ބޭރު ކުޅިވަރު

ލިވަޕޫލް ސަޕޯޓަރުން ތިބެންވީ ޖާޒީގައި: ކްލޮޕް

މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި ލިވަޕޫލްގެ އެންމެންވެސް ތިބެންވީ ޖާޒީގައި ކަމަށް ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

މެޗުގެ ކުރިން ވާހަކަ ދައްކަމުން ކޯޗު ބުނީ ލިވަޕޫލާއި މެންޗެސްޓާ ޔުނައިޓެޑުގެ ދިގު ތާރީހް އޭނާ އަށް އެނގޭ ކަމަށާއި މިއީ ހާއްސަ މެޗެއް ކަމަށެވެ.

"މިއީ ވަރަށް މުހިންމު މެޗެއް. އަހަރެން ގަޔާވޭ ހާއްސަ ވާހަކަތަކަށް. އަހަންނަށް ތާރީހު އެނގޭ. ދުނިޔޭގެ އެންމެން މި މެޗު ބަލާނެ. މި މެޗުގައި އެއްކޮޅުން ބެންޗުގައި ހުރެވޭތީވެ އަހަރެން އުފާވޭ. މޮޅަށް ކުޅުން އޮތީ އަހަރުމެންގެ އަތްމަތީގައި. އެންފީލްޑްގައި އަހަރުމެން ކުޅޭކަމީ އެޑްވާންޓޭޖެއް. މި މެޗަށް އަހަރުމެން ބޭނުންވަނީ އެންމެންވެސް ލިވަޕޫލް ޖާޒީގައި ތިބެން،" ކޯޗު ބުންޏެވެ.

އޭނާ ބުނީ ޔުނައިޓެޑަކީ މޮޅު ކުޅުންތެރިން ތިބި ޓީމެއް ކަމަށާއި މެޗަށް ނުކުންނަނީ އެކަމަށް އިހްތިރާމް ކުރަމުން ކަމަށެވެ.

މެޗާ ބެހޭ ގޮތުން ސުވާލުކުރުމުން ޔުނައިޓެޑްގެ ކޯޗު ހޯސޭ މޮރީނިއޯ ވާހަކަ ދެއްކީ ދުރުދުރުންނެވެ. އޭނާ ބުނީ ބޮޑެތި މެޗުތަކުގައި ހާއްސަން ކަންކަން ހިނގާނެ ކަމަށާއި މީހަކަށް ހެދޭ ގޯހަކުން ނުވަތަ ކުރެވޭ ކަމަކުން ގޯސްކޮށް ވިސްނުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އޭނާ ވަނީ ދެ ޓީމުގެ ސަޕޯޓަރުން ވެސް އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމް ގޮވާލައިފަ އެވެ.

މޮރީނިއޯ ދިފާއުގައި ވާހަކަ ދައްކާ މައިގަނޑު ސަބަބަކީ ޗެލްސީގެ ކޯޗަކަށް ހުރިއިރު ލިވަޕޫލްގެ ސަޕޯޓަރުންނާ މައްސަަލަ ޖެހިފައިވުމެވެ.

މިރޭގެ މެޗަށް ނުކުންނައިރި ލިވަޕޫލްގެ އާދަމް ލަލާނާ އާއި ޖިއޯ ވައިނަލްޑަމް އަށް ކުޅެވޭނެކަން އަދި މުޅިން ޔަގީނެއްނޫނެވެ. ނަމަވެސް ޑެޖާން ރޮވްރެން އާއި އެމްރޭ ކޭން ވަނީ ފިޓްވެފަ އެވެ. ޔުނައިޓެޑުން ފިލް ޖޯންސް އަށް އަނިޔާވެފައިވާއިރު، ލޫކް ޝޯ އާއި ހެންރިކް މިމިކިތަރްޔާން ވަނީ ފިޓްވެފަ އެވެ.

މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ.