ހަބަރު

ތުހުމަތުތަކަށް ފެނަކައިގެ ކުރީގެ އެމްޑީ ޖަވާބު ދެއްވައިފި

ގަވައިދާ ހިލާފު އެއްވެސް ކަމެއް ފެނަކަ ކޯޕަރޭޝަންގެ ތެރެއިން ހިންގާފައި ނުވާނެ ކަމަށް އެ ކޯޕަރޭޝަންގެ ކުރީގެ އެމްޑީ މުހައްމަދު ނިމާލް މިއަދު ވިދާޅުވެ، ބައެއް ކަންކަން ސާފުކޮށް ދެއްވައިފި އެވެ. ނިމާލް މަގާމުން ވަކި ކުރެއްވި ފަހުން ފުރަތަމަ ފަހަރަށް މިއަދު މީޑިއާއާ ވާހަކަ ދެއްކެވީ ރައީސް އޮފީހުން އެންގި ގޮތާ ހިލާފަށް ފެނަކައަށް ޑީސަލް ގަނެފައިވާ ކަމަށް ނިމާލުގެ މައްޗަށް ވަނީ ތުހުމަތުކޮށްފައި ވަނިކޮށެވެ.

ނިމާލް މިޑިއާއަށް މިއަދު ވާހަކަ ދައްކަވާފައި ވަނީ ކޯޕަރޭޝަންގެ ޗެއާމަންކަމުން މިއަދު ކުއްލި ގޮތަކަށް އިސްތިއުފާދެއްވި މުހައްމަދު ނަދީމު މަގާމުން ވަކިވެ ވަޑައިގަންނަވަމުން ދައްކަވާފައިވާ ބައެއް ވާހަކަފުޅުތަކާ ގުޅިގެނެވެ. ނަދީމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުންނެވެ.

އިސްތިއުފާ ދެއްވުމަށްފަހު ނިމާލަށް ތުހުމަތުތަކެއް ކުރައްވާ ނަދީމް ރައީސް އޮފީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ބޯޑަށް ނޭނގި ގިނަ ކަންތައްތަކެއް ނިންމާފައިވާ ކަމަށާއި އެ ނިންމުތަކުގެ މައުލޫމާތު އޭނާއަށް ލިބެނީ މީޑިއާތައް މެދުވެރިކޮށް ކަމަށެވެ. އެގޮތުން ރައީސް އޮފީހުން ވަކި ގޮތެއް އަންގާފައިވަނިކޮށް އެ ގޮތާ ހިލާފަށް ފެނަކައަށް ޑީސަލް ގަނެފައިވާ ކަމަށެވެ. އެހެން ވިދާޅުވި ނަމަވެސް އެކަމުގެ ތަފްސީލެއް ސިޓީގައި ނުވެ އެވެ. -- ނަދީމު ނިމާލްގެ މައްޗަށް ތުހުމަތުތަކެއް ކުރެއްވެވި އިރު އޭނާއަކީ ފެނަކައިގެ ބޯޑުގެ ޗެއާމަންގެ އިތުރުން ބޯޑުގެ ތެރެއިން އުފައްދާފައިވާ އޮޑިޓް ކޮމެޓީގެ ވެސް ޗެއާމަނެވެ. އެއީ ކުންފުނީގެ އެމްޑީ ހިމެނި ވަޑައިގަންނަވާ ކޮމެޓީއެއް ނޫނެވެ.

އެނގިފައިވާ ގޮތުން ރައީސް އޮފީހުން ފެނަކައަށް އަންގާފައިވަނީ ފެނަކައިން ކަރަންޓުގެ ހިދުމަތްދޭ ރަށްތަކަށް ވަކި ރޭޓެއްގައި އެސްޓީއޯއިން ތެޔޮ ގަތުމަށެވެ. އެއީ ގާތްގަނޑަކަށް 8ރ. އަށް ނުވަތަ 8.10ރ އަށް ތެޔޮ ލިޓަރެކެވެ.

