މެންޗެސްޓާ ޔުނައިޓެޑުން ޝައުގުވެރިކަން ފާޅުކޮށްފައިވީ ނަމަވެސް ޓޯނީ ކްރޫސް ރެއާލް މެޑްރިޑުގެ ކޮންޓްރެކް އާކުރަން ނިންމައފި އެވެ.
ސްޕޭނުގެ ނޫސްތަކުން ބުނާގޮތުގައި ޖަރުމަނަސް 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން މިޑްފީލްޑަރު 2022 ވަނަ އަހަރުގެ ނިޔަކަށް ރެއާލްގައި މަޑުކުރާނެ އެވެ. އަދި އާ ކޮންޓްރެކްޓާއެކު އޭނާ އަށް ހަފުތާއަކު މުސާރައިގެ ގޮތުގައި 346000 ޕައުންޑް ލިބޭނެ އެވެ.
އުމުރުން 26 އަހަރުގެ ކްރޫސް ވަނީ ރެއާލް އަށް މިހާތަނަށް ކުޅެދިން 108 މެޗުގައި ހަތަރު ގޯލު ޖަހައިދީފަ އެވެ. އަދި އޭނާ އަކީ ޔޫރަޕުގެ ގިނަ ކުލަބުތަކަކުން ޝައުގުވެރިވާ ކުޅުންތެރިއެކެވެ.
ރެއާލް މެޑްރިޑުން އޭނާގެ ކޮންޓްރެކްޓް އާކުރަން ނިންމާފައިވާއިރު ގެރެތް ބޭލް އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ވެސް 2021 ވަނަ އަހަރުގެ ނިޔަލަށް ޓީމުގައި ބައިތިއްބާނެ އެވެ.
ރެއާލްއިން ކުޅުންތެރިންގެ އެއްބަސްވުންތައް އާކުރަމުންދާއިރު ގަވާއިދާ ހިލާފަށް 12 އަހަރުން ދަށުގެ ކުޅުންތެރިން ގެނައުމުގެ ކުށުގައި އެކުލަބަށް ކުޅުންތެރިން ނުގަނެވޭގޮތަށް ވަނީ ސަސްޕެންޑްކޮށްފަ އެވެ. މި ސަސްޕެންޝަން ނިމޭނީ 2018 ވަނަ އަހަރު އެވެ.