ރިޕޯޓް

"ތައްޔާރުވޭ" ޝައިޚް އިލްޔާސްގެ ވަރަށް ހާއްސަ ދަރުސެއް!

Mar 2, 2015
7

ތައްޔާރުވެ ވަޑައިގަންނަވާށެވެ. ޝައިހް އިލްޔާސް ހުސެއިންގެ އެނބުރި ވަޑައިގަތުން އަންނަ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވަލުގެ ސްޓޭޖުގައި އޮންނާނެ އެވެ.

ސިޔާސީ ގޮތުން ގައުމު މި އޮތް ކެކިއަރަނީ އެވެ. ޝައިހް އިލްޔާސް ވެސް އެނބުރި ވަޑައިގަންނަވަނީ އެވެ. މިއީ އިއްތިފާގެއް ހެއްޔެވެ؟

ކޮންމެއަކަސް ގަބޫލުކުރަން ޖެހެނީ އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު އިލްޔާސް ޕޯޑިއަމަކަށް އެނބުރި ވަޑައިގަންނަވާއިރު، މިކަން ކުރެއްވުމަށް މި އަށް ވުރެ މުނާސަބު ދުވަސްކޮޅެއް ލިބިވަޑައިނުގަންނަވާނެ ކަމެވެ. ސަބަބަކީ ދީނީ އިލްމުވެރިޔަކަށް ވުރެ ބޮޑަށް ސިޔާސީ އިލްމުވެރިއެއްގެ ގޮތުގައި އިލްޔާސަށް އަމާޒުވާ ހަމަލާތައް ގިނަކަމުންނެވެ.

ފަހަރެއްގައި އޭނާގެ މި އެނބުރި އައުމަށް އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނީ ވެސް މި ސަބަބާ ހެދި އެވެ. "ތައްޔާރުވޭ" ގެ ނަމުގައި ޝައިހް އިލްޔާސްގެ ފޮޓޯއާ އެކު ފޭސްބުކުގައި ޕްރޮމޯޓްކުރަމުން އަންނަ ކާނިވަލުގެ އެއްވުމަށް އެ ފޭސްބުކް ގްރޫޕުގައި ދީނީ އިލްމުވެރިންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.

މި ފާޑުކިޔުންތައް، އެއް އިރެއްގައި ރާއްޖޭގެ އެންމެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަށް އަމާޒުވެފައި މި ވަނީ ހަމައެކަނި ދިވެހިންގެ ނުބައި ނުލަފާކަމާ ހެދިއެކޭ ބުނެވޭކަށް ނެތެވެ.

ދީނީ އިލްމުވެރިން ސިޔާސީވެގެން ގޮސް ހަމައިން ނެއްޓުނު ކަމަށް ދެކޭ މީހުން ވަރަށް ގިނަ އެވެ.

އެންމެ ފުރަތަމަ، ދީނުގެ ނަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާ ދެކޮޅެވެ. މައުމޫނުހާ ނުބައި ނުލަފާ ލީޑަރަކު ނެތެވެ. ދެން އޭރުގެ އިދިކޮޅު ލީޑަރު އަދި ފަހުން ވެރިކަމަށް ވަޑައިގެންނެވި މުހައްމަދު ނަޝީދާ ގުޅިވަޑައިގެން މައުމޫނުގެ ވެރިކަން ނިމުމަކަށް ގެނައީ އެވެ.

އެއަށް ފަހު ނަޝީދުހާ ނުބައި ނުލަފާ ލީޑަރަކު ނެތެވެ. އެހިސާބުން ނަޝީދުގެ ވެރިކަން ދައުރު ވެސް ހަމަ ނުވަނީސް ނިންމާލީ އެވެ. ދީނުގެ ނަމުގައި ސިޔާސީ ވެ ވަޑައިގެންނެވި މި ޝައިހުން ދެން ގުޅިވަޑައިގެންނެވި މަންޒަރު ފެނިގެން ދިޔައީ އެއްކަހަލަ މައުމޫނުގެ ވަފާތެރިންނާ އެވެ.

އެއް އިރެއްގައި އިލްޔާސަކީ ވެސް ސީދާ މައުމޫނުގެ "ނުބައި ވެރިކަމުން" ގައުމު ސަލާމަތްކޮށް ދެއްވުމަށް އެދި ނަޝީދުގެ އެމްޑީޕީއާ އެކު ކަރުނަ އޮއްސަވަމުން މުޒާހަރާތަކުގައި ދުޢާކުރައްވަމުން ގެންދެވި ބޭފުޅެކެވެ.

ގައުމުގެ ސިޔާސީ ހަލަބޮލިކަމުގައި، މަޝްހޫރު ދީނީ އިލްމުވެރިންތަކެއް ޖެހިވަޑައިގެންނެވި ހިސާބުން ފެށިގެން މި ރާއްޖޭގެ ދީނީ އިލްމުވެރިންގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓިއްޖެ ކަމަށް ބުނާއިރު އަނެއް ބަޔަކު ބުނަނީ ދީނީ ބޭފުޅުންގެ އަގު ވައްޓާލީ ސިޔާސީ މީހުން ކަމަށެވެ.

އިލްޔާސްގެ އެނބުރި އައުމަކީ ވެސް ސިޔާސީ ހާލަތު ވަޒަންކޮށްދޭ ހެއްކެކެވެ. ސިޔާސީ ގޮތުން މިހާ ހަލަބޮލިވެފައި އޮތް ދުވަސްވަރާ ދިމާކޮށް އެ ބޭފުޅާ ދަރުސެއް ދެއްވިޔަސް އަދި ފަތުވާއެއް ނެރުއްވިޔަސް، އެ ވާހަކައެއް ސިޔާސީނުވެ ނުދާނެކަން ޔަގީނެވެ. އަދި ބަޔަކު މީހުން އެ ވާހަކައެއް ސިޔާސީނުކޮށް ދޫކޮށްނުލާނެކަން ވެސް ޔަގީނެވެ. އެކަމަކު ކޮންމެ ކަމެއް ސިޔާސީ ނުކުރަމާ ހިނގާށެވެ.