ބިނާވެފައިވަނީ ޓޫރިޒަމްގެ މައްޗަށް. ރާއްޖެއަށް އަންނަ މީހުން މި އަންނަނީ ސުލްހަވެރިވީމަ. އެކަން ނުފެންނަ ނަމަ ރާއްޖެއަށް މީހުންނެއް ނާންނާނެ،" ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ ފަރާތެއް ނޫހުގައި ނަން ނުޖެހުމަށް އެދި ބުންޏެވެ.

ރާއްޖޭގެ އިގްތިސާދަކީ ނާޒުކު "ކަނޑިއެއް" ގެ މިޔަ މަތީގައި އިންނަ އެއްޗެކެވެ. މުޅި އިގްތިސާދު ބިނާވެފައިވަނީ ބޭރުން އަންނަ މެހުމާނުން ނަށް، މެހުމާންދާރީ ދިނުމުގެ މައްޗަށެވެ. ބޭރު މީހުން ރާއްޖެ އަންނަނީ ލާރި ގިނަވެގެންނެއް ނޫނެވެ. ނުވަތަ ދުނިޔެމަތީގައި އޮތީ ހަމައެކަނި ރާއްޖެއަށް ވެގެންނެއް ވެސް ނޫނެވެ. ދުނިޔޭގައި ރާއްޖެ ކަހަލަ ގައުމުތައް ވެސް އެބަހުއްޓެވެ. އަދި ރާއްޖެއަށް ވުރެ މާރީތި ގައުމުތައް ވެސް އެބަ ހުއްޓެވެ. އެމީހުން ރާއްޖެ އަންނަނީ ސުލްހަވެރިކަމުގެ ސަބަބުން ނެވެ. އެމީހުންގެ ނަޒަރުގައި ރާއްޖެއަކީ ސުވަރު ގެ އެކެވެ. ނުވަތަ ސުވަރުގޭގެ ދަރަޖަ ދެވޭނެ ތަނެކެވެ. ބޭރު މީހުން ރާއްޖެދެކެނީ ދެވަނައެއް ނެތް ފަދައިންނެވެ. ނަމަވެސް އަބަދު މުޅި ގައުމުގައި "ގަޑު ބަޑު" އޮންނަމަ ބޭރުން އަންނާނެ ހެއްޔެވެ؟

 

ރާއްޖޭގެ ސިޔާސީ ހަލަބޮލި ކަމާއިއެކު ކޮންމެ ފަހަރަކު ވެސް ފެންނަނީ ގައުމު "ކަތިލާ" ތަނެވެ. ގައުމު ކަތިލުމަކީ ނުކުމެ ކޯއްޓޭގައި ހުރި ގައުމީ ބޮޑު ދިދަ ކަނޑާ ވައްޓާލުމެއް ނޫނެވެ. ރާއްޖޭގެ އިގްތިސާދަށް ހަމަލާ ދިނުމަކީ ވެސް ގައުމު ކަތިލުމެވެ. އެ ކަންތައް މިވަނީ އަނެއްކާވެސް ފަށާފަ އެވެ.

މިފަދަ އެއް މިސާލަކީ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓް ކުރަން ކުރާ ކެމްޕޭން ތަކެވެ. ސޯޝަލް މީޑިޔާގެ މިފަދަ ޒަމާނެއްގައި، މިފަދަ އަމަލުތަކުގެ ސަބަބުން ބޮޑު ގެއްލުމެއް މުޅި ގައުމަށް ލިބެ އެވެ.

މިކަމުގެ ސަބަބުން ގެއްލުން ވަނީ ކޮން ބަޔަކަށް ހެއްޔެވެ؟ މި ކަމުގެ މުގުލުގައި ތިބީ އެކި ދުވަސް ވަރަކަށް "ކުލަ ބަދަލުކުރާ" ސިޔާސީ މީހުންނެވެ. އެ މީހުންގެ ނަޒަރުގައި ހަމައެކަނި ހައްގު އޮންނަނީ އެ މީހުންގެ އެކަންޏެވެ. އެ މީހުންގެ ހައްގުގައި "ޖެހޭ ހިސާބު" ން ގައުމު ވެސް ކަތިލެވިދާނެ އެވެ. އެކަން ކުރުން ވެސް "އޯކޭ" އެވެ. އެ މީހުންނާ ޖެހުމުން ހުރިހާ ވާހަކައެއް ވެސް ދައްކަން ވީ އެވެ. އެމީހުންގެ ހިތުން މިއީ ވަރަށް ދެފުއް ފެންނަ ބަޔަކޯ ލަ އެވެ.