ނަދީމްގެ ތުހުމަތުތަކާ ގުޅިގެން މިއަދު "އަވަސް" އާ ވާހަކަ ދައްކަވަމުން ނިމާލް ވިދާޅުވީ، ރައީސް އޮފީހުގެ ސިޓީއާ ގުޅިގެން އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާއި ކުންފުނީގެ ސީނިއާ މެނޭޖްމެންޓްގެ ޓީމެއް ގޮސް މަޝްވަރާ ކުރެވުނު ކަމަށާއި ނަމަވެސް ތަފާތު ސަބަބުތައް ހުރުމުން ބައެއް އަތޮޅުތަކުގައި ހިންގާ އިންޖީނުގެތަކަށް އެފްއެސްއެމުން ޑީސެލް ހޯދިފައި ނުވާ ކަމަށެވެ. އަދި އެފްއެސްއެމުން އެސްޓީއޯއަށާއި ރައީސް އޮފީހަށް ދޭ ޖަވާބާއި ފެނަކައަށް އެފްއެސްއެމުން ދޭ ޖަވާބު މުޅިން ތަފާތުވާ ކަމަށެވެ. މިކަމަށް ކުންފުނިން މަޝްވަރާ ކުރުމަށް ވަޑައިގެންނެވި ޓީމުގެ ހުރިހާ މެންބަރުން ވެސް ހެކިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެފްއެސްއެމުން ކުރިމަތި ކުރުވި ޝަރުތުތަކުގެ ތެރޭގައި ބަނދަރު ސަރަހައްދުން 300 ފޫޓާ ދުރު ނޫން ހިސާބެއްގައި ކޮންމެ ރަށެއްގައި ތެޔޮ ރައްކާ ކުރުމަށް ތާނގީ ހަދަންޖެހެ އެވެ. ނަމަވެސް އެކަމަކީ ކުރު މުއްދަތެއްގެ ތެރޭގައި އެއް ފަހަރާ ކުރެވޭނެ ކަމަކަށް ނުވާތީވެ އެ ގޮންޖެހުންތައް އޭރު ކުރިމަތި ކަމަށް ވެސް ނިމާލް މިއަދު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއާ އެއްގޮތަށް އަމަލު ކުރުމަށްޓަކައި ތާނގީތައް ބަނުމަށް ބިން ހޯދަން ރަށު ކައުންސިލްތަކާއި މަޝްވަރާކޮށް ޖުމްލަކޮށް ހުރިހާ ރަށެއްގެ ކައުންސިލުން ވެސް އެކަމަށް އިންކާރުކޮށްފައިވާ ކަމަށެވެ.

"އޭރު ކައުންސިލްތަކުން ދެމުން ދިޔަ ޖަވާބަކީ ރަށުގެ ބަނދަރު މަތީގައި ތެޔޮ ތާނގީއެއް ބަނދެ ބަހައްޓައިފިނަމަ ރަށުގެ މަލަމަތި ހަޑިވެ ކައުންސިލް ތަކުން ކުރިޔަށް ރާވާފައި ހުންނަ މަޝްރޫއުތަކަށް ވެސް ބުރޫއަރާނެ ކަމަށް، އޭގެ ތެރޭގައި ހިމެނޭ ޕާކް ހެދުމާއި މައިޒާން ފަދަ ތަންތަން ހެދުން ވެސް" ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ އެފްއެސްއެމުން ތެޔޮ ފޯރުކޮށްދެނީ ބަނދަރާ ހަމައަށް ކަމަށާއި އެހެން އޮތުމުން ގިނަ ރަށްރަށުގައި އިންޖީނުގެއާ ހިސާބަށް ތެޔޮ އުފުލުމަށް އިތުރަށް ބޮޑެތި ހަރަދުތަކެއް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އަމިއްލަ ފަރާތްތަކުން ތެޔޮ ގަތުމުން އެ ފަރާތަކުން ހުށަހަޅާ އަގަކާއެކު އިންޖީނުގެ ކޮންމެ ސަރަހައްދެއްގައި ހުރި ނަމަވެސް އެ ސަރަަހައްދަކަށް ތެޔޮ ފޯރުކޮށްދޭ ކަމަށާއި އެކަން ކޮށް ދެނީ ވެސް އެމީހުން ވަސީލަތްތަކުގެ ބޭނުން ހިފައިގެން ކަމަށެވެ.

