ހަބަރު

ބޭސް ހޯދަން އެސްޓީއޯ އިން ލަންކާގެ ހެމާސް ގުޅިއްޖެ

Oct 11, 2016

ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް ހޯދުމަށް އެސްޓީއޯ އިން ލަންކާގެ ހެމާސް ފާމަސޫޓިކަލް ކުންފުންޏާ ގުޅިއްޖެ އެވެ.

އެއްބަސްވުމުގައި ސޮއިކުރުމަށްފަހު، ހެމާސްގެ ޑިރެކްޓަރު ފައިނޭންސް އޭކޭ ނިސަންކާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށް ދިނުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ.

މި ރަސްމިއްޔާތުގައި އެސްޓީއޯގެ ޗީފް ފައިނޭންސް އޮފިސަރު އިމާދު ވިދާޅުވީ މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ ދުނިޔޭގެ ބޭސް އުފައްދާ ކުންފުނިތަކުން ރާއްޖެއަށް ބޭނުންވާ ބޭސް ފޯރުކޮށް ދިނުން ކަމަށެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދުނިޔޭގެ ބޮޑެތި ބޭސް ކުންފުނިތަކުން ބޭސް ލިބުމުގައި ފަސޭހަ ވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދުނިޔޭގައި ބޭސް އުފައްދަކީ ދުނިޔޭގެ ބޮޑެތި ޖަޔަންޓްސް. ރާއްޖެއަކީ ވަރަށް ކުޑަ މާކެޓެއް. އެހެންވެ ރާއްޖެއަށް ބޭސް ގެނައުމުގައި ދަތިތަކާ ދިމާވޭ. އެ ބޭފުޅުން ބޭނުންވޭ މިނިމަމް އޯޑަރު ކޮމިޓްމަންޓެއް ދޭން. ނަމަވެސް ރާއްޖޭގެ މާކެޓު އޮންނަ ގޮތުން އެކަން ނުކުރެވޭ. ނަމަވެސް މި އެއްބަސްވުމުގެ ސަބަބުން ހެމާސް މެދުވެރިކޮށް މި ބޭސްތައް ލިބުމުގައި ފަސޭހަ ވެގެންދޭ،" އިމާދު ވިދާޅުވި އެވެ.

ހެމާސްއަކީ ސްރީލަންކާ އަށް ބޭސް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުންޏެވެ. މި ކުންފުންޏަކީ ލަންކާގެ ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ އެންމެ ވަރުގަދަ 10 ކުންފުނީގެ ތެރޭގައި ހިމެނޭ އެއް ކުންފުންޏެވެ.

ސޮއިކުރެއްވުމަށްފަހު، ހެމާސްގެ ޑިރެކްޓަރު ފައިނޭންސް އޭ.ކޭ ނިސަންކާ ވިދާޅުވީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށް ދިނުމުގެ މަގު ފަހި ވެގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ ބޭސް އުފައްދާ އެންމެ ބޮޑެތި ކުންފުނިތަކާ އެސޯސިއޭޓް ވެފައިވާ ކުންފުންޏެއް. އެހެންވެ އެ ކުންފުނިތަކުން ބޭސް ފޯރުކޮށް ދިނުމަށް މަގު ފަހިވާނެ،" އޭ.ކޭ ނިސަންކާ ވިދާޅުވި އެވެ.

އެސްޓީއޯއަކީ ރާއްޖެއަށް ބޭނުންވާ ބޭސް އެންމެ ގިނައިން ފޯރުކޮށްދޭ ކުންފުންޏެވެ. އެސްޓީއޯއިން ދަނީ ރާއްޖެއަށް ބޭނުންވާ ސިއްހީ ސާމާނު ފޯރުކޮށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.