ބޭރު ކުޅިވަރު

ރޫނީ ބާކީކޮށް، ކެޕްޓަންކަން ހެންޑަސަން އަށް

ވޯލްޑް ކަޕް ކޮލިފައިންގައި މިރޭ ސްލޮވީނިއާ ދެކޮޅަށް ކުޅޭ މެޗުން އިނގިރޭސި ކެޕްޓަން ވޭން ރޫނީ ބާކީކޮށް، ކެޕްޓަންކަން ލިވަޕޫލްގެ ޖޯޑަން ހެންޑަސަން އަށް ދީފި އެވެ.

ވަގުތު ކޯޗު ގެރެތް ސައުތުގޭޓް ބުނީ މި ބަދަލަކީ ހޮނިހިރު ދުވަހުގެ ރޭ މޯލްޓާ އަތުން 2-0އިން އިނގިރޭސިން މޮޅުވި މެޗުގައި ރޫނީ ދެއްކި ކުޅުމަށް ބަލާފައި ގެނައި ބަދަލެއްނޫން ކަމަށެވެ. މި މެޗުގައި ރޫނީ ފުރަތަމަ 11ގައި ކުޅުނަސް އޭނާއަށްވުރެ ހުރިހާ ގޮތަކުން މޮޅަށް ކުޅުނީ އެހެން ކުޅުންތެރިންނެވެ.

"މިއީ ޓެކްޓިކަލް ބަދަލެއް. މިއީ އެއްގޮތަކަށް ވެސް އޭނާގެ ޕާފޯމަންސް ދަށްވެގެން ގެނައި ބަދަލެއްނޫން. ރޫނީ އަކީ ޓީމުގެ ކެޕްޓަން،" ކޯޗު ބުންޏެވެ.

ބެންޗަށް ބަދަލު ކުރުމުން ރޫނީ ބުނީ މިކަން އޭނާ ގަބޫލު ކުރާ ކަމަށާއި އަދި މިއީ ކެރިއަރުގައި ކުރިމަތިވެފައިވާ އުނދަގޫ ދުވަސްވަރެއްކަމާމެދު ވެސް އޭނާ އެއްބަސް ކަމަށެވެ.

އިނގިރޭސި ޓީމުގެ ފުރަތަމަ 11އިން ބާކީކުރިއިރު މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން އެކުލަބު އެންމެ ފަހުން ކުޅުނު ތިން މެޗުގައި ވެސް އިނީ ބެންޗުގަ އެވެ.

ނަމަވެސް ގައުމީ ޓީމަށް މިހާތަނަށް 118 މެޗު ކުޅެދީފައިވާ ކުޅުންތެރިޔާ ބުނީ އަބަދު ފުރަތަމަ 11ގައި ކުޅެމުންގޮސް ބެންޗުގައި އިންނަން ޖެހުމުން އެކަން ގަބޫލުކުރަންޖެހޭ ކަމަށާއި ކުލަބާއި ގައުމީ ޓީމުން ބޭނުންވެއްޖެ ކޮންމެ ވަގުތެއްގައި ވެސް ކުޅެން އޭނާ ތައްޔާރަށް ހުންނާނެ ކަމަށެވެ.

ރޫނީ ވަނީ ހެންޑަސަން އަށް ވެސް ތައުރީފްކޮށްފަ އެވެ.

"އޭނާ އަކީ ވަރަށް ފައްކާ ލީޑަރެއް. ސްޓީވަން ޖެރާޑް ޓީމު ދޫކޮށްދިޔަ އުނދަގޫ ވަގުތުގައި ކެޕްޓަންކަމާ ހަވާލުވެ އޭނާ އަންނަނީ އެ މަގާމު ވަރަށް ރަނގަޅަށް އަދާކުރަމުން. އޭނާ އަށް ގައުމީ ޓީމުގެ ކެޕްޓަންކަން ކުރަން ލިބުން ހައްގު. މިއީ އޭނާ އާއި އޭނާގެ އާއިލާ އަށް ހާއްސަ ވަގުތެއް،" ރޫނީ ބުންޏެވެ.