"އެހެން އޮތީމަ ޑީސަލް ގަތުމަށް ކުންފުނިން [ފެނަކައިން] ކުރަން ޖެހޭ ހަރަދުން ބައެއް ސަލާމަތް ކުރެވުނު، ނަމަވެސް އެފްއެސްއެމުން އެ ގޮތަކަށް ހިދުމަތެއް ނުދޭ... ފެނަަކައިން ތެޔޮ ހޯދާފައި ހުންނާނީ އެފްއެސްއެމުން ފެނަކައަށް ތެޔޮ ވިއްކަން ހުށަހަޅާ އަގަށްވުރެ ހެޔޮކޮށް،" ނިމާލް ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ އެ އުސޫލުން ފެނަކައަށް ޑީސެލް ގަންނަމުން ދިޔައީ އެފްއެސްއެމްގެ އަގަށްވުރެ ހެޔޮކޮށް ކަމަށާއި ރަށްރަށުގެ ތެލުގެ ވިޔަފާރިކުރާ އަމިއްލަ ފަރާތްތަކުގެ އަތުން ފެނަކައަށް ތެޔޮ ގަތުމުގައި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގާފައިނުވާނެ ކަމަށެވެ.

"އަޅުގަނޑު އެއްވެސް ބަޔަކާ ގުޅިގެން ފެނަކައިގެން ތެރެއިން ހިޔާނާތުގެ އަމަލެއް ހިންގާފައިވާނަމަ އެކަން ބެލޭނެ ގޮތްތައް އެބަހުރި އޭސީސީއަށް ވަޑައިގެން އެކަން ތަހުގީގު ކުރެއްވޭނެ އެއީ ކޮންމެ މީހަކަށް ވެސް ފަހިވެފައި އޮތް ފުރުސަތެއް، އަޅުގަނޑުވެސް ބޭނުންވޭ އަޅުގަނޑުގެ އެފަދަ އަމަލެއް ނެތްކަން ސާފުވާން އަދި އެކަމުގައި އަޅުގަނޑު މިހުރީ ވަރަށް ސާބިތު ކަމާއެކު. ފެނައަކީ އަޅުގަނޑު އަތް މައްޗަށް ވިހޭ 'ބޭބީ' އެއް. މިއަދު ފެނަކާ އެހިސާބަށް ތަރައްގީ ކޮށްފައިވަނީ އަޅުގަނޑު 24 ގަޑި އިރު މަސައްކަތްކޮށްގެން މިއަދު އެއީ އިންސްޓިޓުއުޝަނެއް އަދި މިހާރު އެއީ ފަހުރުވެރިވެވޭ ބްރޭންޑެއް. އެތާނގެ ކަންކަން ހިނގާނީ ޕޮލިސީތަކާ އެއްގޮތަށް އެއީ ހެދިފައި ހުރި އެއްޗެހި އެއްވެސް ކަމެއް އޭގެ ބޭރަކުން ނުދާނެ،" ނިމާލް ވިދާޅުވި އެވެ. "ފެނަކައަށް ދެރައެއް ލިބޭކަށް އަޅުގަނޑު ބޭނުމެއް ނުވާނެ... ވާދަވަރި ވިޔަފާރި މާހައުލެއްގައި އެއް ވިޔަފާރިއެއް ދެ ފަރާތަކަށް ނުދެވޭ، އޭގައި ނުލިބޭ ފަރާތުން އަބަދުވެސް ތުހުމަތުތައް ކުރޭ، އެގޮތުން ކުރާ ތުހުމަތުތަކެއްގައި ވިޔަފާރި ނުލިބޭ ފަރާތުން އޭސީސީއަށް ސިޓީއެއް ހުށަހެޅުމަކީ ހިޔާނާތުގެ އަމަލެއް ހިންގީ ކަމަކަށް ނުނިންމޭނެ، ޕޮލިސީތަކާއި އުސޫލުތަކުގެ ތެރެއިން ދާއިރު އެކި ޒިންމާތަކުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން ބޭފުޅަކު ކަމެއް ގޯހުން ހިންގިއަސް އެފަދަ ކޮންމެ ކަމަކީ އެމްޑީ ޒިންމާވާން ޖެހޭ ކަމެއް ނޫން،"

މައި ކަރަންޓް ކުންފުނި، ސްޓެލްކޯގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާ އަދި މެނޭޖްމެންޓާއި މާކެޓިންގެ ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވާފައިވާ ނިމާލް ވިދާޅުވީ ފެނަކައިގެ ޗެއާމަން ކަމުން ނަދީމް އިސްތިއުފާ ދެއްވުމުގެ ކުރިން އޭނާ މީގެ ހަފުތާއެއް ކުރިން ނިމާލާ ހިއްސާ ކުރެއްވި ވާހަކަ ތަކާއި މަގާމުން އިސްތިއުފާ ދެއްވަން ނަދީމް ފޮނުއްވެވި ސިޓީގައި ވިދާޅުވެފައިވާ ވާހަކަތަކާއި ދިމާ ނުވާ ކަމަށެވެ.

