ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު 36 ޕަސެންޓް ދަށަށް! ރާއްޖޭގައި މައްޗަށް؟

އަހަރު ދުވަހުގެ ތެރޭގައި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް 36 ޕަސެންޓް ދަށަށް ދިޔަ ނަމަވެސް، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައް 1.4 ޕަސެންޓް މައްޗަށް ޖެހިލައިފި އެވެ.

އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ ކޮމޯޑިޓީ ޕްރައިސް އިންޑެކްސާ ހަވާލާދީ، ރާއްޖޭގެ މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާ ބަލާއިރު މި އަހަރުގެ ޖެހުއަރީ މަހު ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގުތައް 12 ޕަސެންޓް ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އަހަރުން އަހަރަށް ބަލާއިރު 36 ޕަސެންޓުގެ ދަށްވުމެއް ކަމަށް މަރުކަޒީ ބޭންކުން ބުނެ އެވެ.

މަރުކަޒީ ބޭންކުން ކޮންމެ މަހަކު އެއް ފަހަރު ނެރޭ، ރާއްޖޭގެ އިގްތިސާދުގެ "ރިވިއު" ގައި ބުނެފައިވާ ގޮތުން މަހުން މަހަށް އަދި އަހަރުން އަހަރަށް ބަލާއިރު ތަކެތީގެ އަގުތައް ދަށްވުމުގެ ސަބަބަކީ ތެލުގެ އަގުތައް ދަށަށް ދިއުމެވެ. އަދި މި މުއްދަތުގެ ތެރޭގައި ކާތަކެއްޗާއި މައުދަނުގެ އަގުތައްވެސް ދަށްވެފައިވާ ކަމަށް އެމްއެމްއޭއިން ބުނެފައިވެ އެވެ.

"ދެހާސް ފަނަރަ ވަނަ އަހަރު (މި އަހަރު) ގެ ޖެނުއަރީ މަސް ނިމުނުއިރު ދުނިޔޭގެ ބާޒާރުގައި ތެޔޮ ފީފާއެއްގެ އަގު ހުރީ 47.5 ޑޮލަރުގަ އެވެ. މިއީ މާރިޗު 2009 ގެ ފަހުން ތެލުގެ އަގު އެންމެ ދަށަށް ގޮސްފައިވާ މިންވަރެވެ. މިއީ މަހުން މަހަށް ބަލާއިރު 22 ޕަސެންޓުގެ ދަށް އަދަދެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު 54 ޕަސެންޓުގެ ދަށްވުމެކެވެ،" މަރުކަޒީ ބޭންކުން ބުންޏެވެ.

 

މަރުކަޒީ ބޭންކު އެމްއެމްއޭއިން ބުނި ގޮތުގައި އަހަރުން އަހަރަށް ބަލާއިރު މާލޭގައި ހިދުމަތާއި ތަކެތީގެ އަގު މަތިވި މިންވަރު ނުވަތަ އިންފްލޭޝަން ރޭޓްވަނީ 1.4 ޕަސެންޓް މައްޗަށް ޖެހިލާފައި ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިންފްލޭޝަން ރޭޓް ހުރީ 1.2 ޕަސެންޓުގަ އެވެ.

"...ޖެނަވަރީ މަހު އިންފްލޭޝަން ރޭޓް މައްޗަށް ދިއުމުގެ މައިގަނޑު ސަބަބަކީ ކާބޯތަކެތީގެ އަގުތައް، ހާއްސަކޮށް މަހުގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދިޔަ މިންވަރު އިތުރުވުމެވެ،" މަރުކަޒީ ބޭންކުން ބުންޏެވެ.

މަރުކަޒީ ބޭންކުން ބުނީ އަހަރުން އަހަރަށް ބަލާއިރު އަގުތައް މަތިވާ ކަމަށް ދެއްކި ނަމަވެސް، މަތިވާ މިންވަރު މަޑު ޖެހެމުންދާ ކަމަށެވެ.

"...މަހުން މަހަށް ބަލާއިރު، ފާއިތުވި ޖަނަވަރީ މަހު މާލޭގައި ތަކެއްޗާއި ހިދުމަތުގެ އަގުތަކަށް ބޮޑު ބަދަލެއް އައިސްފައެއް ނުވެ އެވެ. މިއީ ޑިސެންބަރު މަހާ އަޅާބަލާއިރު މަހުގެ ބާވަތްތަކުގެ އަގުތައް ދަށަށް ދިޔަ ނަމަވެސް، ގޭގެ ފަރުނީޗަރާއި ހިފާ ގެންގުޅޭ ތަކެއްޗާއި، ތައުލީމީ ދާއިރާއާ ގުޅުންހުރި އަގުތައް މައްޗަށް ދިއުމެވެ،" މަރުކަޒީ ބޭންކުގެ އިގްތިސާދީ ރިވިއުގައި ބުނެފައިވެ އެވެ.