ބޭރު ކުޅިވަރު

ދެ ކޯޗުންގެ ތައުރީފްވެސް ރޫނީ އަށް

އިނގިރޭސި އެންމެ ކާމިޔާބު ދެ ޓީމު މާދަމާ ވާދަ ކުރުމުގެ ކުރިން ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުން ވެސް ޔުނައިޓެޑްގެ ކެޕްޓަން ވޭން ރޫނީ އަށް ތައުރީފްކޮށްފި އެވެ.

ފޯމުގެއްލި، އިނގިރޭސި ޓީމާއި ޔުނައިޓެޑުގެ ފުރަތަމަ 11 އިން ވެސް މިދިޔަ މެޗުތަކުގައި ބާކީ ވެފައިހުރި ފޯވަޑް ލިވަޕޫލާ ދެކޮޅަށް ފުރަތަމަ 11 ގައި ކުޅޭނެކަމުގެ އިޝާރާތެއް މޮރީނިއޯ ވަނީ ދީފަ އެވެ.

"އަހަރެންގެ މައްސަލައެއްނޫން އިންގްލޭންޑް [ގައުމީ ޓީމަށް ނޭރުމަކީ] އޭނާ ދަނީ ވަރަށް ރަނގަޅަށް ފަރިތަކުރަމުން. އަހަރެން އޭނާއާމެދު ހިތްހަމަޖެހޭ. އޭނާ އަށް އަބަދުވެސް ފުރުސަތު އޮންނާނެ،" މިދިޔަ ތިން މެޗުގައި ވެސް ޔުނައިޓެޑްގެ ބެންޗުގައިއިން ކުޅުންތެރިޔާއާބެހޭ ގޮތުން މޮރީނިއޯ ބުންޏެވެ.

އިނގިރޭސި ކެޕްޓަނާ ބެހޭ ގޮތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ ރޫނީ ނުރައްކާތެރި ކުޅުންތެރިއަކަށްވީ ވަރަށް ގިނަ ދުވަހުގެ މަސައްކަތުން ކަމަށާއި އުމުރުން 30 އަހަރުގައި ވެސް ރޫނީ އަކީ ނުރައްކާ ކުޅުންތެރިއެއް ކަމަށެވެ.

"އެއީ ދުނިޔޭގެ ފެންވަރުގެ ކުޅުންތެރިއެއް އަހަރެންގެ ނަޒަރުގައި. 30 އަހަރުވަންދެން ނުރައްކާތެރި ކުޅުންތެރިއެއްގެ ގޮތުގައި ހުރި ކުޅުންތެރިއަކު މިހާރު ނުރައްކާ ނުވާންވީ ސަބަބެއްނެތް. އަހަންނަށް އޭނާ އަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު އެއް ފޯވަޑް،" ކްލޮޕް ބުންޏެވެ.

ނަމަވެސް ރޫނީގެ ފޯމު ގެއްްލި އޭނާގެ ކުޅުން ދަށްވެފައިވާކަން ކުޅުންތެރިޔާ ވެސް ވަނީ ގަބޫލުކޮށްފަ އެވެ. ނަމަވެސް އޭނަ ބުނީ ކެރިއަރުގައި އުނދަގޫ ދުވަސްތައް އަންނާނެ ކަމަށާއި ކުރީގެ މަގާމަށް އައުމަށް އޭނާ މަސައްކަތްކުރާނެ ކަމަށެވެ. އިނގިރޭސި ގައުމީ ޓީމަށް 118 މެޗު ކުޅެދީފައިވާ ރޫނީގެ އުއްމީދަކީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕާ ހަމައަށް ގައުމީ ޓީމުގެ މުހިންމު ކުޅުންތެރިއެއްގެ ގޮތުގައި ހުރުމެވެ.