ރިޕޯޓް

މި މެމްބަރުން ފެންނަނީ ކޮން ކުލައެއްގައި؟

އެންމެ ސަޅިވާނީ "ގުޑް މޯނިން މޯލްޑިވްސް" އޭ ކިޔާފައި ފަށައިގަތީމަ އެވެ. މިވާ ގޮތް އެނގިލައްވާތޯ އެވެ؟ މިއީ އެއްގޮތަކަށް ވެސް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފުގެ ޓްވީޓެއް ނޫނެވެ.

އެކަމަކު މިއީ އެ ބޭފުޅާގެ "ސޯޝަލް މީޑިއާގެ ސްޓައިލެވެ." މަހްލޫފު ނުވަތަ މަޝްހޫރު ނަމުން ނަމަ އެމްޕީ މަހޭ އަކީ ސޯޝަލް މީޑިއާގައި ވަރަށް ވެސް ލޯބި ދިރިއުޅުއްވުމެއް އުޅުއްވާ ބޭފުޅެކެވެ.

ނިކަން ބައްލަވާށެވެ. އެ ބޭފުޅާގެ މި ދިރިއުޅުއްވުން ފެށިގެން ނިމިގެން ދަނީ "ގުޑްމޯނިން" އަކާއި ސެލެބްރިޓީއަކާ އެކު ނަގައި ޕޯސްޓްކޮށްލާ ސެލްފީއަކުންނެވެ.

މިސާލަކަށް އެ ބޭފުޅާގެ ދުވަސް، ތިރީގައި މި އަންނަ ގޮތަށް ފެށިދާނެ އެވެ.

"އިންސާނާގެ ދިރިއުޅުމުގައި، ކެތްތެރިވާން އެނގުމަކީ ވަރަށް މުހިންމު ކަމެއް. އެއީ ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް އެހީވާ ކަމެއް. ކަންކަމާ ކުރިމަތިލާން ނުކެރޭ، ކެތްތެރިކަން ނުހުންނަ މީހާ އެންމެ ކުދި ކަންތަކުން ވެސް ރުޅިއަތުވެދާނެ. ދެން ފެންނާނީ އޯވަރިއެކްޓްކުރެވޭ މަންޒަރު. ގުޑް މޯނިން."

މިއީ، އިހަކަށް ދުވަހު އަލުން ސިޔާސީ ފޯރިގަނޑެއް އަރައިގަތުމުގެ ކުރިން ސިޔާސީ ހަޔާތުގެ ދުވަސްތައް މަހްލޫފު ގުނުއްވަމުން ގެންދެވި ގޮތެވެ. ފަހަރެއްގައި، އާ ދުވަހަކަށް އަރާ އިރާ އެކު އަމިއްލަ ތަޖުރިބާ އިން ފިލާވަޅު ނަންގަވައި ދެއްވަނީ ކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް މިކަހަލަ "ގުޑް މޯނިން" އަކަށް ފަހު ދެން އަންނާނީ ސެލްފީ އެކެވެ. ސެލެބްރިޓީ ސެލްފީ ސިލްސިލާގެ އެޕިސޯޑެކެވެ. އެއްބަސްވާން ޖެހެނީ، މަހޭގެ ސެލްފީ ކަލެކްޝަން ވަރަށް ވެސް ވަރުގަދަ ކަމެވެ. މި ކަލެކްޝަންގެ ކުރިމަތީގައި، ސެލްފީ އަށް މަޝްހޫރު ސިޔާސީ އަނެއް މޫނު ކަމުގައިވާ މެމްބަރު އަހުމަދު ނިހާން ވެސް ޖެހޭނީ "ސައިޒު" ވާންކަން ޔަގީނެވެ.

ސަބަބަކީ މޫސާގެ ފާނުގެ ގައުމުގެ މީހުން އަޅުވެތިކޮށްގެން އުޅުނު މިސްރުގެ އެންމެ މަޝްހޫރު ފިރުއަޢުނު، ރޭމްސީޒް ދެ ވަނައާ އެކު ވެސް މަހޭ ސެލްފީއެއް ކަނޑާލާފައިވާތީ އެވެ. އެވެސް އަދި ފޮޓޯ ނެގުން މަނާކޮށްފައި އޮތް މިއުޒިއަމެއްގެ ތެރޭގަ އެވެ. 

މަހޭ ސަލާމަތްވިކަން ނަސީބެވެ!

ކޮންމެއަކަސް މި އައީ ހާސަރުގަނޑެއް ނޫނެވެ. މިއީ ފާއިތުވި ދުވަސްތަކުގައި އަޅުގަނޑުމެންގެ މި މެމްބަރުގެ "ސިޔާސީ ވައި" ފިލުއްވަމުން ގެންދެވި ގޮތުގެ ތައާރަފެކެވެ.

ދެން މި އަންނަނީ މިއަދު، ގައުމުގެ "ބޮޑު ފަޅިއާ އެއް ވަރަކަށް" ކެކެމުން އަންނަ މަހްލޫފުގެ ވާހަކަ އެވެ. ކުލަ އޮޅުނު މަޝްހޫރު "ދަ ޑްރެސް" އާ މި ވާހަކަ ގުޅޭ ހިސާބަކީ ވެސް މިއީ އެވެ.

