ވެލެންސިއާ

ވެލެންސިއާ ހަތަރު ވަނައިގައި، ސެމީ ޔަގީން ވާނީ މިއަދުގެ ނަތީޖާއިން

Oct 11, 2016

ޔުނައިޓަޑް ވިކްޓްރީއާ ދެކޮޅަށް ކުޅުނު މެޗް 1-0 ގެ ނަތީޖާއިން ކަމިޔާބު ކޮށް ޔޫތު ޗެމްޕިއަންޝިޕްގެ ތާވަލުގެ ހަތަރު ވަނަ އަށް ވެލެންސިއާ ޖެހިލައިފިއެވެ.

ގަދަ ހަތަރު ޓީމަށް ސެމީ ފައިނަލްގެ ޖާގަ ލިބޭއިރު، ސެމީގެ ފަހު ޖާގަ ކަށަވަރު ވާނީ ގުރޫޕް ސްޓޭޖްގެ ފަހު މެޗްގައި މިއަދު ނިއުރޭޑިއަންޓާ ވިކްޓްރީ ބައްދަލު ކުރާ މެޗްގެ ނަތީޖާއިންނެވެ. އެ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ސެމީގެ ޖާގަ ލިބޭނީ އެޓީމަށެވެ. ނަމަވެސް މެޗް އެއްވަރު ވެއްޖެނަމަ ވެލެންސިއާ ފުރުސަތު އެބައޮތެވެ.

ވެލެންސިއާގެ ހަމަ އެކަނި ލަނޑު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކުރީ މެންޗެސްޓާ ޔުނައިޓަޑްގެ އެކެޑެމީގައި ތަމްރީން ތައް ކުރިއަށް ގެންދިޔަ ޒުވާން ކުޅުންތެރިޔާ އިސްމާއިލް ޒާން އާމިރެވެ.

ވެލެންސިއާ ހަތަރު ވަނައިގައ އޮތީ 10 ޕޮއިންޓާއެކު އެވެ. ފަސް ވަނައިގައި އޮތް ވިކްޓްރީއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު ހަ ވަނައިގައި އޮތް ނިއުރޭޑިއަންޓަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ސެމީގެ ފުރަތަމަ މެޗްގައި ބައްދަލު ކުރާނީ ތާވަލުގެ އެއް ވަނައިގައި އޮތް ޓީސީ އާއި ދެ ވަނައިގައި އޮތް އީގަލްސްއެވެ. އެމެޗުން މޮޅުވާ ޓީމެއް ފައިނަލަށް ދާއިރު، ބަލިވާ ޓީމު ޖެހޭނީ ދެ ވަނަ ސެމީފައިނަލް މެޗްގައި ތިން ވަނަ ޓީމާއި ހަތަރު ވަނަ ޓީމުގެ ތެރެއިން މޮޅުވާ ޓީމަކާ ދެކޮޅަށް ތިން ވަނަ ސެމީ ފައިނަލްގައި ވާދަކުރާށެވެ. ފައިނަލްގެ ދެ ވަނަ ޖާގަ ލިބޭނީ ތިން ވަނަ ސެމީއިން މޮޅުވާ ޓީމަކަށެވެ. ސެމީ އާއި ފައިނަލް މެޗް ކުޅޭނީ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ.