ކުނި މެނޭޖް ކުރުން

ހުޅުމީދޫ ކުނިކޮށި އަޕްގްރޭޑް ކުރަން ބަޔަކާ ހަވާލުކޮށްފި

Oct 18, 2016

އައްޑޫސިޓީ ހުޅުމީދޫގައި މިހާރު ބޭނުން ކުރަމުންދާ ކުނިކޮށި އަލުން މަރާމާތުކޮށް އަޕްގްރޭޑް ކުރުމަށް އައިލެންޑް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެޑަށް 1.8 މިލިއަން ރުފިޔާ އަށް ދީފި އެވެ.

މިއަދު އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތެއްގައި ހުޅުމީދޫ ކުނިކޮށި އަޕްގްރޭޑް ކުރުމުގެ މަސައްކަތް އައިލެންޑް އެކްސްޕްރެސް ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްދެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

ހުޅުމީދޫގައި ހުރި ކުނިކޮށި އަޕްގްރޭޑްކުރުމަށް ނިންމާފައިވަނީ ވޭސްޓް މެނޭޖްމަންޓް ޕޮލިސީގެ ދަށުން އެރަށަކަށް ބޭނުންވާ ވަރުގެ ކުނިއަޅާ ޖާގައެއް ހިމެނޭ ގޮތަށެވެ. އެގޮތުން ކުނި ސެގްރިގޭޓް ކުރާ ކޮމްޕާޓްމެންޓްތަކާއި މެޝިނަރީ ބަހައްޓާނެ ބައެއްގެ އިތުރުން ކާދު ހަދާ ތަނެއް ވެސް އެތަނުގައި ގާއިމްކުރުމަށް ވަނީ ނިންމާފަ އެވެ. އެ މަސައްކަތް ކުރުމަށް އައިލެންޑް އެކްސްޕްރެސްއަށް ދީފައިވަނީ 45 ދުވަހުގެ މުއްދަތެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ތޯރިގް ވިދާޅުވީ، އައްޑޫސިޓީގެ ކުނި މެނޭޖްކުރުމުގެ ކަންކަން ހަމަޔަކަށް އެޅުވުމުގެ މަސައްކަތަކީ އެ މިނިސްޓްރީން ވަރަށް ބޮޑު އިސްކަމެއް ދީގެން ފަށާފައިވާ މަސައްކަތެއް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގެ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރު ގާއިމްކުރުމަށް ވާންޖެހޭ ތައްޔާރީތައް ފަށާފައިވާ ކަމަށާއި އެ ސެންޓަރު އެޅުމަށް ބޭނުންވާ ބިން ސަރުކާރުން މިހާޜު ކަނޑައަޅާފައިވާތީ ޑިޒައިން މަސައްކަތްތައް ވެސް ފެށިގެން ކުރިއަށްދާ ކަމަށެވެ. "އައްޑޫ ފުވައްމުލައް ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތް އަންނަ އަހަރުތެރޭގައި ފަށާނެ،" ކަމަށް މިނިސްޓްރު ވިދާޅުވި އެވެ.

އެ ރަށްރަށުން އުފައްދާ ކުނި އެސެންޓަރަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް އަންނަ އަހަރުގެ ތެރޭގައި ލޭންޑިން ކްރާފްޓެއް ގެންނަން ހަމަޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.