ހަބަރު

މުވައްޒަފަކާމެދު ކަސްޓަމްސްއިން ތަފާތުކުރުމުން ބަދަލުދޭން ޖެހިއްޖެ

ނޯ ޕޯ ލީވެއްގައި ހުރެ ކިޔެވުމަށްފަހު އެނބުރި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ ވަޒީފާއާ ގުޅުމުން ކިޔެވި ފެންވަރަށް މަގާމުގެ ކުރިއެރުން ދީފައިނުވާ ކަމަށް ބުނެ ކަސްޓަމްސްގެ މުވައްޒަފަކު ހުށަހެޅި މައްސަލައެއްގައި ބަދަލުދޭން ކަސްޓަމްސްއަށް ޖެހިއްޖެ އެވެ. ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މި މައްސަލަ ހުށަހެޅީ ގދ. ތިނަދޫ ހަލަވެލި، އިސްލާއީލް ހިލްމީ އެވެ.

އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ، ނޯޕޭ ލީވެއްގައި ހުރެ އަމިއްލަ ހަރަދުގައި "އެގްޒެކެޓިވް މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ހިއުމަން ރިސޯސް މެނޭޖްމެންޓް" ކޯސް އޭނާ ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި 2010 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަލުން ކަސްޓަމްސްގެ ވަޒީފާއަށް ނުކުތުމާއެކު އޭނާއަށްވުރެ ފަހުން މާސްޓާސް ޑިގްރީ ހާސިލުކޮށްގެން ކަސްޓަމްސްގެ ވަޒީފާއަށް އަލުން ނުކުތް މުވައްޒަފުންނެކޭ އެއްހަމައަކުން ހައްގުވާ ސުޕްރިންޓެންޑެންޓްފެ މަގާމުގެ ކުރިއެރުން ލިބިފައިނުވާ ކަމަށް މައްސަލާގައި އޭނާ ވަނީ ބުނެފަ އެވެ.

އެ މަގާމުގެ ކުރިއެރުން ލިބިފައިނުވާތީ، އެ މަގާމަށް އޭނާ ޕްރޮމޯޓްވިނަމަ އިތުރަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ނުލިބިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

މި މައްސަލާގައި ކަސްޓަމްސްއިން ބުނެފައިވަނީ، އިސްމާއިލް ހިލްމީ އަމިއްލަ ގޮތުން ތައުލީމް ހާސިލުކުރުމަށްފަހު ކަސްޓަމްސްގެ ވަޒީފާއަށް އަނބުރާ ނިކުތްއިރު އަމަލުކުރަމުންދިޔަ ސިވިލް ސާވިސްގެ ގަވައިދުގެ 97 ވަނަ މާއްދާގެ (ނ)ގައިވާ ގޮތުން މައްސަލަ ހުށަހެޅި ފަރާތް ކަސްޓަމްސްގެ ވަޒީފާއަށް އަނބުރާ ނުކުތުމާއެކު އޮޓަމެޓިކުން މަގާމެއް ހަމަޖެހެން ޖެހޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި، ކަސްޓަމްސްއިން ބޭނުންވެގެން ދެ ފަރާތުގެ ދެމެދުގައި ވަކި ގޮތަކަށް އެއްބަސްވެގެން ކިޔަވަން ފޮނުވި މުވައްޒަފަކު އެނބުރި އައުމުން އެ ފަރާތް ތަމްރީނުވި މަގާމެއް ދިނުމަކީ އަމިއްލަ ގޮތުން ކިޔަވާ އެހެން ފަރާތަކާމެދު ތަފާތުކުރުން ކަމަށް އެ ސާވިސްއިން ނުދޭ ކަމަށެވެ. އެހެންކަމުން އިސްމާއިލް ހިލްމީއާމެދު ތަފާތުކުރުމެއް ގެންގުޅިފައިނުވާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ.

މި މައްސަލަ ޓްރައިބިއުނަލުން ބެލުމަށްފަހު ބުނެފައިވަނީ، އިސްމާއިލް ހިލްމީ ކޯސް ފުރިހަމަކޮށް އެނބުރި އޮފީހަށް ނުކުތުމުން މަގާމުގެ ކުރިއެރުން ދީފައިނުވަނީ މަގާމު ރިޒާވްކުރެވިފައިނެތުމުން ކަން އޭނާއަށް ކަސްޓަމްސްއިން ދީފައިވާ ލިޔުމުން އެނގެން އޮންނަ ކަމަށެވެ. އެހެންނަމަވެސް އިސްމާއިލް ހިލްމީއަށް މަގާމުގެ ކުރިއެރުން ނުދީ، މާސްޓާސް ޑިގްރީ ހާސިލުކޮށްގެން އައި މުވައްޒަފުންނަށް މަގާމުގެ ކުރިއެރުން ދީފައިވަނީ އެ މުވައްޒަފުންނަށް މަގާމު ރިޒާވްކޮށްފައި ހުރުމުންކަން ކަސްޓަމްސްއަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ.

އެހެންކަމުން އިސްމާއިލް ހިލްމީއަށް މަގާމުގެ ކުރިއެރުން ދިނުމުގައި ކަސްޓަމްސްއިން ތަފާތުކުރުން ގެންގުޅިފައިވާ ކަމަށް މި މައްސަލަ ބެއްލެވި ތިން މެންބަރުންގެ އިއްތިފާގުން ވަނީ ނިންމަވާފަ އެވެ.

ޓްރައިބިއުނަލުން ވަނީ އިސްމާއިލް ހިލްމީއަށް ސްޕްރިންޓެންޑެންޓެއްގެ މަގާމު ހަމަޖައްސައިދިނުމަށް އަންގާފަ އެވެ. އަދި 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 31 ވަނަ ދުވަހުން ފެށިގެން ލިބެންޖެހި ނުލިބާ މަގާމުގެ ކުރިއެރުމާ އެ ކުރިއެރުންތަކާ ގުޅިގެން ލިބެންޖެހޭ މުސާރައާއި އިނާޔަތްތަކާއި މާލީ އެންމެހައި ހައްގުތައް ހަމަޖެއްސުމަށް ވެސް ވަނީ އަންގާފަ އެވެ.