ޕީޕީއެމް

އިންތިހާބާގުޅޭ ޕީޕީއެމްގެ އިއުލާނަށް ތަބާނުވަން އެޕާޓީގެ ކައުންސިލް އެދެފި

ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ޕީޕީއެމް ނެރެފައިވާ އިއުލާނަށް ތަބާނުވަން ޕީޕީއެމް ޕީޖީ ގުރޫޕްގެ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކް އެދިވަޑައިގެންފި އެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓް ވާދަކުރަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމަށް އެދި، ޕީޕީއެމް ވަނީ އިއުލާނެއްކޮށްފަ އެވެ. ނަމަވެސް އެ އިއުލާނަށް ތަބާ ނުވަން މިއަދު ޕީޕީއެމްގެ ކައުންސިލް މެންބަރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިހާން އެދިވަޑައިގެންފައިވަނީ އެ އިއުލާން ޕާޓީގެ އުސޫލުތަކަށް ފުށުއަރާތީ ކަމަށް ވިދާޅުވި އެވެ.

ނިހާން ވިދާޅުވީ، ޕީޕީއެމްގެ ޓިކެޓް ވާދަކުރަން ބޭނުންވާ ފަރާތްތަކުން 150 ރުފިޔާ ދައްކަންޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައިވާ ކަމަށާއި އެފަދަ ގޮތަށް ޕީޕީއެމްގެ ތާރީހުގައި ވެސް އަމަލުކޮށްފައިނުވާ ކަމަށެވެ. އަދި އެގޮތަށް ފައިސާ ނެގުމަކީ ގަވައިދާ ހިލާފު ކަމެއް ކަމަށެވެ.

ސަރުކާރު ކޯލިޝަން ތެރޭގައި ހިމެނޭ އެމްޑީއޭއާއެކު ވެފައިވާ އެއްބަސްވުމާ ގުޅިގެން އަންނަ ކައުންސިލް އިންތިހާބުގައި ޕީޕީއެމްއިން ނިކުންނަން ޖެހޭނީ އެ ޕާޓީއާއެކު ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ޕާޓީގެ ޓިކެޓް ހޯދުމަށް ބޭނުންވާ ފަރާތްތަކަށް އިލެކްޝަނުން ދީފައިވާ މުއްދަތު ހަމަވުމުގެ ކުރިން އަލުން ފުރުސަތު ހުޅުވާލެ ކަމަށެވެ.

މި ބައްދަލުވުމުގައި ޕީޕީއެމްގެ ނައިބު ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ޕީޕީއެމް ނެރެފައިވާ އިއުލާނާ އެއްގޮތަށް ފޯމް ހުށަހެޅި ފަރާތްތަކަށް އިތުރު ފުރުސަތެއް ހޯދައިދޭނެ ކަމަށެވެ.

އަދުރޭ ވިދާޅުވީ، ކައުންސިލްގެ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަނީ ޕާޓީގެ އިންތިހާބު ކޮމެޓީގެ ތެރެއިން ކަމަށާއި ނަމަވެސް އެއީ ޕާޓީގެ އެތެރޭގެ އިންތިހާބުތައް ބޭއްވުމަށް އެކުލަވާލާފައިވާ ކޮމެޓީއެއް ކަމަށެވެ. ކައުންސިލުން ވަނީ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ކޮމެޓީއެއް އެކުލަވާލަން ނިންމާފައި ކަމަށް އަދުރޭ ވިދާޅުވި އެވެ.

އިންތިހާބާ ގުޅޭ ކަންކަމުގައި އިލެކްޝަން ކޮމިޝަނާ މަޝްވަރާކުރައްވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.