ފުރަތަމަ ހަތް ސިކުންތު ނުވަނީސް ޖިބްރޯލްޓާ ކޮޅަށް ބެލްޖިއަމްގެ ކްރިސްޓިއަން ބެންޓެކޭ ޖެހި ގޯލާއެކު ވޯލްޑް ކަޕް ކޮލިފައިންގައި ދުނިޔޭގެ އެންމެ އަވަހަށް ގޯލެއް ޖެހި ކުޅުންތެރިއަކަށް އޭނާ ވެއްޖެ އެވެ.
ކުރިން މި ރެކޯޑް އޮންނަނީ 8.3 ސިކުންތުން ގޯލު ޖެހި ސޭން މަރީނޯގެ ޑޭވިޑޭ ގުއާލްޓިއޭރީ އަތުގަ އެވެ. އިނގިރޭސިން ކޮޅަށް އޭނާ ގޯލު ޖެހީ 1993 ވަނަ އަހަރު އެވެ.
ބެލްޖިއަމް 6-0އިން މޮޅުވި މެޗުގައި ކްރިސްޓަލް ޕެލަސްގެ ފޯވަޑް ވަނީ ހެޓްރިކް ވެސް ހަދާފަ އެވެ. ލިވަޕޫލުން ބޭނުން ނެތިގެން ދޫކޮށްލި ފޯވަޑް ލަނޑު ޖަހާފައިވަނީ ހަތް ވަނަ ސިކުންތާއި 43 ވަނަ މިނިޓާއި 57 ވަނަ މިނިޓުގަ އެވެ. މި މެޗުގައި ބެލްޖިއަމްގެ އަނެއް ތިން ލަނޑު ޖެހީ އެލްކެސް ވިސްޓެލް އާއި މާޓެންސް އަދި އެޑެން ހަޒާޑެވެ.
އެންމެ އަވަސް ގޯލު ޖެހުމުން ބެންޓެކޭ ބުނީ ލިވަޕޫލްގައި މާޔޫސްވި ސީޒަނަށް ފަހު 27 މިލިއަން ޕައުންޑަށް ކްރިސްޓަލް ޕެލަސް އަށް ބަދަލުވެ އޭނާ މިހާރު ހުރީ ރަނގަޅު ފޯމެއްގައި ކަމަށެވެ.
"އަހަރެން މިހާރު ހުރީ ރަނގަޅު ފޯމެއްގައި. އޭގެ އެޑްވާންޓޭޖް އަހަރެން މިދަނީ ނަގަމުން. ގޯސް ދުވަސްވަރަކަށް ފަހު މިހާރު އަހަރެން މިދަނީ ރަނގަޅަށް ކުޅެމުން. އަހަރެން ބޭނުންވަނީ މި ގޮތަށް ކުޅެން ދާއިމީކޮށް. ހެޓްރިކެއް ހެދުމަކީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު އަހަރެން އުއްމީދު ކުރަނީ މި ފޯމު ވަރުގަދަ ގައުމަކާ ދެކޮޅަށް ދެއްކޭނެކަމަށް. އެއީ އެންމެ މުހިންމު ކަންތައް. އެކަމަކު (ޓީމަށް ނާރައިގެން) އަހަރެން ޝަކުވާކުރާކަށް ނެތިން،" ބެންޓެކޭ ބުންޏެވެ.
މިދިޔަ މޭމަހު ފީފާގެ މެމްބަރުކަން ލިބުނު ޖިބްރޯލްޓާ އަކީ ފީފާ ރޭންކިންގެ 205 ވަނަ ގައުމެވެ. ބެލްޖިއަމް އޮތީ ދެ ވަނާގަ އެވެ.
މި ނަތީޖާއާއެކު ބެލްޖިއަމް އޮތީ ލަނޑުގެ ތަފާތުން ގްރޫޕް އެޗްގެ އެއްވަނާގަ އެވެ. ދެ ވަނާގައިވަނީ ރޭ އެސްޓޯނިއާ އަތުން 2-0އިން މޮޅުވި ގްރީސް އެވެ. ބެލްޖިއަމް އާއި ގްރީސް އަށް ވެސް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.
މި ގްރޫޕުގައި ބޮސްނިއާ އާއި ސައިޕްރަސް ކުޅުނު މެޗު 2-0އިން ކާމިޔާބު ކުރީ ބޮސްނިއާ އެވެ.