ސާޅީސް އަށް ގަޑިއިރު ތެރޭގައި ދެ މެޗު ކުޅެން ޖެހުމުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ރުޅި އަތުވެއްޖެ އެވެ.
އާ އަހަރުގެ ޓީވީ ޝެޑިއުލްގައިވާ ގޮތުން މެންޗެސްޓާ ސިޓީއާއެކު ޑިސެމްބަރު 31 ގައި ކުޅުމަށްފަހު ސަންޑަލޭންޑާ ދެކޮޅަށް ޖެނުއަރީ ދެ ވަނަ ދުވަހު ކުޅެންޖެހެނީ އެދޭތެރޭ މެދަށް 48 ގަޑިއިރު ނުލިބި އެވެ.
"މިހެންވީމަ ކިހިނެތް އަހަރެން ޓީމު ތައްޔާރުކުރާނީ. ދެން މިތިބަ ޑަޗް މީހުން [ނެދަލޭންޑްސްގެ ނޫސްވެރިން] މިތާ އިށީނދެތިބެ އަހާނެ ކޮބާހޭ މައްސަލައަކީ؟ ރަނގަޅަށް ފަރިތަނުކުރެވެނީހޭ ނުވަތަ އެހެން މައްސަަލައެއް އުޅެނީހޭ؟ އަމުދުން މިހެން ކުޅެނިކޮށް އަނިޔާއެއްވެއްޖެނަމަ ކިހިނެތް ހަދާނީ؟ ޖެނުއަރީ ދެ ވަނަ ދުވަހަކީ އިނގިރޭސީންނަށް މާ ހާއްސަ ދުވަހެއްތަ؟ އެދުވަހު މެޗު ކުޅެން. އަހަރެންނަށް މި ލީގު މަޑުމަޑުން މިދަނީ ދަސްވަމުން. ފުރުސަތު އޮތްނަމަ އަހަރެން އެދެން ބޭނުން އަހަރުމެންނަަށް މިނޫން ދުވަހެއް އޮބައޮތްހޭ މެޗު ކުޅެލަން،" ޕްރެމިއާ ލީގުގެ މިދިޔަ މަހުގެ މޮޅު ކޯޗުގެ މަގާމުގެ ހޯދި ކްލޮޕް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ.
އޭނާ ބުނީ އާ އަހަރުގެ ފުރަތަމަ ހަފުތާގައި އިނގިރޭސި ލީގުގައި މެޗު ކުޅޭ ސަބަބުން ވިސްނާ ވިސްނާ ނޭނގޭ ކަމަށެވެ.
"މިސާލަކަށް ބަލާ އެހެން ގައުމުތައް. އެންމެން ވެސް އަހަނީ ކީއްވެހޭ އިނގިރޭސީންނަށް ބޮޑެތި މުބާރާތްތަކުގައި ކާމިޔާބު ނުލިބެނީ. އެހެން ގައުމުތަކުގައި ކަންތައް ކުރާގޮތް ދެކިބަލަ. އެމީހުން ކުރާކަމަކީ ޖެނުއަރީ ފުރަތަމަ ހަފުތާގައި ސޯފާގައި ތިބި އިނގިރޭސި ފުޓްބޯޅަ ބެލުން. އަހަންނަކަށް ނުވިސްނޭ ބޮޑެތި އެހެން ގައުމުތަކުގައި ކަންތައް ކުރާ ގޮތް އިނގިރޭސިން ނުބަލާ ސަބަބެއް،" ކްލޮޕް ބުންޏެވެ.
ސްޕޭނާއި ޖަރުމަނު އަދި އިޓަލީ ފަދަ ބޮޑެތި ލީގުތަކުގައި ޖެނުއަރީ ފުރަތަމަ ހަފުތާ އަކީ ބަންދު ދުވަސްވަރެކެވެ. އަދި އެއީ ކުޅުންތެރިން ވެސް އަރާމުކުރަން ޗުއްޓީ ހޭދަކުރާ ދުވަސްކޮޅެކެވެ.
ޖަރުމަނު ބްރޫޝިޔާ ޑޯޓްމުންޑްގައި ހަތް އަހަރު ކޯޗުކޮށްދިނުމަށްފަހު ލިވަޕޫލާ މިދިޔަ ސީޒަނުގައި ހަވާލުވުމަށްފަހު ކްލޮޕް އަންނަނީ އެ ޓީމު ވަރުގަދަ ކުރަމުންނެވެ.