ބޭރު ކުޅިވަރު

ކީޕަރު ހާޓް އިނގިރޭސިން ސަލާމަތްކޮށްދީފި

ގޯލްކީޕަރު ޖޯ ހާޓް މޮޅަށް ކުޅެ ސްލޮވީނިއާ އަތުން ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އިނގިރޭސީން ބަލިނުވެ ސަލާމަތްކޮށްދީފި އެވެ.

ކެޕްޓަން ޖޯޑަން ހެންޑަސަން އާއި އެރިކް ޑަޔާ ހެދި މިސްޓޭކްތަކުގެ ސަބަބުން މެޗުގެ ކުރީކޮޅު ސްލޮވީނިއާ އަށް ލިބުނު ހުސް ފުރުސަތުތައް ބޭކާރުވީ ހާޓްގެ ސަބަބުންނެވެ. މެޗަށް ފަހު ކޯޗު ގެރެތް ސައުތު ގޭޓް ވެސް ވަނީ އިޓަލީގެ ޓޯރިނޯގެ ކީޕަރަށް ތައުރީފްކޮށްފަ އެވެ.

"އޭނާ [ހާޓް] ވަރަށް މޮޅަށް ކުޅުނު. އޭނާ އެހާ މޮޅަށް ނުުކުޅުނުނަމަ އަހަރުމެން ސަލާމަތް ނުވީސް. ހާޓް ވަރަށް މޮޅު. އެކަމަކު މި މެޗުގައި އަހަރުމެންނަށް އަސްލު ކުޅުމެއް ނުދެއްކުނު. އެކަމަކު އެންމެ މުހިންމު ކަމަކީ ވޯލްޑް ކަޕަށް ކޮލިފައިވުން. އެހެންވީމާ މެޗު އެއްވަރުވިޔަސް ކޮލިފައިން ނިމޭއިރު ޓީމު އޮންނަ ހިސާބަށް ބެލެވޭނީ،" ވަގުތީ ގޮތުން ޓީމާ ހަވާލުވެ ހުރި ކޯޗު ބުންޏެވެ.

މި މެޗު އެއްވަރުވި ނަމަވެސް އިނގިރޭސި ޓީމު އޮތީ ހަތް ޕޮއިންޓާއެކު އެއްވަނާގަ އެވެ.

މެޗަށް ފަހު ކީޕަރު ހާޓް ބުނީ މިއީ ފަހަކަށް އައިސް އޭނާ އެންމެ މޮޅަށް ކުޅުނު މެޗު ކަމަށާއި މާދަމާ ހެނދުނު ތެދުވާނެ ހިތްވަރު އޭނާގެ ގަޔަކު ނެތް ކަމަށެވެ.

"އަހަރެންގެ ގޯލް ކުރިމައްޗަށް ވެއްޓުނީ ކިތައް ފަހަރު. ވަރަށް ތަދުވެފައި މިވަނީ ގަޔަށް. ޔަގީނުން ވެސް އަހަންނަށް މާދަމާ ހެނދުނު ނުތެދުވެވޭނެ. އެހާވަރަށް ތަދުވެއްޖެ. އަހަރުމެންނަށް މި މެޗުގައި ހެދުނު ބައެއް ގޯސްތަކުގެ ސަބަބުން މޮޅު ނުވެވުނީ. އެކަމަކު ހުރިހާ ކުޅުންތެރިން ވެސް ހިތްވަރުކުރި،" މެންޗެސްޓާ ސިޓީން ބޭނުން ނެތުމުން ލޯނު އުސޫލުން ޓޯރިނޯ އަށް ކުޅޭ ކީޕަރު ބުންޏެވެ.