ފްލައިމީ

ފްލައިމީއަށް ފަސް އަހަރު: ކަސްޓަމަރުންނަށް ބޮޑެތި ހަދިޔާ!

ވިލާ ގްރޫޕުގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ވިލާ އެއާގެ ދަށުން ހިންގާ ފްލައިމީ އެއާލައިންއަށް ފަސް އަހަރު ފުރުމުގެ މުނާސަބަތުގައި ހާއްސަ ޕްރޮމޯޝަންތަކެއް ބާއްވަން ފްލައިމީއިން ނިންމައިފި އެވެ.

ފްލައިމީ އިން މިރޭ ނެރުން ބަޔާނެއްގައި ބުނެފައި ވަނީ އެކުންފުންޏަށް ފަސް އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ގިނަ ހަރަކާތްތަތާއި ޕްރޮމޯޝަންތައް ކުރިޔަށް ގެންދިޔުމަށް ރާވައިފަވާ ކަމަށެވެ. އެގޮތުން ސޯޝަލް މީޑިއާގައި ކުރިޔަށް ގެންދާ ހޭޝްޓެގް ފްލައިމީ ފައިވް ޕްރޮމޯޝަންގައި ބައިވެރިވާ ނަސީބުވެރި ފަރާތްތަކަށް މި މަހު ކޮންމެ ހަފްތާއަކު ފްލައިމީގެ ޑެސްޓިނޭޝަނަކަށް ދެކޮޅު ޓިކެޓް ލިބުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. މީގެ އިތުރުން މިމަހު ފްލައިމީ އިން ދަތުރު ކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަސް ފަރާތަކަށް ފްލައިމީގެ ޕްރިވިލެޖް ކާޑެއް ލިބޭނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ފްލައިމީއަށް ފަސް އަހަރު ފުރުމާ ގުޅިގެން އެކުންފުނިން މިއަދު ވަނީ މާމިގިލި އެއާޕޯޓުގައި ހާއްސަ ރަސްމިއްޔާތެއްވެސް ބާއްވާފައެވެ. އަދި އެކުންފުނީގެ މުވައްޒިފުން މެދުގައި ފްލައިމީގެ ފަސް ވަނަ އަހަރީ ދުވަހުގެ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތެއް ބާއްވާފައިވާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ދެހާސް އެގާރަ ވަނަ އަހަރު އޮކްޓޯބަރު އެކެއްގައި ވިލާ ގްރޫޕުން ފެށި ފްލައިމީއަށް ފަސް އަހަރު ފުރުން އިރު މިވަގުތު އެކުންފުނީގެ ދަތުރުތަކުގައި އޮޕަރޭޓްކުރަނީ 26 މީހުންގެ ޖާގައިގެ މަރުކާ ދެ އެއާ ކްރާފްޓް އެވެ. އަދި ހަތް މީހުންގެ ޖާގާގެ ސީޕްލޭނެއްވެސް ފްލައިމީއިން ބޭނުން ކުރެއެވެ.