ހަބަރު

ބިރު ދައްކަމުންދާ ކަމަށް ބުނެ ސެކިއުރިޓީ ހަމަޖައްސައިދޭން މަހްލޫފް އެދިވަޑައިގެންފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފަށް އިންޒާރު ދީ ބިރު ދައްކަމުންދާ ކަމަށް ވިދާޅުވެ، ސެކިއުރިޓީ ހަމަޖައްސައި ދިނުމަށް މަހްލޫފް މިއަދު އެދިވަޑައިގެންފި އެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހަށް މަހްލޫފް މިއަދު ފޮނުއްވި ސިޓީގައި ވަނީ އޭނާ ސަރުކާރު ހިންގާ ޕީޕީއެމުން ވަކިވެ، ރައީސް އަބްދުﷲ ޔާމީނަށް ފާޑު ވިދާޅުވާން ފެށުމާ އެކު އޭނާއާ ދިމާކޮށް، އޭނާއަށް ހަމަލާދޭނެކަމުގެ އިންޒާރު ދެމުންދާ ކަމަށެވެ. އެހެންވެ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މިވަގުތުން ފެށިގެން އޭނާއަށް ސެކިއުރިޓީ ލިބޭނެ ގޮތް ހަމަޖައްސައިދޭން އެދޭ ކަމަށް އެ ސިޓީގައި މަހްލޫފް ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން އޭނާއަށް ސެކިއުރިޓީ ނުދީ ވަނިކޮށް އޭނާއަށް ލިބޭ ކޮންމެ އަނިޔާއެއް ނުވަތަ ގެއްލުމެއްގެ ޒިންމާ ނަގަންޖެހޭނީ މަޖިލީހުގެ ރައީސާއި ސަލާމަތީ ބާރުތަކުން ކަމަށް ވެސް އެ ސިޓީގައި މަހްލޫފް ވިދާޅުވެފައިވެ އެވެ.

ކުރިން ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި މަހްލޫފް ވަނީ އެ ޕާޓީން މިހާރު ވަކިވެ، ސަރުކާރާއި ރައީސް ޔާމީނާ ދެކޮޅަށް ފާޑު ވިދާޅުވާން ފަށްޓަވައިފަ އެވެ.