ވިޔަފާރި

ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނު ހަތް ޕަސެންޓް އިތުރު ވެއްޖެ

ބޭންކް ތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު ހަތް ޕަސެންޓް އިތުރުވެފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި، ބޭންކްތަކުން އަމިއްލަ ފަރާތްތަކަށް ދޫކޮށްފައިވާ ލޯނުގެ މިންވަރު ފާއިތުވެދިޔަ ޑިސެމްބަރު މަހާއި އަޅާ ބަލާއިރު، މި އަހަރުގެ ޖެނުއަރީ މަހު އެއް ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާ ބަލާއިރު ހަތް ޕަސެންޓް އިތުރުވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެ އެވެ.

މަރުކަޒީ ބޭންކުން ބުނީ ފާއިތުވެ ދިޔަ ޖެނުއަރީ މަސް ނިމުނުއިރު، އިގްތިސާދުގައި 28 މިލިއަން ރުފިޔާ ހުރި ކަމަށާއި، އަހަރުން އަހަރަށް ބަލާއިރު ޖުމްލަ ފައިސާ އިތުރުވި މިންވަރު މަޑުޖެހިފައިވާ ކަމަށެވެ.

"... ޑިސެންބަރު މަހު ޖުމްލަ ފައިސާ ފަނަރަ ޕަސެންޓް އިތުރުވެފައިވާއިރު، މި އަހަރުގެ ޖެނުވަރީ މަހު ޖުމްލަ ފައިސާ އިތުރުވެފައިވަނީ އަށް ޕަސެންޓަށް އިތުރުވެފަ އެވެ. ޖުމްލަ ފައިސާ އިތުރުވި މިންވަރު ދަށަށް ދިއުމުގެ މައިގަނޑު ސަބަބަކީ ބޭންކިން ނިޒާމުގެ ނެޓް ފޮރިން އެސެޓްސް އިތުރުވި މިންވަރު ދަށަށް ދިއުމެވެ،" މަރުކަޒީ ބޭންކުން ބުނެފައިވެ އެވެ.

މަރުކަޒީ ބޭންކުން ބުނީ އޯވަނައިޓް ޑިޕޮސިޓް ފެސިލިޓީ (އޯޑީއެފް) ގެ ގޮތުގައި ވިޔަފާރި ބޭންކްތަކުން އެވްރެޖްކޮށް ބަހައްޓާފައިވާ ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއަށް އަރާފައިވާ ކަމަށެވެ. މިއީ މަހުން މަހަށް ބަލާއިރު 475.8 މިލިއަން ރުފިޔާ އިތުރު އަދަދެއް ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

"...ދެހާ ސާދަ ވަނަ އަހަރުގެ ޖަނަވަރީ މަހާ އަޅާބަލާއިރު މިއީ 1.8 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. އަހަރުން އަހަރަށް ބަލާއިރު އޯޑީއެފް ގައި ބަހައްޓާފައިވާ އަދަދު އިތުރުވުމުގެ މައިގަނޑު ސަބަބަކީ ޕަން މާކެޓް އޮޕަރޭޝަންސް 2014 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ވަގުތީގޮތުން ހުއްޓާލުމާ ގުޅިގެން، ވިޔަފާރި ބޭންކްތަކުން އޯޑީއެފް ގައި ބަހައްޓާފައިވާ އަދަދު އިތުރުކުރުމެވެ،" މަރުކަޒީ ބޭންކުން ބުންޏެވެ.