އިނގިރޭސި ޕްރެމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް މިރޭ ކުޅޭ މެޗުގެ ކުރިން ރެފްރީ އަށް ނުފޫޒު ފޯރުވަން ވާހަކަ ދެއްކިކަމަށް ބަލާފައި ކޯޗު ހޯސޭ މޮރީނިއޯގެ މައްސަަލަ އިނގިރޭސި އެފްއޭއެއިން ބަލަން ފަށައިފި އެވެ.
ޔުނައިޓެޑުގެ ކޯޗު ބުނީ މިރޭގެ މެޗުގެ ރެފްރީ އެންތަނީ ޓެއިލާ އަށް ރަނގަޅަށް ރެފްރީކަން ކުރެވޭވަރަށްވުރެ ބޮޑަށް އޭނާ ހުރީ ޕްރެޝަރުގައި ކަމަށެވެ.
"މިސްޓަރ ޓެއިލާ އަކީ ވަރަށް ރަނގަޅު ރެފްރީއެއް. އެކަމަކު ކޮންމެވެސް މީހެއްގެ ބޭނުމަކީ އޭނާ ޕްރެޝަރަށްލުން. މީގެ ސަބަބުން އޭނާ އަށް މެޗުގައި ވަރަށް ރަނގަޅު ޕާފޯމަންސެއް ދައްކަން އުނދަގޫވާނެ،" މޮރީނިއޯ ބުނެފައިވެ އެވެ.
ރެފްރިއާ ބެހޭ ގޮތުން އޭނާ ދެކޭ ގޮތަކީ މިއީ ކަމަށާއި އިތުރު ވާހަކައެއް ދައްކަން ބޭނުންނުވާ ކަމަށް ވެސް މޮރީނިއޯ ބުނެފައިވެ އެވެ.
"އަހަރެންނަށް ކުރެވިފައިހުރި ތަޖުރިބާއަކަށް ބަލާފައި އިތުރު ވާހަކައެއް ބުނާކަށް ނެތިން. އަހަރެންނަށް ވަނީ ވަރަށް ގިނަ ފަހަރު އަދަބުދީފައި،" މޮރީނިއޯ ބުންޏެވެ.
ޔުނައިޓެޑުގެ ކޯޗުކަމުގައި ހުރެ ފުރަތަމަ ފަހަރަށް ލިވަޕޫލާ ދެކޮޅަށް ނުކުތުމުގެ ކުރިން މޮރީނިއޯ މިހެން ބުނީ މި މެޗުގެ ރެފްރީއަކަށް ޓެއިލާ ހަމަޖެއްސުމުން ލިވަޕޫލް ސަޕޯޓަރުން ރުޅިގަދަވެފައިވަނިކޮށެވެ. ސަބަބަކީ ޓެއިލާ އަކީ މެންޗެސްޓާ އަށް ނިސްބަތްވާ މީހަކަށްވެފައި އޭނާ ދިރިއުޅެނީ ވެސް ޔުނައިޓެޑުގެ ދަނޑާ އެންމެ ހަ ކިލޯ މީޓަރު ދުރުގައި ކަމަށްވުމުންނެވެ. މި މައްސަލާގައި ލިވަޕޫލް ސަޕޯޓަރުން ރުޅިގަދަވެފައި ތިއްބަސް އިނގިރޭސި އެފްއޭއިން ވަނީ ޓެއިލާ އަކީ ޔުނައިޓެޑުގެ ސަޕޯޓަރެއްނޫން ކަމަށާއި މެޗުތަކަށް ރެފްރީން ހަމަޖައްސަަނީ ވަރަށް ގިނަގޮތްގޮތަސް ބަލާފައި ކަމަށް ބުނެފަ އެވެ. ނަމަވެސް ޓެއިލާއަކީ މި މެޗަށް އެންމެ ރަނގަޅު ރެފްރީނޫން ކަމަށް ވެސް އެފްއޭއިން އެއްބަސްވެ އެވެ.
ރެފްރީއާ ބެހޭ ގޮތުން މޮރީނިއޯ ވާހަކަ ދެއްކީ ލިވަޕޫލް ސަޕޯޓަރުން ކުރަމުންދާ ޕްރެޝަރާހެދި އެވެ. ނަމަވެސް މިއީ ކޯޗުން އަމަލުކުރަންޖެހޭ ގަވާއިދާ ހިލާފަށް ރެފްރީ އަށް ނުފޫޒު ފޯރުވަން ކުރިކަމެއް ކަމަށް ތުހުމަތުކޮށް އެފްއޭއިން އަންނަނީ މިކަން ތަހުގީގު ކުރަމުންނެވެ.
މޮރީނިއޯ އަކީ މީގެ ކުރިން ރެފްރީންނަށް ފާޑުކިޔައިގެން އެތައް ފަހަރަކު އަދަބު ދީފައިވާ މީހެކެވެ. މިފަދަ މައްސަލަތަކުގައި މިހާތަނަށް އޭނާ ވަނީ 230000 ޕައުންޑް ޖޫރިމަނާގެ ގޮތުގައި ދައްކާފަ އެވެ.