ހަބަރު

އެސްޓީއޯއިން ހުޅުވި ބޭސް ފިހާރައިގެ އަދަދު 80 އަށްވުރެ އިތުރުވެއްޖެ

Mar 2, 2015

އެސްޓީއޯ އިން ބޭސް ފިހާރަ ހުޅުވުމަށް ހިންގާ މަޝްރޫއުގެ ދަށުން އެންމެ ފަހުން ބޭސް ފިހާރަތައް ހުޅުވާފައިވަނީ ލ. މުންޑޫ އާއި ތ. ކިނބިދޫ އަދި ވ. ފުލިދޫގެ އިތުރުން ކ. ކާށިދޫ އާއި ހއ. އިހަވަންދޫ އާއި ގދ. ފިޔޯރީ އަދި ގދ. ފަރެސް މާތޮޑާގަ އެވެ.

އެ ކުންފުނިން ބުނީ އަލަށް ހުޅުވި ހަތް ބޭސް ފިހާރައިންވެސް އާސަންދައިގެ ހިދުމަތް ލިބޭނެ ކަމަށެވެ.

"...މި ހަތް ފާމަސީ އިން އާސަންދައާ އެކު މިހާރު ދަނީ ހިދުމަތް ފޯރުކޮށްދެމުންނެވެ. އަދި މިއާއެކު އެސްޓީއޯ ފާމަސީތަކުގެ އަދަދު މިހާރު ވަނީ އަށްޑިހަދޭކަށް ބަދަލުވެފަ އެވެ.މި ބޮޑު މަޝްރޫއު ކުރިއަށް ގެންދިއުމުގައި ލޯކަލް ކައުންސިލް ތަކާއި ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ލިބެމުން އަންނަ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ފާހަގަ ކުރެ އެވެ،" އެސްޓީއޯ އިން ބުންޏެވެ.

އެ ކުންފުނިން ދަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެމުންނެވެ. މި މަސައްކަތުގެ ދަށުން ހޮސްޕިޓަލް ތަކަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ދަނީ ފޯރުކޮށްދެމުންނެވެ.