އަންނަ ހޯމަ ދުވަހު އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗަށް ޔުނައިޓެޑާ ގުޅުން ބޮޑު ރެފްރީއަކު ހަމަޖެއްސުމުން ލިވަޕޫލް ސަޕޯޓަރުން ރުޅިގަދަވެ، މައްސަަލަ ގޯސްވެއްޖެ އެވެ.
އިނގިރޭސި އެންމެ ވާދަވެރި ދެ ޓީމުގެ މެޗަށް ހަމަޖައްސާފައިވާ ރެފްރީ އެންތަނީ ޓެއިލާއަކީ މެންޗެސްޓާގެ ރައްޔިތެކެވެ. އޭނާގެ ގެ ހުންނަނީ ޔުނައިޓެޑުގެ އޯލްްޓްރެފަޑް ސްޓޭޑިއަމާ އެންމެ ހަމޭލު ދުރުގަ އެވެ.
އިނގިރޭސި ރެފްރީޒް ޗީފް ކެއިތް ހަކެޓް ބުނީ މައްސަލައަކީ ޓެއިލާއަކީ އޯލްޓްރެފަޑާ ގާތުގައި އުޅޭ މީހަކަށްވުން ކަމަށާއި އޭނާގެ އިންޓެގްރިޓީއާ މެދު އެކަކުވެސް މައްސަަލަނުޖައްސާ ކަމަށެވެ.
"އެކަމަކު ކަމެއް ގޯސްކޮށް ގޮސްފިއްޔާ އެކަން ގަބޫލެއް ނުކުރެވޭނެ. ރެފްރީން މެޗުތަކަށް ހަމަޖައްސަނީ އެމީހަކު ސަޕޯޓްކުރާ ޓީމާއި ނިސްބަތްވާ ސަރަހައްދަށް ވެސް ބަލާފައި. އެންތަނީ އަކީ ޔުނައިޓެޑްގެ ސަޕޯޓަރެއްނޫން. އޭނާއާ ޔުނައިޓެޑާ ގުޅުމެއްނެތް. އޭނާ ސަޕޯޓްކުރަނީ ވެސް ވެސް ނެޝަނަލް ލީގުގެ އަލްޓްރިންޗަމް އަށް،" ހެކެޓް ބުންޏެވެ.
ނަމަވެސް ލިވަޕޫލްގެ ސަޕޯޓަރުން ވަނީ މިކަމާ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ. އޭގެ އެއް ސަބަބަކީ މީދެ ދެ އަހަރު ކުރިން ކީޕަރު ސިމޯން މިގްނޮލެޓަށް ވެސްޓްހޭމްގެ އެންޑީ ކެރޯލް ކުރި ފައުލަކާ ގުޅިގެން ލިވަޕޫލާ ދެކޮޅަށް ގޯސް ނިންމުންތަކެއް ނިންމާފައިވުމެވެ.
ރެފްރީގެ މައްސަލާގައި ހަކެޓް ވަނީ އިނގިރޭސި އެންމެ ކާމިޔާބު އަދި ގިނަ ބަޔަކު އެމެޗަށް އިންތިޒާރުކުރާ މެޗުގައި ރެފްރީކަން ކުރަންޖެހޭނީ މަޝްހޫރު ރެފްރީ މާކް ކެޓަލަންބާގް ކަމަށް ދެކޭ ކަމުގައި ވެސް ބުނެފަ އެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާގައި ކެޓަލަންބާގް ހަމަޖައްސާފައިވަނީ އެހެން މެޗެއްގެ ހަތަރުވަނަ އޮފިޝަލަކަށެވެ.
ހަކެޓް ބުނީ އެންތަނީ ޓެއިލާއާ ޔުނައިޓެޑާ ގުޅުވަައިގެން މިހާތަނަށް އެއްވެސް ޝަކުވާއެއް ރަސްމީކޮށް ލިބިފައިނުވާ ކަމަށެވެ. ނަމަވެސް މި ސަޕޯޓަރުންގެ ޕްރެޝާ ބޮޑުވުމުން މީގެ ކުރިން ވަނީ ރެފްރީން ބަދަލުކޮށްދީފަ އެވެ. މި ގޮތުން މި ފަހަރުން ރެފްރީން ބަދަލުކުރި އެންމެ ފާހަގަ ކުރެވޭ މެޗަކީ މިދިޔަ ސީޒަނުގައި ޓޮޓެންހަމާއި ސްޓޯކް ސިޓީ ކުޅުނު މެޗެކެވެ. މި މެޗުގައި ރެފްރީކަން ކުރިން އެންމެ ފުރަތަމަ ހަމަޖެއްސި ކެވިން ފްރެންޑް އެހެން މެޗަކަށް ބަދަލުކުރީ އޭނާއަކީ ޓޮޓެންހަމާއެކު ލީގަށް ވާދަކުރަމުންދިޔަ ލެސްޓާ ސިޓީއަށް ނިސްބަތްވާ މީހަކަށްވުމުންނެވެ. ހަމަމި މަހު ނިއުކާސަލް ކުޅުނު މެޗެއްގެ ރެފްރީން ވެސް މިފަދަ މައްސަލައަކާ ހެދި ބަދަލުކޮށްފައިވެ އެވެ.
ލިވަޕޫލާއި ޔުނައިޓެޑް މެޗަށް ނުކުންނައިރު މި ސީޒަނުގައި ލިވަޕޫލް އަންނަނީ ރަނގަޅު ކާމިޔާބީތަކެއް ހޯދަމުންނެވެ. ނަމަވެސް ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި ޔުނައިޓެޑް ފުރަތަަމ ތިން މެޗުން ނަތީޖާ ރަނގަޅުވިޔަސް އޭގެ ފަހުން ނަތިޖާވަނީ ގޯސްވާން ފަށައިފަ އެވެ.