ބޭރު ކުޅިވަރު

އިންޓަމިލާނުގެ ސަޕޯޓަރުން ކެޕްޓަނާ ދެކޮޅަށް އަޑުއުފުލައިފި

އިޓަލީގެ އިންޓަމިލާނުގެ ސަޕޯޓަރުން އެކުލަބުގެ ކެޕްޓަން މައުރޯ އިކާޑީ އަތުން ކެޕްޓަން ބޭންޑް އަތުލުމަށް ގޮވާލައިފި އެވެ.

އިޓާލިއަން ލީގުގައި ރޭ ކަގްލިއާރީ އަތުން 2-1އިން އިންޓަމިލާން ބަލިވި މެޗުގައި ސަޕޯޓަރުން ވަނީ ކެޕްޓަނާ ދެކޮޅަށް ބެނާތައް ހިފައިގެން ވަރަށް ބޮޑަށް އަޑުއުފުލައިފަ އެވެ. ހާއްސަކޮށް އޭނާ އަތުން ޕެނަލްޓީ ނާކާމިޔާބުވުމުން ސަޕޯޓަރުން އިތުރަށް ހިތްހަމަނުޖެހުނެވެ.

އާޖެންޓީނާގެ 23 އަހަރުގެ ފޯވަޑާ މެދު އިންޓަގެ ސަޕޯޓަރުން މިހާބޮޑަށް ނުރުހުންވެފައިވަނީ އޭނާ ވަރަށް ފަހުން ނެރުނު އެޓޮބައޮގްރަފީގައި ސަޕޯޓަރުންނަށް ފާޑުކިޔާފައިވުމުންނެވެ. އިންޓަމިލާނުގެ ހާޑްކޯ ސަޕޯޓަރުން ދެކޭގޮތުގައި އިކާޑީ އަކީ ފުރޭތައެކެވެ.

މި މައްސަލާގައި އިންޓަމިލާނުގެ ރައީސް އަދި ކުރީގެ ކެޕްޓަން ހާވިއާ ޒަނެއްޓީ ބުނީ އޮޓޮބައޮގްރަފީގައި އިކާޑީ ދައްކާފައިވާ ވާހަކަތަކަކީ ކުލަބުގެ ކުޅުންތެރިއެއްގެ ފަރާތުން ވެގެންވާނެ ކަމެއްނޫން ކަމަށެވެ. އަދި އެކަން ބަލާނެ ކަމަށެވެ.

އިންޓަމިލާން މިވަގުތު އޮތީ އިޓާލިއަން ލީގުގެ 11 ވަނާގައި 11 ޕޮއިންޓާއެކުގަ އެވެ. މިއީ އެއްވަަނާގައިވާ ޔުވެންޓަސް އަށް ވުރެ 11 ޕޮއިންޓް މަދު އަދަދެކެވެ.

އަމިއްލަ ދަނޑުގައި ފުރަތަމަ ފަހަރަށް ބަލިވުމުން ކޯޗު ފްރޭންޑް ޑިބޯ ބުނީ އިކާޑީ އަތުން މި ސީޒަނުގައި ދެ ވަނަ ފަހަރަށް ޕެނަލްޓީ އެއް ގެއްލުމުން އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. އަދި މެޗު އެނަލައިޒް ކުރުމަށްފަހު ރަނގަޅު ކުރަން އޭނާ އަށް ފެންނަ ކަންތައްތައް ކުޅުންތެރިންނަށް ކިޔައިދޭނެ ކަމަށް ވެސް ނެދަލޭންޑްސްގެ ކުރީގެ ކެޕްޓަން ބުންޏެވެ.