ހަބަރު

ޓުއަރިޒަމް ދާއިރާގެ އިންވެސްޓްމަންޓްތައް 170 ޕަސެންޓް އިތުރުވެފައިވޭ: ރައީސް

ޓުއަރިޒަމްގެ ދާއިރާއަށް ލިބިފައިވާ އާ އިންވެސްޓްމަންޓްތަކުގެ އަދަދު މިދިޔަ އަހަރަށް ވުރެ އެތައް ގުނައެއް އިތުރުވެ، 170 ޕަސެންޓްގެ ކުރިއެރުމެއް ލިބިފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހަށް މިއަދު ރިޔާސީ ބަޔާން އިއްވަވަމުން، ރައީސް ވިދާޅުވީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް ޓުއަރިޒަމްގެ ދާއިރާއިން މުޅިން އާ 24 އިންވެސްޓްމަންޓެއް އައިސްފައިވާ ކަމަށެވެ. މި އިންވެސްޓްމަންޓްތަކުން ކުރިއަށް އޮތް ފަސް އަހަރަށް ރާއްޖޭގައި 9.8 ބިލިއަން ރުފިޔާ އިންވެސްޓް ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއީ، ފާއިތުވެ ދިޔަ އަހަރާ އަޅާ ބަލާއިރު %170ގެ ކުރިއެރުމެއް،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖެ މިހާތަނަށް މަޝްހޫރުވެފައި އޮތީ ލަގްޒަރީ މަންޒިލެއްގެ ގޮތުގައި ނަމަވެސް މެދު ފަންތީގެ ޓުއަރިސްޓުންނަށް ވެސް ރާއްޖެ ހުޅުވިފައިވާ ކަން ބުނެދިނުމަކީ ޓުއަރިޒަމް އިޝްތިހާރު ކުރުމުގެ މުހިންމު ބައެއް ކަމަށެވެ. އެގޮތުން ގެސްޓް ހައުސް ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ވެސް ކުރެވެމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

ޓުއަރިޒަމްގެ ދާއިރާއަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާ އިން އަންނަ ޓޫރިސްޓުން މަދުވުން ކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ އެކަން ހައްލު ކުރުމަށް ރާއްޖެ ބޭރުގައި މިހާރަށް ވުރެ ބޮޑަށް އިޝްތިހާރު ކުރުމުގެ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމަށް ދިމާވެފައި އޮތް މައްސަލަތަކަށް ހައްލު ގެނެވޭނެ ކަމަށް ވިދާޅުވި އެވެ.

"ފަތުރުވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ އެންމެ މުހިންމު ޞިނާޢަތު ކަމަށްވުމާއެކު، އެންމެ ފައިދާހުރި އަދި ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރަންޖެހޭ މަސައްކަތްތައް، ސަރުކާރުން މިގެންދަނީ ކުރަމުން. ޚާއްޞަކޮށް، ޗައިނީޒް މާކެޓާއި، ރަޝިޔާ މާކެޓުން އަންނަ ފަތުރުވެރިންގެ ޢަދަދު މަދުވެފައިވުމާއެކު، އެ މާކެޓުތަކުން އަންނަ ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށް މިގެންދަނީ ވަރަށްބޮޑު އިސްކަމެއް ދެމުން،" ރައީސް ވިދާޅުވި އެވެ.

ގިނަ ދުވަސްވަންދެން ރިސޯޓް ނުހަދާ ހުރި ރަށްތަކުގެ އެގްރިމަންޓްތައް ބާތިލްކޮށް މިއަހަރުގެ ތެރޭގައި އިތުރު 22 ރަށެއްގައި ރިސޯޓް ހަދަން ހުޅުވާލާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ސިއްހީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ހުސްނުވާ އާސަންދައިގެ ދަށުން ބޮޑެތި ބަލިތަކަށް ހިލޭ ފަރުވާ ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ބޯންމެރޯ އާއި ކިޑްނީ ޓްރާންސްޕްލާންޓް ފަދަ ބަލިތަކަށް އާސަންދައިން މިހާރު ބޭސް ކުރެވޭނެ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް ވިދާޅުވި ގޮތުގައި އަތޮޅުތަކުގެ ސިއްހީ މަރުކަޒުތަކުގެ ފެންވަރު ރަނގަޅުކޮށް ގިނަ ސްޕެޝަލިސްޓް ޑޮކްޓަރުން އަތޮޅުތަކަށް ފޮނުވުމަށް ވަނީ މަސައްކަތް ފަށައި އޭގެ ބައެއް ކާމިޔާބު ވެސް ކޮށްފަ އެވެ. އަދި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި ޒުވާނުން ރިހިބިލިޓޭޓް ކުރުމަށް އެ ފެންވަރު ނެތް ފަރާތްތަކަށް ސަރުކާރުގެ ބަޖެޓުން ފަރުވާގެ ކަންކަން ކުރިއަށް ގެންދިޔުމުގެއިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި އިސްލާމް ދީނުގެ ކަންކަން ހަރުދަނާ ކުރުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ގިނަ މިސްކިތްތަކެއް އިމާރާތް ކުރުމުގެ މަސައްކަތާއި މައުހަދު ޔުނިވަސިޓީއަކަށް ބަދަލު ކުރުމުގެ ގާނޫނު ވަނީ މަޖިލީހަށް ފޮނުވައިފަ އެވެ. އަދި ޒުވާނުންނާއި ކުޅިވަރާ ގުޅޭ ބިލެއް ވެސް މަޖިލީހަށް ފޮނުވިކަމަށް ވިދާޅުވެ އެ ބިލްތަކުގެ މަސައްކަތް އަވަސް ކޮށްދެއްވުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.