ވިޔަފާރި

ނުހެދި ހުރި ރަށްތައް ނެގީ ޓޫރިޒަމް ދާއިރާ ވަރުގަދަ ކުރަން: ރައީސް

ރިސޯޓު ހަދަން ދޫކުރި ރަށްތަކުގެ ތެރެއިން ނުހެދި ހުރި ރަށްތައް ސަރުކާރަށް ނެގީ ޓޫރިޒަމް ދާއިރާ ވަރުގަދަ ކުރުމަށް ކަމަށް ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އެލިޔާއަށް 50 އަހަރު ފުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރިސޯޓު ހަދަން ދޫކޮށްފައި ހުރި ބައެއް ރަށްތައް ދޫކޮށްފައި ހުންނަތާ އަށް އަހަރާއި 12 އަހަރު ވަރު ވެފައިވާ ކަމަށައި، މި ގޮތަށް ރިސޯޓު ނުހެދި ރަށްތަކެއް ހުރުމުން އިގްތިސާދަށް އެއްވެސް ފައިދާއެއް ނުކުރާ ކަމަށެވެ.

"މި ރަށްތަކުން މީރާއަށް ރެންޓް ވަދެދާނެ ކަންނޭނގެ. ރެންޓް ވަނުމުގައި ވެސް މައްސަލަ ތަކެއް އެބައުޅޭ. ރެޓް ވަންނައިރު، ޖޫރިމަނާ އާއި އެކު ފައިސާ ވަދެދާނެ. އެކަމަކު މީގެން އިގްތިސާދަށް ކުރާނެ ފައިދާއެއް ނެތް. އަށް އަހަރު ވެގެންދާއިރު ގެއްލިގެންދާ ބޮޑު އޮޕަޖޫނިޓީއަށް ބަލާއިރު އެއީ ބޮޑު އެއްޗެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި މި ގޮތަށް ނުހެދި ހުރި ރަށްތަކުގެ ސަބަބުން އިގްތިސާދުގައި އިތުރުވާން ޖެހޭ، ވަޒީފާތައް އިތުރު ނުވާ ކަމަށެވެ.

" އެ ރިސޯޓު އޮޕަރޭޝަނުގައި އޮތްނަމަ ހިތްޕުޅަށް ގެންނަވާ އެ ރިސޯޓަކުން އިގްތިސާދުގެ ތެރޭގައި އަނބުރާނެ ފައިސާގެ މިންވަރު. އަޅުގަނޑުމެންގެ ބޭންކިން ސެކްޓަރުން، ކޮންސްޓްރަކްޝަން ދާއިރާގެ މަސައްކަތްތަކަށް ނުކުންނާނެ ޑޮލަރަށް އެކަނި ވިސްނާލި ނަމަވެސް މިއީ ވިސްނާލަން ޖެހޭ ކަމެއް. ޒުވާނުންނަށް ވަޒީފާގެ ފުރުސަތު އިތުރުކޮށްދޭނެ ބެލިނަމަވެސް ކޮންމެ ރިސޯޓެއް ނުހެދި އަށް އަހަރު 12 އަހަރު އޮންނަމަ މިއީ ގެއްލިގެންދާ ބޮޑު ފުރުސަތު ތަކެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި، މި ސަބަބުތަކަށްޓަކައި ނުހެދި ހުރި ރަށްތައް ނަގަން ނިންމީ ޓޫރިޒަމް ޖަމިއްޔާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މާޓީ) އާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. އަދި މިގޮތަށް ނުހެދި ގިނަ ރަށްތަކެއް ހުރި ރާއްޖޭގައި ހުރި ރިސޯސްތަކަށް ވުރެ އިތުރު ރަށްތަކެއް ރިސޯޓު ހަދަން ދޫކޮށްފައިވާތީ ކަމަށް ރައީސް ވިދާޅުވި އެވެ.