ލިވަޕޫލްގެ ދަނޑުގައި އޭނާ އަކީ މުޅިން ކާމިޔާބު މީހެއް ކަމަށް ބުނުމަކީ އިންސާފެއް ނޫން ކަމަށް މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.
ލިވަޕޫލްގެ އެންފީލްޑްގައި މާދަމާ ކުޅޭ މެޗާބެހޭ ގޮތުން ވާހަކަ ދައްކަމުން މޮރީނިއޯ ބުނީ މުހިންމު މެޗުތަކުގައި ލިވަޕޫލް އަތުން އޭނާގެ ކޯޗުކޮށްދީފައިވާ ޓީމުތައް ބަލިވެފައި އެބަހުރި ކަމަށެވެ.
"ބައެއް ފަހަރު އަހަރެންގެ ޓީމު ކާމިޔާބު ހޯދި. އަނެއް ބައިފަހަރު އަހަރެންގެ ޓީމު ބަލިވެފައި ހުރީ. އެހެންވީމާ އަހަރެންނަށް ލިބިފައިވަނީ ހުސްކާމިޔާބު ކަމަށް ބުނުމަކީ ރަނގަޅު ވާހަކައެއް ނޫން. އެކަމަކު ލިވަޕޫލްގެ ދަނޑުގައި ކުޅެން އަހަރެން ޝައުގުވެރިވަން. އެއީ ވަރަށް ވަރުގަދަ ފޯރިއެއް އޮންނަ ދަނޑެއް،" މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ އިނގިރޭސި ވިލާތުގައި އެތައް އަހަރަކު ހުރެވިއްޖެ ކަމަށާއި ޗެލްސީގެ ކޯޗަކަށް ހުރި އިރު ޔުނައިޓެޑާއި ލިވަޕޫލާ ދެކޮޅަށް ވެސް ކުޅެފައިވާތީވެ އެކުލަބުތައް އަތުން މޮޅުވުމުގެ މުހިންމުކަން އެނގޭ ކަމަށެވެ.
"އަދި މިހާރު މެންޗެސްޓާ ޔުނައިޓެޑަށް ލިވަަޕޫލް މެޗު ހާއްސަވާ ސަބަބު އަހަންނަށް އެނގޭ. މިއީ ވަރަށް ވަރުގަދަ މެޗަކަށްވާނެ. އަހަރެން އެދެނީ ސަޕޯޓަރުން ގޯސް ވިސްނުމެއް މި މެޗުގައި ނުގެންގުޅެން. އަހަރެން މިދަނީ ޓީމު ގޮވައިގެން ތަޅާފޮޅާކަށް ނޫން. އަހަރެން މިދަނީ އަހަރެންގެ މަސައްކަތް ކުރަން. ރީތި ފުޓްބޯޅަ ކުޅެ، ޓީމު މޮޅުކޮށްދޭން. އަހަރެން އެދެނީ ދެ ޓީމުގެ ސަޕޯޓަރުން ވެސް އިހްތިރާމް ކުރުމަށް،" އިނގިރޭސި އެންމެ ވާދަވެރި ދެ ޓީމުގެ މެޗުގެ ކުރިން މޮރީނިއޯ ބުންޏެވެ.
އޭނާ ބުނީ ކުރިން ހިނގާފައިވާ ހާދިސާތައް ބަދަލު ނުކުރެވޭނެ ކަމަށާއި މެޗުގައި ދެ ޓީމަށް ފުޓްބޯޅަ ކުޅެން ސަޕޯޓަރުން ފުރުސަތު ދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދިޮ ލިވަޕޫލްގެ ސަޕޯޓަރުންގެ ކުރިމަތީގައި އެ ޓީމާ ކުޅެން އޭނާގެ ޖެހިލުންނުވާނެ ކަމަށެވެ.
މި މެޗަށް ނުކުންނައިރު މޮރީނިއޯ އަށް މުޅިން ވެސް އެންފީލްޑްގައި ކާމިޔާބު ލިބިފައިވާ ކަމަށް ބުނަމުންދަނީ ބައެއް މުހިންމު މެޗުތަކަށް ވިސްނާފަ އެވެ. އޭގެ ތެރޭގައި 2005 ވަނަ އަހަރުގެ ލގު ކަޕުގައި ފަހަތުން އަރައި ލިވަޕޫލް ބަލިކުރުން ހިމެނެ އެވެ. އެ މެޗުގައި ލިވަޕޫލްގެ ސަޕޯޓަރުން ހިމޭނުތިބުމަށް ތުންފަތުގައި އިނގިލި ޖައްސައި އޭނާ ކުރި އިޝާރާތަކީ ލިވަޕޫލްގެ ސަޕޯޓަރުންގެ މެދުގައި މޮރީނިއޯ މަޝްހޫރުވި ފުރަތަމަ ހާދިސާ އެވެ. އެގެ ފަހުން 2014 ވަނަ އަހަރުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރަން ލިވަޕޫލް ކުރި މަސައްކަތް ފެނަށްވީ ވެސް ސްޓީވަން ޖެރާޑް އަތުން ދޫވި ބޯޅައަކުން ޗެލްސީ ގޯލު ޖަހައި މެޗު ކާމިޔާބު ކުރުމުންނެވެ. އެމެޗަށް ފަހު މޮރީނިއޯ ވަރަށް އުފާފާޅުކުރި އެވެ.
ނަމަވެސް ކެޕްޓަން ޖެރާޑަށް މޮރީނިއޯ އަބަދުވެސް ތާއީދުކުރެ އެވެ. އަދި އޭނާގެ ވަދާއީ މެޗުގައި މޮރީނިއޯ ވަނީ ލިވަޕޫލް ސަޕޯޓަރުންނާއެކު ޖެރާޑަށް ޝުކުރުވެސް އަދާކޮށްފަ އެވެ.
ނަމަވެސް އޭނާ ބުނީ ދެ ޓީމުގެ ސަޕޯޓަރުން ވެސް ދަނޑަށްދާނީ އެބައެއްގެ ޓީމަށް ސަޕޯޓްކުރަން ކަމަށާއި އެހެން ކަންކަމަށް ސަމާލުކަން ނުދިނުމަށް ގޮވާލާ ކަމަށެވެ.
މި މެޗާ ބެހޭ ގޮތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނީ މިއީ އާދައިގެ މެޗެއް ނޫން ކަމަށެވެ.