ހަބަރު

"ޕީޕީއެމްގެ ހުއްޓުން ނިމިއްޖެ، ދެން އޮތީ އިންތިހާބު ކާމިޔާބު ކުރުން"

ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ނުބޭއްވި ޕާޓީގެ އޮނިގަނޑު ހުއްޓިފައި އޮތް އޮތުން ނިމުމަކަށް އައިސްފައިވާ ކަމަށާއި ދެން އޮތީ ކައުންސިލް އިންތިހާބަށް މަސައްކަތް ފަށާ އެ އިންތިހާބު ކާމިޔާބު ކުރުން ކަމަށާއި އެކަން ކުރައްވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ޒަމީރު މިހެން ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އިސްކޮަށް ހުންނަވައިގެން ކުރިޔަށް އޮތް 24 ގަޑިއިރު ތެރޭގައި ކައުންސިލް ބައްދަލުވުން ބޭއްވުމަށް ސިވިލް ކޯޓުން މިއަދު އަމުރު ކުރުމާ ގުޅިގެނެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރަންސްގައި ޒަމީރު ވިދާޅުވީ ޕީޕީއެމް ތެރޭގައި ހުރި މައްސަލަތައް ހައްލު ކުރުމަށް ކޯޓާ ހަމަޔަށް ދިޔުމަށް އެއްވެސް ގޮތަކަށް ބޭނުން ނުވާ ކަމަށެވެ. ނަމަވެސް އެކަން ކުރަން މަޖުބޫރުވީ ކައުންސިލް އިންތިހާބު އެހާ ކައިރިވެފައިވާ ދަނޑިވަޅެއްގައި ޕާޓީގެ ހިންގުން އެއްކޮށް ހުއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނުވަން ކަމަށެވެ.

ނަމަވެސް ކޯޓު އަމުރާ ގުޅިގެން ޕާޓީ ހުއްޓިފައި އޮތް މައްސަލަ ހައްލުވެފައިވާ ކަމަށް އިޝާރާތް ކުރައްވާ ޒަމީރު ވިދާޅުވީ ދެން ސަމާލުކަން ދޭނީ ޕާޓީ އިދާރީ މަސައްކަތްތަކާއި އިތުރަށް ބައްދަލުވުންތައް ކުރިޔަށް ގެންދެވޭނެ ގޮތް ރޭވުމާއި ކައުންސިލް އިންތިހާބުގެ މަސައްކަތް ކަމަށާއި އެ މަސައްކަތްތަކަށް ފަހު ކައުންސިލް އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

"ކުރިމަތީ ކައުންސިލް އިންތިހާބު އޮތީމައި އަޅުގަނޑުމެންނަށް އިތުރަށް ކެތް ކުރެވޭކަށް ނެތް. އެހެންވެ ކޯޓެއް މެދުވެރިކޮށް ހައްލެއް ހޯދަން ޖެހުނީ. ކޮންމެއަކަސް ޕާޓީއާ އެކު ކުރިޔަށް ދާން ބޭނުންވާ މެންބަރުންނަށް މިހާރު ހުރި ދަތިތަކަށް ހައްލު ލިބުނީ. ކައުންސިލް ބައްދަލުވުން ބާއްވާފައި ދެން އޮތީ އިދާރީ މަސައްކަތް ނިންމާލުން،" ޒަމީރު ވިދާޅުވި އެވެ. "ދެން ޕާޓީގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް ދާނެ. ހުރިހާ ގުނަވަންތަކެއް އެކުވެގެން ކައުންސިލް އިންތިހާބަށް ތައްޔާރުވެ ކާމިޔާބު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރާނެ. އިރާދަކުރެއްވިއްޔާ ވަރަށް ފުރިހަމަ ކާމިޔާބީ އެއް ކުރިޔަށް އޮތްތާ ހޯދާނަން،"

ސިވިލް ކޯޓުން އަމުރު ކުރެއްވި ގޮތަށް ރައީސް ޔާމިން އިސްކޮށް ހުންނަވައިގެން ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް މިރޭ ބާއްވަން ނިންމާފައިވީ ނަމަވެސް އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ހަވީރުގެ ވަގުތެއްގައި ވަނީ ކައުންސިލް ބައްދަލުވުން ބާއްވާފައެވެ. އެ ބައްދަލުވުމަށް ބޭނުންވާ ކޯރަމް ހަމަކުރެއްވީ އެމަނިކުފާން އައްޔަން ކުރައްވާފައި ތިއްބެވި މެންބަރުން ހިމަނައިގެނެވެ.