ދުނިޔެ

އިންޑިއާގެ ހޮސްޕިޓަލެއްގައި ރޯވެ 20 މީހުން މަރުވެއްޖެ

އިންޑިއާގެ ބޫބަނޭސްވަރު ސިޓީގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 20 މީހުން މަރުވެއްޖެ އެވެ. މި ހާދިސާ ހިނގާފައިވަނީ ރޭ 7:30 އެހާކަންހާއިރު އެވެ. ހާދިސާގައި މިހާތަނަށް 50 މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މިހާދިސާ ހިނގީ ހޮސްޕިޓަލުގެ ދެވަނަ ފްލޯގައި ހުންނަ ޑަޔަލަސިސް ވޯޑުގައި ކަރަންޓު ޝޯޓެއްވެ ވޯޑުގައި އަލިފާން ރޯވެގެންނެވެ. ހާދިސާ ހިނގިއިރު އެ ވޯޑްގެ ތެރޭގައި ހާލު ސީރިއަސް ހަތް ޕޭޝަންޓަކު ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުންދިޔަ ކަމަށް ވެއެވެ.

މި ހާދިސާގައި ޒަހަމްވި މީހުން އެ ސިޓީގެ އެހެން ހޮސްޕިޓަލްތަކަށް ބަދަލުކޮށްފައިވާ ކަމަށާއި އޭގެ ތެރެއިން އަށް މީހަކު މަރުވެގެން ރިޕޯޓުކޮށްފައިވާއިރު ބައެއް މީހުންގެ ހަށިގަނޑުގެ ބޮޑުބައެއް ވަނީ ފިހިފަ އެވެ.

ފުލުހުން ބުނީ މިހާދިސާ އިތުރަށް ތަހުގީގް ކުރަމުން އަންނަ ކަމަށާއި މި ހާދިސާގައި ޒަހަމްވި ގިނަ މީހުންނަކީ އަލިފާން ރޯވި ގަޑީގައި ސަލާމަތްވާން ދެވަނަ ބުރިން ތިރިއަށް ފުންމާލަން މަސައްކަތްކުރި މީހުން ކަމަށެވެ.