ހަބަރު

ނާޒިމްގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން ހޮނިހިރު ދުވަހު ބާއްވަނީ

ހަނގުރާމަވެރި ހަތިޔާރު ގެންގުޅުނު ކަމަށް ބުނެ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ ތިން ވަނަ އަޑުއެހުން އަންނަ ހޮނިހިރު ދުވަހު ބާއްވަން ތާވަލްކޮށްފި އެވެ.

ނާޒިމްގެ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ ނާޒިމްގެ މައްޗަށް ކުރާ ދައުވާގެ ދެވަނަ އަޑުއެހުން އިއްޔެ ކުރިއަށް ގެންދިޔައިރު އަންނަ ހޮނިހިރު ދުވަހު އެ ޝަރީއަތް ތާވަލްކޮށްފައިވަނީ އެދުވަހުގެ ހަވީރު 4:00 އަށެވެ.

އިއްޔެ ބޭއްވި އަޑުއެހުމުގައި ނާޒިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ އިސްލާހުކޮށް، އަލުން ހުށަހެޅުމުން ވެސް ނާޒިމްގެ ފަރާތުން ވަނީ އެ ދައުވާއަށް އިންކާރުކޮށްފަ އެވެ. އެހެންވެ ހޮނިހިރު ދުވަހު އޮންނާނީ ތަފްސީލުކޮށް ދައުވާއަށް ޖަވާބުދާރީވުމާއި ހެކި ހުށަހެޅުން ކަމަށް ބެލެވެ އެވެ.

ނާޒިމްގެ މައްޗަށް ކުރާ ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާގެ ޝަރީއަތް ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ކޯޓުން އަމުރުކޮށްފައިވާއިރު އެ ޝަރީއަތުގެ އަޑުއެހުންތައް ގިނަ ބަޔަކަށް ވަދެވޭނެ ހެން ހުޅުވާލައިގެން ކުރިއަށް ގެންދަން ނާޒިމްގެ ފަރާތުން ވަނީ އެދިފަ އެވެ. ނަމަވެސް އިއްޔެ ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ.

އެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ގާޒީ އަބްދުލްބާރީ ޔޫސުފް އިއްޔެގެ އަޑުއެހުމުގައި ވިދާޅުވީ އެ ޝަރީއަތް މިހާރު ވެސް ކުރިއަށް ގެންދަނީ ހުޅުވާލައިގެން ކަމަށާއި މީޑިއާތަކަށް ވެސް އެ ޝަރީއަތް ކަވަރު ކުރުމުގެ ފުރުސަތު ދީފައިވާ ކަމަށެވެ. އެހެންވެ ޝަރީއަތުގެ ހަބަރުތައް އާންމު ރައްޔިތުންނަށް ލިބޭނެ ކަމަށާއި ކޮންމެހެން ބޮޑު ތަނެއްގައި އެ ޝަރީއަތް ކުރިއަށް ގެންދަން ނިންމާފައިނުވާ ކަމަށް ގާޒީ ބާރީ ވިދާޅުވި އެވެ.