ވިޔަފާރި

ޓީ-ބިލަށް ނުދައްކާ ހުރި އަދަދު 17.6 ބިލިއަން ރުފިޔާއަށް އަރައިފި

ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެހުމަށް ދޫކޮށްފައިވާ ޓީ-ބިލާއި ބޮންޑުގެ ގޮތުގައި މިދިޔަ މަހުގެ ނިޔަލަށް ނުދައްކައި 17.6 ވިލިއަން ރުފިޔާ އެބަހުރި ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އާއްމުކުރި އިގްތިސާރީ ރިވިއުގައި ވާ ގޮތުން އަހަރުން އަހަރަށް ބަލާއިރު ސަރުކާރުގެ ކޭޝް ފްލޯ ހަމަޖައްސަން ދޫކޮށްފައިވާ ޓީ- ބިލާއި ޓްރެޝަރީ ބޮންޑުގެ އަދަދު 53 ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް މަހުން މަހަށް ބަލާއިރު މިއީ ވަރަށް ކުޑަ މިންވަރެއް ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.

"...ސަރުކާރުން ދޫކޮށްފައިވާ ސެކިއުރިޓީޒް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި ޓީ-ބިލް އަދި ބޮންޑު ދޫކޮށްފައިވާ މިންވަރު އިތުރުވުމެވެ،" އެމްއެމްއޭ އިން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ އަހަރުން އަހަރަށް ބަލާއިރު ބޭންކުތަކާއި އެހެނިގެން ވިޔަފާރިތަކުން ޓީ-ބިލްގައި އިންވެސްޓްކޮށްފައިވާ އަދަދުވެސް 33 ޕަސެންޓް ވެސް އިތުރުވެފައިވާ ކަށެވެ. މިދިޔަ މަހު ބޭންކްތަކާއި އެހެނިގެން ފަރާތްތަކުން ޓީ-ބިލްގެ ގޮތުގައި 11.2 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.

"...ފާއިތުވެދިޔަ ޖަނަވަރީ މަސް ނިމުނުއިރު، ޓީ-ބޮންޑްގެ އައުޓްސްޓޭންޑިންގް އަދަދު ހުރީ 6.4 ބިލިއަން ރުފިޔާ ގައެވެ. މަހުން މަހަށް ބަލާއިރު މި އަދަދަށް ބަދަލެއް އައިސްފައެއް ނުވެ އެވެ،" މަރުކަޒީ ބޭންކުން ބުންޏެވެ.