ހަބަރު

ފައިސާ ދޫކުރުމަށް ޕީޕީއެމްއާ އެކު ފަސް ޕާޓީއަކުން ގޮވާލައިފި

ސިޔާސީ ޕާޓީތަކަށް ބަޖެޓުން ދޭން ޖެހޭ ފައިސާ ހިފަހައްޓާފައި ވަނީ ޕާޓީތަކަށް ދަތިކުރުމުގެ ބޭނުމުގައި ކަމަށް ބުނެ އެ ފައިސާތައް ވަގުތުން ޕާޓީތަކާ ހަވާލު ކުރުމަށް، ޕީޕީއެމް ވެސް ހިމެނޭ ގޮތަށް ރާއްޖޭގެ ފަސް ޕާޓީއަކުން އިލެކްޝަންސް ކޮމިޝަނަށް މިއަދު ގޮވާލައިފި އެވެ.

އެ ޕާޓީތައް ގުޅިގެން ސްޓޭޓްމަންޓެއް އާންމު ކުރުމަށް ބޭއްވި ޕްރެސްގައި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް، އަނަސް އަބްދުއްސައްތާރު އާންމު ކުރެއްވި ސްޓޭޓްމަންޓްގައި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ގޮވާލާފައި ވަނީ، ރާއްޖެއަކީ ޑިމޮކްރަޓިކް މުޖުތަމައަކަށް ވާއިރު ހިޔާލުފާޅު ކުރުމުގެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ އެތެރޭގެ ކަންކަމަށް ވަދެ، ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ވެސް އެ ސްޓޭޓަމްންޓްގައި ވަނީ ތުހުމަތުކޮށްފަ އެވެ.

ޕާޓީތަކަށް ދޭން ޖެހޭ ފައިސާ ހިފެހެއްޓުމަކީ ރައްޔިތުންނަށް ހިޔާލުފާޅު ކުރުމުގެ މިނިވަންކަމާއި ގާނޫނު އަސާސީ އިން ލިބިދޭ ހައްގުތަކެއް ނުގުޅައިގަތުމަށް ކުރާ ކަމެއްގެ ގޮތުގައިވެސް އެ ސްޓޭޓްމަންޓްގައި ވަނީ ސިފަކޮށްފަ އެވެ. އިލެކްޝަންސް ކޮމިޝަނުން މިފަދަ ފިޔަވަޅުތައް އަޅަނީ ކޮމިޝަން ސިޔާސީ ވެގެން ކަމަށް ވެސް އެ ސްޓޭޓްމަންޓްގައިވެ އެވެ.

އެ ޕާޓީތަކުން ވަނީ އިލެކްޝަންސް ކޮމިޝަންގެ މިނިވަންކަމާއި ކުރިއަށް އޮތް އިންތިހާބުތައް މިނިވަންވާނެ ކަމާ މެދުވެސް ސުވާލު އުފައްދައިފަ އެވެ. އަދި ބަޖެޓް ފާސްކުރާތާ ތިން މަސްދުވަހުގެ ތެރޭގައި އެ ފައިސާ ޕާޓީތަކަށް ހަވާލު ނުކޮށް އޮތް އޮތުމަކީ އިލެކްޝަންސް ކޮމިޝަނުން ގާނޫނުތަކާ ހިލާފުވުން ކަމަށް ވެސް ބުނެފައިވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ، ޕާޓީތަކަށް ފައިސާ ދޫކުރެވެން އަދި ނެތް ކަމަށާއި އެކަން ކުރެވެން އޮތީ ޕާޓީތަކުގެ ހިންގުން ރަނގަޅު ކުރުމުން ކަމަށެވެ. އެގޮތުން ބައެއް ޕާޓީތަކުގެ އިސް މަގާމުތަކުގައި މީހުން ނެތް ކަމަށާއި ޕާޓީގެ ކައުންސިލް ބައްދަލުވުން ނުބާއްވާތީ ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ނަމަވެސް އެއްވެސް ޕާޓީއަކަށް ސީދާ ވަކި ކަމެއް ހައްލުކުރުމަށް އެ ސިޓީގައި އަންގާފައެއް ނުވެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަނަސް ވިދާޅުވީ، އިލެކްޝަނުން ޕާޓީތަކަށް ފޮނުވާފައިވާ ސިޓީއަކުން އެއްވެސް ކަމެއް ސާފުނުވާ ކަމަށާއި ވަކި ޕާޓީއަކުން އިސްލާހުކުރަންވީ ކަމެއް ވެސް ބަޔާންކޮށްދީފައިނުވާ ކަމަށެވެ.

އަދާލަތުގެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ހަވާލުކުރަންޖެހޭ ފައިސާއެއް އަދިވެސް ހަވާލުނުކުރިފައިވުމުން އިލެކްޝަންގެ ގާބިލުކަމާމެދު ސުވާލު އުފެދޭ ކަމަށެވެ. އަދި، ބަޖެޓްގައި ވަކި އަދަދެއް ޕާޓީތަކަށް ދިނުމަށް ކަނޑައަޅާފައިވަނީ މިދިޔަ އަހަރަށް ބަލާފައި ކަމަށާއި އެހެންކަމުން މި އަހަރުގެ ތެރޭގައި ޕާޓީތަކުން މިވެނި ގޮތަކަށް އަމަލުކުރަނީއެއް ބުނެ ފައިސާ ދޫނުކޮށް ނުތިބެވޭނެ ކަމަށެވެ.

ޕީޕީއެމް ޑެޕިއުޓީ އެސްޖީ އަބްދުލް އަލީމް ވިދާޅުވީ، މިކަމުގައި ޕީޕީއެމް ވެސް އެހެން ޕާޓީތަކާ އެއްބަސް ކަމަށާއި ޕާޓީއަށް ލިބެނެޖެހޭ ފައިސާ ނުލިބާތީ ދަތިތައް ކުރިމަތިވެފައިވާ ކަމަށެވެ. މި މައްސަލާގައި އިދިކޮޅު ޕާޓީތަކާއެކު އެއް މޭޒެކަށް ޕީޕީއެމް އެރި ސަބަބާ ގުޅިގެން އަލީމް ވިދާޅުވީ މި މައްސަލައަކީ ހުރިހާ ޕާޓީއެއްގެ މަސްލަހަތު ހިމެނޭ ކަމެއް ކަމަށެވެ. މިކަމުގެ މާނައަކީ ޕީޕީއެމްއިން ނުވަތަ އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެމްޑީޕީއާ ގުޅުން ނޫން ކަމަށް އަލީމް ވިދާޅުވި އެވެ.

މި ބައްދަލުވުމުގައި ޖޭޕީއިން ބުނީ، އިލެކްޝަނުން ފޮނުވި ސިޓީގައި ޖޭޕީގައި ހުރި އެއްވެސް މައްސަލައެއް ބަޔާންކޮށްފައިނުވާ ކަމަށެވެ. އެހެންކަމުން ޖޭޕީއަށް ފައިސާ ނުދީ އިލެކްޝަނުން ހިފަހައްޓާފައިވާ އެއްވެސް ސަބަބެއް ނުވިސްނޭ ކަމަށެވެ. އަދި އެހެން ބަޔަކު ކުރާ ކުށަކަށް އެންމެންނަށް އަދަބު ދިނުމަކީ ހަމަޖެހޭ އުސޫލެއް ނޫން ކަމަށް ބުންޏެވެ.