ބޭރު ކުޅިވަރު

ޕޮގްބާ ފްރާންސް މޮޅުކޮށްދީފި

ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ޕައުލް ޕޮގްބާ ދުރުން ޖެހި ހަމައެކަނި ގޯލުން ވޯލްޑް ކަޕް ކޮލިފައިންގައި ނެދަލޭންޑްސް އަތުން ފްރާންސް ރޭ މޮޅުވެއްޖެ އެވެ.

މި މޮޅާއެކު ފްރާންސް އޮތީ ގްރޫޕް އޭގެ އެއްވަނާގަ އެވެ. އެއީ ސްވިޑްންއާ ޕޮއިންޓްގެ ގޮތުން އެއްވަރުގެ ގޯލުގެ ތަފާތުންނެވެ. ދެ ޓީމަށް ވެސް ލިބިފައިވަނީ ހަތް ޕޮއިންޓެވެ. ތިން ވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު ނެދަލޭންޑްސް އެވެ. ސްވިޑްން ރޭ މޮޅުވީ ބަލްގޭރިޔާ އަތުން 3-0އިންނެވެ.

މި މެޗަށް ފަހު ނެދަލޭންޑްސްގެ ކެޕްޓަން ސްޓްރޫޓްމަން ބުނީ ފްރާންސަކީ މާމޮޅު ޓީމެއް ކަމަށެވެ.

"އެމީހުން އަހަރުމެންނަށްވުރެ މާމޮޅު. އެކަަމަކު އަހަރުމެން އެމީހުންނަށް މާގިނަ ފުރުސަތެއް ނުދެން. ދުރުން ޖެހި ބޯޅައެއް ވަދެފައިވަނީ. އަހަރުމެންނަށް ލިބުނު ފުރުސަތުތައް ވެސް ބޭނުން ނުހިފި ދިޔައީ. އެކަމަކު ވެސް ކުޅުން ގޯހެއްނޫން،" އަމިއްލަ ގައުމުގައި ކުޅުނު މެޗަށް ފަހު ކެޕްޓަން ބުންޏެވެ.

މި މެޗުގައި ލިބުނު ހާނިއްކައިގެ ސަބަބުން ލިވަޕޫލްގެ ޖިއޯޖިއޯ ވައިނަލްޑަމް ވަނީ ބަދަލުކޮށްފަ އެވެ. އޭނާ އަށް ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅެވޭނެ ކަމާމެދު ވެސް ވަނީ ޝައްކުއުފެދިފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ޕޯޗުގަލް މޮޅުވީ ފެރޯއައިލެންޑްސް އަތުން 6-0އިންނެވެ. އަންދްރޭ ސިލްވާ ހެޓްރިކް ހެދިއިރު ދެން ގޯލު ޖެހީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޖޯކަންސެލޯ އާއި ޖޯމާރިއޯ އެވެ.

މި މޮޅާއެކު ޕޯޗުގަލް އޮތީ ބީ ގްރޫޕުގެ ދެ ވަނާގަ އެވެ. އެއީ ހަ ޕޮއިންޓާއެކުގަ އެވެ. އެއްވަނާގައިވަނީ ނުވަ ޕޮއިންޓާއެކު ސްވިޒަލޭންޑެވެ. އެގައުމު ރޭ މޮޅުވީ ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގައި އޮތް އެންޑޯރާ އަތުން 2-1އިންނެވެ. ފެރޯ އައިލެންޑް އޮތީ ހަތަރު ޕޮއިންޓާއެކު ހަންގޭރީގެ ފަހަތުން ހަތަރުވަނާގަ އެވެ.