ހަބަރު

"ތަންބްސް ޑައުން" ދެއްވީ ނަސޭހަތްތެރިވާން: ތަރުޖަމާނު

Mar 2, 2015
2

އިދިކޮޅު މަޖިލިސް މެންބަރުންނަށް ރައީސް އަބްދުﷲ ޔާމީން މިއަދު "ތަންބްސް ޑައުން" ދެއްކެވުމަކީ ނަސޭހަތްތެރިވެ ވަޑައިގަތުން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ މިއަދު ޓްވީޓް ކުރައްވާ ވިދާޅުވީ ރިޔާސީ ބަޔާން އިއްވެވުމަށްފަހު އިދިކޮޅު މެންބަރުންނަށް އިޝާރާތް ކުރައްވާ "ތަންބްސް ޑައުން" ދެއްކެވުމަކީ ގާނޫނު އަސާސީން މަތިކޮށްފައިވާ ރިޔާސީ ބަޔާން އިއްވުމުގެ ޒިންމާއަށް ހުރަސް ނާޅަން ނަސޭހަތްތެރިވެ ވަޑައިގަތުން ކަމަށެވެ.

އޭނާ ވިދާޅުވީ ގާނޫނު އަސާސީގެ ހިމާޔަތުގައި ކަމަށް ބުނެ ގައުމު ހަލަބޮލި ކުރާ ފަރާތްތަކަށް ގާނޫނު އަސާސީގެ 84 ވަނަ މާއްދާ ނޭނގޭތީ ލަދުވެތިވާ ކަމަށާއި މިއަދު ފެނިގެން އެދިޔައީ ގާނޫނު އަސާސީން މަތިކޮށްފައިވަ ޒިންމާއެއް އުފުލަން ރައީސުލް ޖުމްހޫރިއްޔާއަށް ހުރަސް އެޅި މަންޒަރު ކަމަށެވެ. އަދި ރައީސް މިއަދު ސާބިތުކޮށްދެއްވީ ގާނޫނު އަސާސީ ފުރިހަމައަށް ނަގަހައްޓާ ދެމެހެއްޓުމުގައި ކެރިވަޑައިގެން ސާބިތު ކަމާއެކު ހުންނެވުން ކަމަށެވެ.

މިއަދު ރައްޔިތުން މަޖިލީހަށް ރައީސް ޔާމީން ރިޔާސީ ބަޔާން ހުށަހެޅުއްވި ވަގުތު އެމްޑީޕީ އާއި ޖޭޕީގެ މެންބަރު ވަނީ އެމަނިކުފާނާ ދެކޮޅަށް މަޖިލީހުގެ ތަޅުމުގައި އަޑުގަދަ ކޮށްފައެވެ. އަދި ޕީޕީއެމް އާއި އެމްޑީއޭގެ މެންބަރުން ވަނީ ރައީސަށް ހިތްވަރު ދެއްވާފައެވެ. އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ އަބަދުވެސް ޖަލުގައި ހުންނަވަން ޖެހިވަޑައިގަންނަވާ ބޭފުޅެއް ކަމަށް ބުނެ އަޑު އުފުލާފައެވެ.

ދެފަރާތުގެ ހަޅޭކުގެ ތެރޭގައި ބަޔާން ދެއްވާ ނިންމަވާލެއްވުމަށްފަހު ރައީސް ވަނީ ޕީޕީއެމްގެ މެންބަރުންނަށް ތަންބްސް އަޕް އަދި އެމްޑީޕީއާއި ޖޭޕީގެ މެންބަރުންނަށް ތަންބްސް ޑައުންއެއް ދެއްވާފައެވެ.