މަހޭގެ "އަސުރު މާ ކުލައިގެ" ގަމީސް ބާލައިފަ އެވެ. ނުވަތަ އެ ބޭފުޅާގެ ޕާޓީ ނުކުމެ އެ ގަމީސް ވީދާލީ އެވެ. އެހެންވީމަ ޕާޓީގެ ސަރުކާރަށް ފާޑުވިދާޅުވަމުން ސަމާސާ ރާގެއްގައި މަހޭ ވިދާޅުވަނީ "އައި ނޯ ވަޓް ޔާމީން ޑިޑް ލާސްޓް ސަމާ" އޭ އެވެ.

ދެން އަޅުގަނޑުމެން ބުނަންވީ ކީކޭތޯ އެވެ. މިދިޔަ އަހަރުގެ ހޫނު މަހުން ފެށިގެން މަހޭގެ ސިޔާސީ ހަޔާތުގެ ހޫނުކަން ކެނޑިފައިވާ ވާހަކަ ތޯ އެވެ؟ ނުވަތަ، އިއްޒަތްތެރި މެމްބަރު، މިހާރު ހުންނެވީ ކޮން ކުލައެއްގައި ތޯ އޭ، ތޯ އެވެ؟

ޕީޕީއެމުން ނަގައި އެއްލައިލުމުން މަހްލޫފު އަދި ހަމަ އެ ހުންނެވީ އެވެ. ވީޓީވީ އާއި ރާއްޖެ ޓީވީއޭ ކިޔުނު ދެ ޕޯޑިއަމަކަށް އަރާ ވަޑައިގެން "އައި ނޯ ވަޓް ޔޫ ޑިޑް ލާސްޓް ސަމާ" ގެ އެޕިސޯޑްތައް ޖައްސަވަމުން އެހެރަ ގެންދަވަނީ އެވެ.

މި މަންޒަރުގައި ބައެއް މީހުންނަށް މަހޭ ފެންނަނީ ރަން ރީނދޫ ކުލައިގަ އެވެ. އަނެއް ބަޔަކަށް އޭނާ ފެންނަނީ ޖުމްހޫރީ ޕާޓީގެ ގަދަ ރަތްކުލައިގަ އެވެ.

އެކަމަކު މަހޭ، އަދި ހަމަ އެ ހުންނެވީ އެވެ. "ގުޑް މޯނިންއަކާއި" ، "ސެލެބްރިޓީ ސެލްފީ" އެއްގެ އިތުރުން ސިޔާސީ ހަޔާތަށް އިތުރުކޮށްފައި ވަނީ ދެ ޓީވީ ސްޓޭޝަނެއްގެ ޕޯޑިއަމެވެ.

ދެން މި އަންނަނީ ނޮޅިވަރަމް ދާއިރާގެ މަޖިލިސް މެމްބަރު، ހުސެއިން އަރީފްގެ ފިލްމެވެ. އެންމެފަހުން ފެނިވަޑައިގަތީ، ސިޔާސީ ކުށްވެރިއެއްގެ ކަޅާއި ހުދުގެ ފޮޓޯއެއް ހިއްޕަވައިގެން "ބޮޑު ފަޅީ" ގެ މުޒާހަރާގެ ތެރެއިން، ހުދު ކުލައިގަ އެވެ. 

ނަމަވެސް މި ބޭފުޅާގެ އަސްލު ކުލަ ވެސް އެންމެނަށް ފެންނަ ވަރެއް އަދި ނުވެ އެވެ.

މަޖިލީހުގެ ގޮނޑި ކާމިޔާބުކުރެއްވީ ޖުމްހޫރީ ރަތް ޓިކެޓްގަ އެވެ. ދެން ފެނިވަޑައިގެން ދިޔައީ، ހަމަ ހުދު ކުލައިގައި ހުންނަވައިގެން ޕީޕީއެމަށް އިނގިލީގެ ނިޝާން ޖެއްސެވި މަންޒަރެވެ.

ދެން މި ފެނިވަޑައިގަތީ ހުދު ހެދުމުގައި ބޮޑު މުޒާހަރާގައި ބައިވެރިވެ ވަޑައިގެން އަމިއްލަފުޅަށް ޕީޕީއެމް އިން ވަކިވެ ވަޑައިގެންނެވި މަންޒަރެވެ. އަޑުއަރާފައި ވަނީ އެނބުރި ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތުމަށް ތައްޔާރުވެ ވަޑައިގަންނަވަމުން ގެންދަވާ ކަމަށެވެ. އެ ބޭފުޅާ ވިދާޅުވަނީ ޕާޓީއަކާ ގުޅިވަޑައިގަތުމުގެ ހިޔާލެއް މި ވަގުތު ނެތް ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ގަދަފަދަ، ރީކޯ މޫސަ ވެސް ވިދާޅުވަނީ ހަމަ މިހެންނެވެ.

ނަމަވެސް މިއީ ހައްތަހާ ވެސް، މި ދުވަސްކޮޅުގެ ސިޔާސީ ވާރޭގައި ތެމި، ސިޔާސީ ކުލައިން ފޯވެ، ކުލަ އޮޅިފައިވާ ފަރާތްތަކެވެ. އެހެންވީމަ މިއަދުގެ ރިއާސީ ބަޔާން އިއްވާ މަޖިލީހަށް ސަމާލުކަން ހުއްޓާށެވެ.

ކުލަ އޮޅިވަޑައިގެންފައި ތިއްބެވި ފަރާތްތަކުގެ ހަގީގީ ކުލަތައް މިއަދު ފެންނާނެ އެވެ. ގުޑް މޯނިން އެވެ.