އަބްދުﷲ މަސީހު މުހައްމަދު

ރިޔާސީ އިންތިހާބުގައި ރައީސް ޔާމީނަށް ފުވައްމުުލަކުން ދޭނީ ރަންވަނަ: މަސީހު

ދެހާސް އަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ޓިކެޓަށް މުޅި ފުވައްމަލަކުން ރަންވަނަ އެއް އަރުވާ އެމަނިކުފާނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ނަރުމަދާއި ފެނުގެ ވިއުގަ އިފްތިތާހު ކުރުމަށް މިއަދު ރައީސް ޔާމީނު ފުވައްމުލަކަށް ވަޑައިގަތުމުން މިރޭ އެ ސިޓީގެ ހާފިޒް އަހުމަދު ސްކޫލްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަސީހު ވިދާޅުވީ ރައީސް ޔާމީން 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވީ ގައުމު އާރާސްތު ކޮށް ދެއްވުމުގެ ވައުދުތަކާއެކުގައި ކަމަށާއި އާރާސްތު ކުރުމުގެ ބިޔަ މަސައްކަތްތައްތައް މުޅި ރާއްޖެއަށް ބެހި "ރޮކެޓް ސްޕީޑް" ގައި މަސައްކަތްތައް ކުރިޔަށްދާއިރު "މިރެއަކީ ފުވައްމަލުކަގެ ރެއެއް" ކަމަށެވެ. އަދި މިރޭ ފުވައްމުލަކުގައި އިފްތިތާހު ކޮށްދެއްވި ބޮޑު މަޝްރޫއަކީ ގާތްގަނޑަކަށް 300 މިލިޔަން ރުފިޔާގެ މަޝްރޫއެއް ކަމަށެވެ.

"އެމަނިކުފާނު ވިދާޅުވަނީ ދަތިތައް އެބަހުއްޓޭ، އެކި ދިމާގައި އެކިވަރުގެ އެކި ކަހަ؛ލަ ދަތިތައް އެބަހުއްޓޭ އެ ދަތިތައް މި ސަރުކާރުގެ ރިޔާސީ ދައުރުގައި ފަސޭހަ ކޮށްދެއްވާނަމޭ،" މަސީހު ވިދާޅުވި އެވެ.

މަސީހު ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ޓީމަކީ އެންމެ ވަރުގަދަ އެންމެ ހަލުއި ޓީމު ކަމަށާއި އެ ޓީމް ބަލި ކުރެވޭވަރުގެ ޓީމެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި މަހު ދެމަހުން ކަހަލަ ގޮތަކަށް ވަރުގަދަ މެޗްތައް ކުޅެ ކޮންމެ މެޗެއް އެ ޓީމުން ކާމިޔާ ކުރަމުން ދާއިރު 2018 އިގެ ފައިނަލް މެޗުގައި ބޮޑު ތަފާތަކުން މެޗް ކާމިޔާބުކޮށް ރައީސް ޔާމީނު ރިޔާސީ ތަށި ނަންގަވާނެ ކަމަށެވެ. އެ ތަށި ނެންގެވުމުގައި އެމަނިކުފާނުގެ ރިޔާސީ ޓިކެޓަށް ފުވައްމުލަކު ސިޓީން އަރުވާނީ ރަން ވަނަ ކަމަށެވެ.

މަސީހު ވަނީ ރައީސް ޔާމީންގެ ހިދުމަތްތަކާއި ތަރައްގީ ގެންނަވާ ގޮތަށް މިސާލު ޖައްސަވާ ރާއްޖޭގެ ހުރި މައްސަލަތަކަށް އެމަނިކުފާނު ހައްލު ހޯއްދަވައި ދެއްވަން ކުރައްވާ މަސައްކަތްތަކާއި އެކަންކަން ކުރެއްވުމަށް ރާވާލާފައިވާ ގޮތަށް ވިދާޅުވެ އެކަންކަމާ ގުޅޭ ގޮތުން ވެސް މިސާލު ޖައްސަވާފަ އެވެ. އަދި އެކަންކަން ހިއްސާ ކުރުމަށާއި އެ ހިއްސާ ކުރުމަށްޓަކައި ސިކުނޑިައި ލޯ ހުޅުވައިލުމަށް ވެސް އޭނާ އެދި ވަޑައިގެންނެވި އެވެ. -- ފުވައްމުލަކުން: އައިޝަތު މާހާ