ހަބަރު

ހިލަ ބަރުކޮށްގެން ދިޔަ ދޯންޏެއް "އޮޅަހަލި" ކައިރިއަށް އަޑިއަށް

Oct 17, 2016

ކ.އޮޅަހަލި ޕިކްނިކް އައިލެންޑްގެ ފަރަށް އެރި "ވީރު" ނަމަކަށްކިޔާ މުދާ އުފުލާ ދޯންޏެއް އަޑިއަށް ގޮސްފި އެވެ. އެ ހާދިސާއާ ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ފައިބަރުން ހަދާފައިވާ 75 ފޫޓްގެ މުދާ އުފުލާ މި ދޯންޏަކީ އޮޅަހަލި ޕިކްނިކް އައިލެންޑަށް ގެނައި ހިލަވެލި ބޭލުމުގެ މަސައްކަތުގައި ހަރަކާތްތެރިވި ދޯންޏެެކެވެ.

އެމްއެންޑީއެފް އިން ބުނީ، މި ހާދިސާގެ ހިނގީ، މިރޭ ގާތްގަނޑަކަށް 6:37 ހާއިރު ކަމަށާއި އޭރު ދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށެވެ. އަދި ހާދިސާގެ މަޢުލޫމާތު ލިބުމާއެކު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ ޑައިވަރުންގެ ޓީމަކާއެކު އެމްއެންޑީއެފް ކޯސްޓްގާޑްގެ ލޯންޗެއް އެސަރަޙައްދަށް ގޮސް ހަރަކާތްތެރިވާން ފެށިކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގައި މިދޯނީގައި ތިބި އެންމެންގެ ހާލުވެސް ރަނގަޅެވެ. މީހަކަށް ހާދިސާގައި ގެއްލުމެއް ނުވެ އެވެ.