2026 ވަނަ އަހަރުގެ ވޯލްޑް ބޭއްވުމުގެ ފުރުސަތު ޔޫރަޕަށް ނެތްކަމަށް ފީފާއިން ބުނެފި އެވެ.
ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާއިން ބުނީ ދުނިޔޭގެ ތައްޓަށް ކުޅޭ މުބާރާތް ބާއްވަން ޔޫރަޕަށް ފުރުސަތު ނުދެނީ ރޮޓޭޝަން ޕޮލިސީގެ ދަށުން 2018 ވަނަ އަހަރުގެ މުބާރާތް ޔޫރަޕުގައި ބާއްވާތީ ކަމަށެވެ. އަދި މުބާރާތުގެ ފޯމެޓް ބަދަލު ކުރިޔަސް އެ އުސޫލުގެ ދަށުން ޔޫރަޕަށް ފުރުސަތު ނުލިބޭނެ ކަމަށާއި 2026 ގެ މުބާރާތް ބާއްވަން އޭޝިޔާ އަށް ވެސް ފުރުސަތު ލިބުން ދުރު ކަމަށެވެ. ދެހާސް އަށާރަ ވަނަ އަހަރު ރަޝިޔާގައި މުބާރާތް ބާއްވާއިރު އޭގެ ކުރިން 2022 ވަނަ އަހަރު މުބާރާތް ބާއްވަނީ އޭޝިޔާ އަށް ނިސްބަތްވާ ގަތަރުގަ އެވެ.
ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ވަނީ 48 ގައުމު ވޯލްޑް ކަޕުގައި ބައިވެރިކުރަން ހުށަހަޅާފަ އެވެ. މިއީ އޭނާގެ ކެމްޕޭން ވައުދެއްގެ ގޮތުން ބުނެފައިވާ އަދަދަށްވުރެ އަށް ގައުމު ގިނަ އަދަދެކެވެ. ވޯލްޑް ކަޕުގައި މިހާރު ކުޅެނީ 32 ގައުމެވެ.
މި ބަދަލަށް ފީފާގެ އެކްސްކޯއިން މަޝްވަރާކުރަން ނިންމާފައިވާއިރު އިނގިރޭސި ވިލާތުން ވަނީ ފީފާގެ ރައީސް އިތުރު ދައުރަކަށް ހޮވިވަޑައިގަތުމަށް ބޭނުންކުރާ ވަސީލަތެއްގެ ގޮތުން ފުޓްބޯޅައިގެ ކޮލިޓީއާ ނުކުޅެން ގޮވާލައިފަ އެވެ.
ނަމަވެސް އިންފަންޓީނޯ ބުނެފައިވަނީ 32 ގައުމުގެ ބަދަލުގައި 40 ގައުމު ނުވަތަ 48 މުބާރާތުގައި ކުޅުމުން ފޯރި ކުޑަވެ، ކޮލިޓީ ނުވެއްޓޭނެ ކަމަށެވެ. ސަބަބަކީ މުބާރާތަށް ކޮލިފައިވުމުން ކޮންމެ ގައުމެއްގައި ވެސް ފުޓްބޯޅައިގެ ބޮޑު ފޯރިގަނޑެއް އަންނާތީ ކަމަށެވެ.
"ގްރޫޕް ސްޓޭޖުގެ ކުރިން ޕްލޭއޯފް އެބައޮވޭ. އަނެއްކާ ސްޕޮންސަރުން މީގެ ތެރެއަށް ވަންނަން އެބަބޭނުންވޭ. އެހެންވީމާ ހުރިހާ ގޮތަކުން ވެސް ފައިދާވާނީ،" އިންފަންޓީނޯ ބުންޏެވެ.
ފީފާއިން ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން ފީފާއިން ހަރަދު ކުރުމުގެ ޕޮލިސީ އަށް ބަދަލު ގެނެސްފަ އެވެ. މި ގޮތުން ލަގްޒަރީ ފެންވަރުގެ ކާރު ޑެލިގޭޓުންނަށް ދިނުމުގެ ބަދަލުގައި ގިނަ ބަޔަކު އެއް ވެހިކަލެއްގައި ފީފާގެ ދަތުރުތައް ކުރުމާއި ހޮޓާތަކުގެ ބުކިން ސިސްޓަމަށް ވެސް ބަދަލު ގެނެސްފަ އެވެ.
ފީފާގެ ރައީސްކަން މިއަހަރު މެދުތެރޭގައި ބަދަލުވީ ކޮރަޕްޝަން ބޮޑުވެ ފާއިތުވެދިޔަ 18 އަހަރުގެ މަގާމުގައި ހުންނެވި ރައީސަށް އަމާޒުވި ފާޑުކިއުންތަކާއެކު ހިންގި ތަހުގީގުގައި އޭނާ ކުށްވެރިވީ ކަމަށް ނިންމުމުންނެވެ. އޭގެ ކުރިން އާ އިންތިހާބެއް ބާއްވައި މަގާމުން އިސްތިއުފާދޭން އޭނާ ނިންމެވި އެވެ.