ޓެކްނޯލޮޖީ

ނޯޓު 7 ނިންވާލާފައި ބާއްވަން ސެމްސަންގްއިން އަންގައިފި

Oct 11, 2016

މައްސަލަ ބޮޑުވެފައިވާ ގެލެކްސީ ނޯޓު 7 ގެ ފޯނުތައް ނިންވާލާ ބޭއްވުމަށް އެ ފޯނު ގެންގުޅޭ ކަސްޓަމަރުންނަށް ސެމްސަންގުން އަންގައިފި އެވެ. އެގޮތަށް އަންގާފައިވަނީ ފޯނުގެ ބެޓަރީގައި ރޯވެ ގޮވާ މައްސަލަ ބެލުމަށް ކުރެވޭ ތަހުގީގު ނިމެންދެނެވެެ. ސެމްސަންގުން މިހާރު ވަނީ ނޯޓު 7 ވިއްކުން ވަގުތީ ގޮތުން ހުއްޓާވެސްލާފަ އެވެ.

ފޯނު ވިއްކުން ވަގުތީ ގޮތުން ހުއްޓާލާފައިވަނީ ނޯޓް 7 ގެ ބެޓެރީ ހޫނުވެ، ފޯނުތައް ގޮވުމުގެ މައްސަލަ އަދިވެސް ހައްލުވެފައި ނުވާތީ އެވެ. ހޫނުވެގެން ގޮވާ ފޯނުތަކުގެ ބަދަލުގައި ސެމްސަންގުން ދެމުން ގެންދާ "ރަނގަޅު" ފޯނުތައް ވެސް ގޮވާ މައްސަލަ ބޮޑުވެފައިވާއިރު އެކަން ތަހުގީގުކުރަން ސެމްސަންގުން މިހާރު ވަނީ ފަށާފަ އެވެ.

ސެމްސަންގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ކުންފުންޏަށް އެންމެ މުހިންމީ ކަސްޓަމަރުންގެ ރައްކާތެރިކަން ކަމަށާއި ތަހުގީގު ނިމެންދެން ހުރިހާ ޕާޓްނަރުން ވެސް ފޯނު ވިއްކުން ހުއްޓާލުމަށް އެދޭ ކަމަށެވެ.

ދެކުނު ކޮރެއާގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ނޯޓު 7 ވިއްކުން ސެމްސަންގުން ދާއިމީ ގޮތެއްގައި ހުއްޓާލުމަކީ އެކަށީގެންވާ ކަމެކެވެ.

މައްސަލަ ހައްލުކޮށްފައި އޮތް ފޯނެއް މިފަހުން އެމެރިކާގެ މަތިންދާ ބޯޓެއްގައި ގޮވާފައިވާއިރު، އެމެރިކާގެ ބޮޑު ދެ މޯބައިލް ކުންފުންޏަކުން ވަނީ މިހާރު ގެލެކްސީ ނޯޓް 7 ގެ ޕެކޭޖުތައް ވެސް އުވާލައިފަ އެވެ. އޭގެ ތެރޭގައި ޓީ މޮބައިލް އާއި އޭޓީ އެންޑް ޓީ ހިމެނެ އެވެ.

ގެލެކްސީ ނޯޓް 7 އަށް ދިމާވެފައިވާ މި މުސީބާތުން އަރައި ނުގަނެވިގެން އުޅޭ ސެމްސަންގުގެ ވިޔަފާރި ވެސް ވަނީ އޭޝިއާގެ ހިއްސާގެ ބާޒާރުގައި އަޑިއަޅާލައިފަ އެވެ.