ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް އުފުލި ޓެރަރިޒަމް ދައުވާގެ އިޖްރާއީ މައްސަލަތަކެއް އިސްލާހުކޮށް އަލުން ދައުވާ އުފުލުމުން ވެސް ނާޒިމް ދައުވާއަށް އިންކާރުކޮށްފި އެވެ.
މިއަދު ހަވީރު ފެށި ޝަރީއަތުގެ މަޖިލީހުގައި ޏާޒިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ ދައުވާގައި ސީޣާ އެކުލަވައިލުމުގައި ހަވާލާދީފައިވަ ގާނޫނީ މައްދާތަކާ ގުޅިގެން އިޖްރާއީ ނުކުތާތަކެއް ފާހަކޮށްފައެވެ. އެއާ ގުޅިގެން ފަނޑިޔާރުން ވަނީ ދައުވާގެ ސީޣާ ބަދަލު ކުރަން ފުރުސަތު ދީފައެވެ. އަދި 10 މިނެޓްގެ ބްރޭކެއްގައި ދައުވާ އިސްލާހުކޮށް އަލުން ހުށަހެޅުމުން ނާޒިމް ވަނީ ދައުވާއަށް އިންކާރު ކުރައްވަފައެވެ.
އަދި ޝަރީއަތުން ވަނީ ދައުވާއަށް ނާޒިމް ޖަވާބު ދެއްވުމަށް އަލުން ތިން ދުވަހުގެ ފުރުސަތެއް ދެއްވާފައެވެ.
މިއަދު ޝަރީއަތުގެ މަޖިލީހުގައި ނާޒިމްގެ ފަރާތުން ވަނީ އެހެން ކަމެއްވެސް ހުށަހަޅަފަ އެވެ. އެއީ ނާޒިމްގެ ފަސް ކުރުމަށް ނެރުނު އަމުރު ހައިކޯޓްގައި އިސްތިއުނާފު ކުރުމުން އެ އަމުރާ މެދު ނިންމި ނިންމުން އިތުރަށް ބަލަން ޖެހޭނީ ކްރިމިނަލް ކޯޓުން ކަމަށް ބުނެ ފާހަގަ ކުރި ނުކުތާ އެވެ. ނަމަވެސް ކްރިމިނަލް ކޯޓުން ބުނީ އެ މައްސަލައަށް ހައިކޯޓުން ގޮތެއް ނިންމާފައިވާ ވުމުން ދަށުކޯޓުގައި ނުބެލެނޭނެ ކަމަށެވެ.
ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ވިލާ ގްރޫޕް އޮފް ކޮމްޕެނީސް އިން ހަރަދުކޮށްގެން ހަތިޔާރު ހޯދައި ދައުލަތުގެއިސްވެރިންތަކަކަށް ހަމަލާ ދޭން އުޅުއްވި ކަމަށް ތުހުމަތުކޮށެވެ.