ބޭރު ކުޅިވަރު

ލެސްޓާ ކުުޅުންތެރިންގެ ކޮންސަންޓްރޭޝަން ރަނގަޅެއްނޫން: ކޯޗު

ލެސްޓާ ސިޓީގެ ކުޅުންތެރިންގެ ކޮންސަންޓްރޭޝަން ރަނގަޅު ނޫން ކަމަށް ކޯޗު ކްލައުޑިއޯ ރަނިއޭރޯ ބުނެފި އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު މިހެން ބުނީ އިނގިރޭސި ޕްރެމިއާ ލީގުގައި ރޭ ޗެލްސީ އަތުން 3-0 އިން ބަލިވުމުންނެވެ. ލަނޑު ޖެހީ ޑިއެގޯ ކޯސްޓާ އާއި އެޑެން ހަޒާޑް އަދި ވިކްޓަ މޯސެސް އެވެ.

ހައިރާން ކުރުވަނިވި ގޮތަކަށް މިދިޔަ ސީޒަނުގެ ތަށި ހޯދި ނަމަވެސް މި ސީޒަނުގައި ލެސްޓާ އަށް ބޮޑެތި ޓީމުތަކާ ވާދަކޮށްލެވިފައިވެސްނުވެ އެވެ. ރަނިއޭރީ މެޗަށް ފަހު ބުނީ އޭނާގެ ކުރީގެ ޓީމާ ދެކޮޅަށް ކުޅޭއިރު ވިސްނަންވާ ވަރަށް ކުޅުންތެރިންނަށް ނުވިސްނޭ ކަމަށެވެ.

"ކޯނަރަކުން އަނެއްކާ ވެސް ގޯލެއް ޖެހީމާ [ވިސްނާފައިނެތްކަން] އެއޮތީ ފެންނަން. ޗެލްސީއާ ކުޅޭއިރު ވަރަށް ވިސްނަން ޖެހޭނެ. އަހަރުމެންގެ ކުޅުންތެރިންނަށް މިސްޓޭކް ހެދުނީ. ދެން އޮތް ގޮތަކީ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި ކުޅެން ޖެހޭ މެޗަށް ތައްޔާރުވުން،" ކޯޗު ބުންޏެވެ.

ޗެލްސީ އަށް ކުރިން ކޯޗުކޮށްދިން ރަނިއޭރީ ބުނީ ހުސްވި ސީޒަނުގައި އެ ޓީމަށް މޮޅަށް ކުޅެދިން އެންގޯލޯ ކާންޓޭ ޗެލްސީ އަށް ދިއުމަކީ ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ.

"އެކަމަކު އޭނާ ނެތަސް މޮޅަށް ކުޅެން އެބަޖެހޭ. އަހަރުމެންނަށް ފަހަތުން އަރައި ވެސް ގޯލެއް ޖެހުނުނަމަ މެޗު ތަފާތުވީސް،" ކޯޗު ބުންޏެވެ.
މެޗަށް ފަހު ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނީ އޭނާގެ ކުޅުންތެރިންނަށް ފެށުނީއްސުރެ ވިސްނައިދެމުން ދިޔައީ ފަރުވާ ކުޑަ ނުކުރަން ކަމަށާއި ކުޅުންތެރިންގެ މަސައްކަތާމެދު ހިތްހަމަޖެހޭ ކަމަށެވެ.