"އިސްތިއުފާ ދެއްވާނެ ކަމަށް އަޅުގަނޑު ކައިރީގައި ވިދާޅުވީ މިހާރު އޮތް މެނޭޖްމެންޓް އާއި އެއްކޮށް ފަސޭހައެއް ނުވާނެ ކަމަށް މަސައްކަތް ކުރައްވާކަށް. އެހެންވެ އިސްތިއުފާ ދެއްވަން ވިސްނަވާ ވާހަކަ،" ނިމާލް ވިދާޅުވި އެވެ. "ކުރީން ގޯސްކޮށް ކަންކަން ކުރި ކަމަށް ބުނާ މީހާ [ނިމާލް] މިހާރު އެތާކު [ފެނަކައިގައި] ނެތް، އެހެންވެ ގޯސްކޮށް ހުރި ކަންކަން ރަނގަޅު ކޮށްލައިގެން ކިތަންމެ ރަނގަޅަކަށް ފެނަކަ ހިންގަން ވެސް ޗެއާމަންއަށް މަޑުކުރެވެން ވާނެ، ކުރީން ބައެއް ކަންކަން ގޯސްކޮށް އޮތް ނަމަވެސް މިއަދު އާ މެނޭޖްމެންޓްއަކާއެކު އެކަންކަން ވެސް ރަނގަޅުވާނެ ކަމުގެ އުއްމީދުގައި އެ މެނޭޖްމެންޓަށް ފުރުސަތު ދީގެން މަސައްކަތްނުކޮށް އިސްތިއުފާ ދެއްވުމުން ސުވާލު އުފެދޭ،"

ނިމާލް ވިދާޅުވީ، ނަދީމާއި އޭނާއާ ދެމެދު ނުތަނަވަސް ކަމެއް އުފެދުނީ އެންމެ ފަހުން ބޭއްވި ޕީޕީއެމްގެ ކައުންސިލްގެ ބައްދަލުވުން ދޫކޮށް، އޭނާ ނުކުންނެވި ހިސާބުން ކަމަށެވެ. އޭގެފަހުން ދެމީހުންގެ ދޭތެރޭ "ކޮންމެވެސް ވަރެއްގެ ނުކިއްސަރު ކަމެއް" އޮތް ކަމަށެވެ. އެހެން ނަމަވެސް ނަދީމަކީ އަދިވެސް އިތުބާރު ކުރައްވާ ވަރަށް ގާތް އެކުވެރިއެއް ކަމަށެވެ.

ފެނަކައިގެ ބައެއް މުވައްޒަފުން އަވަސް އަށް މައުލޫމާތު ދިން ގޮތުގައި ނިމާލު މަގާމުން ވަކިކުރެއްވުމާއެކު ފެނަކައިގެ ދަށުން ހިނގަމުން އަންނަ އިންޖިނުގެ ތަކާއި މާލޭގެ ހެޑް އޮފީހުގައި ތިބި ވަރަށް ގިނަ އަދަދެއްގެ މުވައްޒަފުންނަށް ޝޮކެއް ލިބުނު ކަމަށެވެ.

ނިމާލް ފެނަކައިގެ މަގާމުން ވަކި ކުރެއްވި ނަމަވެސް އޭނާ މަގާމުން ވަކިކުރެއްވި ރޭ މުވައްޒަފުންނާ ބައްދަލު ކުރައްވާ އޭނާ ހުންނެވީ ރައީސް ޔާމީނާއި އެކުގައި ކަމަށާއި ފެނަކައިގެ މުވައްޒަފުން ވެސް އެ ގޮތުގައި އިހުލާސްތެރިކަމާއެކު ތިބުމަށް އެދި ވަޑައިގެންނެވި ކަމަށް ވެސް ވެއެވެ.

ފެނަކާއާއެކު ރާއްޖޭގެ އަތޮޅުތަކުގެ ކަރަންޓްގެ ނިޒާމް ބަދަލުކޮށްލެއްވި، އަދި 24 ގަޑި އިރުގެ ކަރަންޓް ޔަގީން ކޮށްދެއްވި ޒަމާން ގެނެސްދެއްވި މޭސްތިރިޔާ ކަމަށާއި އޭނާގެ ނަން ރާއްޖޭގެ ތާރީހަށް ވަދެގެން ދަނީ ރަންއަކުރުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ ސިފަ ކުރައްވާފަ އެވެ.