މެންޗެސްޓާ ޔުނައިޓާއި ލިވަޕޫލް މިރޭ ވާދަކުރާ މެޗުން މޮޅުވުން ގާތީ ލިވަޕޫލް ކަމަށް ޔުނައިޓެޑްގެ ލެޖެންޑް ޕޯލް ސްކޯލްސް ބުނެފި އެވެ.
އޭނާގެ މުޅި ކެރިއަރު ޔުނައިޓެޑްގައި ހޭދަކުރި އިނގިރޭސި ކުރީގެ މިޑްފީލްޑަރު ބުނީ އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު ދެ ޓީމުގެ ކުރިމަތިލާއިރު ޔުނައިޓެޑްގެ ޓީމު އެކުލަވާލެވިފައިނުވާ ކަމަށެވެ.
"ޔުނައިޓެޑްގައި އައިޑެންޓިޓީއެއްނެތް ނެތް އަހަރެން ދެކޭގޮތުގައި. ޓީމުގައި ކުޅޭނީ ކޮންބައެއްތޯ ނިންމަން ކޯޗަށް އަދި މުޅިން ފައިނަލް ނުކުރެވޭ. ޓީމުގައި އެބަތިބި މޮޅު ކުޅުންތެރިން. އެކަމަކު ލިވަޕޫލް އޮތީ ވަރަށް ފުރިހަމަ އަށް ތައްޔާރުކޮށްފައި. ޓީމުގައި ކުޅޭނެ ކުޅުންތެރިން ވެސް އެބައިނގޭ،" ސްކޯލްސް ބުންޏެވެ.
އޭނާ ބުނީ ޔުނައިޓެޑްގައި އެލެކްސް ފާގަސަން 2013 ވަނަ އަހަރު ރިޓަޔާކުރި ފަހުން ޔުނައިޓެޑަށް ދިމާވި މައްސަލަތަކުން އަރައިގަތުމަށް ވަގުތު ބޭނުންވާނެ ކަމަށާއި މިހާރުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ޓީމު ބައްޓަންކުރަން އެކަށީގެންވާ ވަގުތު ލިބިފައިނެތް ކަމަށެވެ.
"މޮޅު ކުޅުންތެރިން ގިނަވީމަ ވެސް ވަގުތު ބޭނުންވާނެ ޓީމެއް ސެޓްކުރަން. އެގޮތުން ބަލާއިރު މޮރީނިއޯ އަށް އަދި އެއުޅެނީ ޓީމު ސެޓްނުވެގެން. އޭނާ ޗެލްސީގައި ހުރި އިރު އަހަންނަށް ފެނުނީ އަބަދުވެސް 14 ނުވަތަ 15 ކުޅުންތެރިން ޓީމުގައި ކުޅޭތަން. އެހޮޔެ ލީގު މެޗަކަށް އަދި ކަޕް މެޗެއްްވިޔަސް. ޔުނައިޓެޑުގައި ކުޅުންތެރިން ގިނަވެ އަދި އެންމެ ރަނގަޅު ފުރަތަމަ 11 ހޮވަން އަދި އުނދަގޫވެގެން އުޅެނީ،" ސްކޯލްސް ބުންޏެވެ.
ޔުނައިޓެޑުގައި މޮރީނިއޯ ވަނީ މިހާތަނަށް 15 ކުޅުންތެރިއަކު ފުރަތަމަ 11ގައި ސްޓާޓް ކުރުވާފަ އެވެ. އަދި 21 ކުޅުންތެރިއަކު ލައްވައި އޭނާ ވަނީ ކުޅުވާފަ އެވެ. މިހުރިހާ ކުޅުންތެރިންގެ ތެރެއިން ވެސް މިހާރު އެންމެ ބޮޑު މައްސަލައަކަށް ވެފައިވަނީ ކެޕްޓަން ވޭން ރޫނީ ލައްވައި ކުޅުވާނެ މަގާމެއް ނިންމުމުގެ މައްސަލައެވެ. ކުރި އާއި މެދުތެރޭގައި ވެސް އެހެން ކުޅުންތެރިން އޭނާ އަށްވުރެ މޮޅަށް ކުޅެ އެވެ.