ނަމަވެސް ދުނިޔޭގެ އެހެން ގައުމުތަކުގައި މިކަން ތަފާތެވެ. މިސާލެއްގެ ގޮތުން އެންމެން ގައި މޮޑެލަންދާ ތައިލެންޑަށް ބަލަމާ ހިނގާށެވެ. އެ ގައުމަކީ "ސެކްސް ޓޫރިޒަމް" އެންމެ ފުޅާ އެއް ގައުމެވެ. މިކަން ނޭނގޭ މީހަކު ނުހުންނާނެ އެވެ. ނަމަވެސް ތައިލެންޑު މީހުން ތެދުވެ، "އަހަރެމެންގެ ގައުމުގައި ސެކްސް ޓޫރިޒަމް ވަރަށް ފުޅާކޮށް ކުރެކޭ" ނުބުނެ އެވެ. އެ މީހުން ގައުމާ ހަމައިން އެފަދަ ހަގީގަތްތައް "ކަފުނުގައި ވަޅުލަނީ" އެވެ. ނަމަވެސް ރާއްޖޭގެ ސިޔާސީ މީހުންގެ ވަރަށް ތަފާތު ވާނެ އެވެ. އެ މީހުން ބޭނުންވާނީ "މެޑަލް ޖަހާށެވެ." އެ މީހުން ހުރިހާ ވާހަކައެއް ދައްކާނެ އެވެ. އެ މީހުންނެކޭ ހުންގާނު ނެތް ރިޔަލު ދޯންޏެކޭ ތަފާތެއް ނުހުންނާނެ އެވެ. ބަލާ ބެލުމަށް ހީވަނީ ދިޔުޅި ކެނޑިފައި ތިބޭ ބައެއް ހެންނެވެ. އިގްތިސާދަށް ކިތަންމެ ގެއްލުން ހުރި ވާހަކައަކަށް ވީނަމަވެސް ދިވެހިން ގޮވާލާނެ އެވެ.

މިފަދަ "ޅަ އެއްޗިހީ" ގެ ފައިދާ ރާއްޖޭގެ ވާދަވެރިން ވަރަށް ފުރިހަމަ އަށް ނަގަ އެވެ. އެ މީހުންނަށް މިކަމުން ލިބޭ ފައިދާ ބޮޑެވެ.

ރާއްޖެ ބޮއިކޮޓް ކުރުން ފަދަ ކަންތައްތަކުން ރާއްޖެއަށް ކުރާ އަސަރު ވަރަށް ބޮޑެވެ. ރާއްޖެއާ ދެކޮޅު ވާހަކަތަކުގެ ސަބަބުން، ރާއްޖެއަށް އަންނަ ޓޫރިސްޓުން މަދު ވެއްޖެނަމަ އެންމެ ފުރަތަމަ އަސަރު ކުރަނީ އެންމެ އާދައިގެ މީހާ އަށެވެ. ވިޔަފާރިއެއްނަމަ، އެންމެ ކުޑަ ވިޔަފާރި އަށެވެ. މެދު ފަންތީގެ ވިޔަފާރި އަށެވެ. ޓޫރިޒަމް ސިނާއަތުގައި ނަމަ ގެސްޓް ހައުސް ވިޔަފާރި އަށެވެ. ނުވަތަ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ އާދައިގެ މަގާމުތައް ފުރާ ކުދިންނަ ށެވެ. ރާއްޖެ އަންނަ މީހުން މަދުވެއްޖެނަމަ ސާވިސް ޗާޖު ދަށަށް ދާނެ އެވެ. މީގެ ގެއްލުން ވާނީ ވޭޓަރުންނަ ށެވެ. ނުވަތަ ރޫމް ބޯއީންނަ ށެވެ.

"ރާއްޖޭގައި 2012 ވަނަ އަހަރު ހިނގި ކަންތައްތަކުގެ ސަބަބުން ޓޫރިސްޓުން މަދުވި، މީގެ ސަބަބުން އަޅުގަނޑުމެން ރިސޯޓުން ކުރިން ސާވިސް ޗާޖުގެ ގޮތުގައި ލިބުނު 400 ޑޮލަރު، 200 ޑޮލަރު ވަރަށް މަދުވި، މީގެ ގެއްލުން ވަރަށް ބޮޑު. ޓޫރިޒަމް ދާއިރާގެ ކުދިންނަކީ މާބޮޑު މުސާރައެއް ލިބޭ ބައެއް ނޫން. މި ލިބެނީ ސާވިސް ޗާޖާއި ޓިޕްސް. އެހެންވެ މިކަމާ ކަންބޮޑު ވޭ،" ރާއްޖޭގެ އެންމެ ގިނަ ރިސޯޓުތައް ގިނަ އދ. އަތޮޅުގެ ރިސޯޓެއްގައި މަސައްކަތް ކުރާ ޒުވާން ކުއްޖަކު ބުންޏެވެ.

ސިޔާސީ ހަރަކާތް ހިންގަން ވީ އެވެ. ނަމަވެސް ގައުމާއި މެދު ވިސްނާލަން ޖެހެ އެވެ. ސިޔާސީ ހަރަކާތްތައް ހިންގި ނަމަވެސް ގައުމުގެ ހަމަޖެހުމާއި މެދު ވިސްނަން ޖެހެ އެވެ. ގައުމަށް ހެޔޮ އެދޭނަމަ ވިސްނަން ޖެހެނީ މި ކަމަށެވެ.