ހަބަރު

ނަޝީދުގެ ޝަރީއަތުގެ ހަތަރު ވަނަ އަޑުއެހުން މާދަމާ ރޭ ބާއްވަނީ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ ހަތަރު ވަނަ އަޑުއެހުން މާދަމާ ރެއަށް ތާވަލްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ނަޝީދުގެ މައްޗަށް ދައުލަތުން ކުރާ އެ ދައުވާގެ އަޑުއެހުން މާދަމާ ރޭ 10:00 އަށް ތާވަލްކުރީ ދައުލަތުގެ ހެކިންގެ ބަޔާންތައް ދިރާސާ ކުރަން 30 ވަރަކަށް ދުވަހުގެ މުއްދަތެއް ދޭން ނަޝީދުގެ ވަކީލުން އެދިފައި ވަނިކޮށެވެ.

ރޭ ބޭއްވި އެ މައްސަލައިގެ އަޑުއެހުމުގައި ދައުލަތުން ހެކި ހުށަހެޅުމުން ނަޝީދުގެ ވަކީލުން އެގޮތަށް އެދިވަޑައިގަތުމުން ފަނޑިޔާރުން ވިދާޅުވީ އެކަމަށް މުއްދަތު ދިނުމާ މެދު ފަހުން ގޮތެއް ނިންމަވާނެ ކަމަށެވެ.

ނަޝީދުގެ އިތުރުން މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި ކުރީގެ ޑިފެންސް މިނިސްޓަރުގެ ތޮލްހަތު އިބްރާހިމް ކަލޭފާނުގެ ޝަރީއަތް ވެސް މާދަމާ ބާއްވަން ވަނީ ތާވަލްކޮށްފަ އެވެ. ޖަލީލުގެ ޝަރީއަތް މާދަމާ މެންދުރު 2:00 ގައި ބާއްވާއިރު ތޮލްހަތު ޝަރީއަތް ބާއްވަނީ ރޭގަނޑު 7:00 ގަ އެވެ.