ސިނަ މާލެ ބްރިޖް

ބްރިޖްގެ ފައުންޑޭޝަން ހޮޅި ޖެހުމުގެ 50 ޕަސެންޓް ނިމިއްޖެ

ޗައިނާ މޯލްޑިވްްސް ފްރެންޑްޝިޕް ބްރިޖުގެ ތަނބުތަކަށް ބޭނުންވާ ހޮޅިޖެހުމުގެ މަސައްކަތުގެ 50 ޕަސަންޓު ނިމިފައިވާ ކަމަށް ހައުސިން މިނިސްޓްރީއިން ބުނެފި އެވެ.

މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލެއާ ހުޅުލެ ގުޅުވާލާ ބްރިޖުގެ ފައުންޑޭޝަން ޕައިލްގެ މަސައްކަތުގެ ތެރޭގައި 17 ޕައިލްއެއް އިއްޔެއާ ހަމަޔަށް ޖަހާ ނިމިފައިވާ ކަމަށެވެ. ބްރިޖަށް ތަނބުތަކަށް މުޅިއަކު ޖަހަން ޖެހެނީ 30 ހޮޅި ކަމަށެވެ. މިނިސްޓަރު ވިދާޅުވީ އެ މަސައްކަތް އެއްވެސް މައްސަލައެއް ނެތި ބާރަށް ކުރިޔަށް ދާ ކަމަށެވެ.

"އެއްވެސް މަޑުޖެހުމެއް ނެތި އޮން ޝެޑިއުލް އަދި ބައެއް މަސައްކަތް ޝެޑިއުލްއަށް ވުރެއް ބާރަށް އެބަދޭ. އިއްޔެއާ ހަމަޔަށް އޭގެ ދެބައިކުޅަ އެއްބައި މަސައްކަތް އެ ނިމުނީ. އަދި އިތުރު ޕައިލްގެ މަސައްކަތްވެސް ކުރިޔަށް ދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ބްރިޖު ފައުންޑޭޝަނަށް ބޭނުންވާ ޕައިލްތައް ޖެހުމުގެ މަސައްކަތް ކުރިޔަށް ދާއިރު ސީސީސީސީ ކުންފުނިން މިހާރު ވަނީ ބައެއް ތަނބުތައް ކޮންކްރީޓު ކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. އަދި ހުޅުލެއާވީ ފަރާތުގައާއި މާލެއާވީ ފަރާތުގައި ރިވެޓްމަންޓުގައި ޖަހާ ބްލޮކްސްތައް ކުގެ މަސައްކަތްވެސް ވަނީ ފަށައިފައެވެ.

ރާއްޖެއާއި ޗައިނާގެ އެކުވެރިކަން ދައްކުވައިދޭ ބްރިޖްގެ ދިގުމިނުގައި ޖުމްލަ ދެ ކިލޯމީޓަރު ހުންނަ އިރު، އެއީ 20.3 މީޓަރު ފުޅާ ބްރިޖެކެވެ. ބްރިޖުގެ ދަށުން 12 މީޓަރުގެ އުސް އުޅަނދުތަކަށް ދަތުރު ކުރެވޭއިރު މެދު ދިޔައިގައި ބްރިޖްގެ އެންމެ އުސް ހިސާބާ ހަމައަށް 20 މީޓަރު އުސްވާނެ އެވެ.