އިލެކްޝަންސް ކޮމިޝަން

ޕީޕީއެމްގެ މައްސަލާގައި އަމަލުކުރާނީ ކޯޓު އަމުރާ އެއްގޮތަށް: އީސީ

Oct 18, 2016
7

ޕީޕީއެމްގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން އަމަލު ކުރާނީ ކޯޓް އަމުރާ އެއް ގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ. ޕީޕީއެމްގެ މައްސަލާގައި ސިވިލް ކޯޓުގެ އަމުރެއް އޮއްވާ ޕާޓީގެ ދެ ފެކްޝަނުން ދެ ގޮތަކަށް އަމަލު ކުރަމުން ދަނިކޮށް މިއަދު އީސީން ބުނީ ކޮމިޝަނުން އަބަދުވެސް އަމަލު ކުރާނީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އަދި ވަކި ކަމެއްގައި ކޯޓް އަމުރެއް އޮތް ނަމަ އެ އަމުރަކާ އެއްގޮތަށް ކަމަށެވެ.

"ޕީޕީއެމްގެ މައްސަލާގައި ވެސް ވަކި އިސްތިސްނާއެއް ނެތް. އެހެންވީމާ ކޯޓުގެ އަމުރާ އެއްގޮތަށް އީސީން އެކަމުގައި ވެސް އަމަލު ކުރަމުންދާނީ،" އީސީގެ މެންބަރު އަަހުމަދު އަކުރަމް ވިދާޅުވި އެވެ.

ޕީޕީއެމްގެ މައްސަލައިގައި ދެ ފަރާތުގެ ކޯޅުން ބޮޑުވެފައިވާއިރު ސިވިލް ކޯޓުގެ އަމުރަކުން ވަނީ ކޯޓުގައި އޮތް މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޕާޓީ ހިންގުން ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ ހަވާލުކޮށްފަ އެވެ. އަދި ޕާޓީގެ ކައުންސިލްގެ ޖަލްސާ އެއް ވެސް މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައި އޮތުމުން އެ ބައްދަލުވުންވުން ވެސް ވަނީ ބާއްވާފަ އެވެ.

ނަމަވެސް ރައީސް މައުމޫނުގެ ފެކްޝަނުން ބުނެފައި ވަނީ ކޯޓުގެ އަމުރު ބަލައި ނުގަންނަ ކަމަށެވެ. އަދި އެ ފެކްޝަނުން ވަނީ ކައުންސިލްގެ ބައްދަލުވުމެއް ވެސް ބާއްވާ ބައެއް ނިންމުންތައް ވެސް ނިންމާފަ އެވެ.

ޕީޕީއެމްގެ ސައްހަ ކައުންސިލެއް ކަނޑައަޅައި، ސައްހަ ނިންމުންތަކަކީ ކޮބައިކަން ކަނޑައެޅުމަށް ޕީޕީއެމްގެ ޔާމީން ފެކްޝަނުން ވަނީ އީސީގައި އެދިފަ އެވެ.

ކޯޓުގެ އަމުރާ އެއްގޮތަށް ރައީސް ޔާމީންގެ ރިޔާސަތުގައި ބޭއްވެވި ކައުންސިލް ބައްދަލުވުމުގައި ކަނޑައެޅި އެ ޕާޓީގެ ސެކެރެޓްރީ ޖެނަރަލް ޑރ. އަބްދުﷲ ހަލީލު މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، ދެ ފެކްޝަނުން ވެސް އެ ފެކްޝަނަކުން މަގާމުތަކަށް އައްޔަންކުރި ފަރާތްތަކާއި ނިންމުންތައް އީސީއާ ހިއްސާކޮށްފައިވާ ކަމަށާއި އޭގެ ސައްހަކަން އީސީއިން ކަނޑައަޅާނެ ކަމަށެވެ. އަދި އެ ފެކްޝަނުން އީސީ އިން ނިންމާ ނިންމުމަށް ތަބާވާނެ ކަމަށެވެ.

"އިލެކްޝަން ކޮމިޝަނަށް އަޅުގަނޑުމެންގެ ނިންމުންތައް މިވަނީ ފޮނުވިފައި، އަދި އިލެކްޝަން ކޮމިޝަނުން އެ ބޭފުޅުން ނިންމުމެއް ޖަވާބެއް ނާދޭ، އައުމާ ހިސާބުން އެނގިގެން ދާނެ ދެން ކަންކުރަންވީ ގޮތެއް،" ހަލީލް ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ، ސައްހަ ކައުންސިލާ މެދު އެއްވެސް ސުވާލެއް ނުއުފެދޭ ކަމަށާއި ސައްހަ ކައުންސިލަކީ ރައީސް ޔާމީން ބޭއްވެވި ކައުންސިލް ކަމަށެވެ.

"އިލެކްޝަން ކޮމިޝަނުން ވެސް ނެތް ސައްހަ ކައުންސިލާ މެދު ސުވާލެއް އުފައްދާފައެއް، އިލެކްޝަން ކޮމިޝަންގެ ނިންމުމަށް އަޅުގަނޑުމެން ތަބާވާނަން،"

ކޯޓުން ވަކި ގޮތަކަށް އަމަލުކުރުމަށް އަންގާފައިވަނިކޮށް ރައީސް މައުމޫން އަބްދުލް ގައްޔޫމް ބޭއްވެވި ކައުންސިލް ބައްދަލުވުމުގެ ނިންމުންތައް ވެސް އީސާއާ ހިއްސާކޮށްފައިވާއިރު މައުމޫންގެ ފެކްޝަނުން ވަނީ ރައީސް ޔާމީން ބޭއްވެވި ކައުންސިލަކީ ބާތިލް ކައުންސިލެއް ކަމަށް ބުނެ އީސީއަށް ސިޓީއެއް ވެސް ފޮނުވާފަ އެވެ.

ޕީޕީއެމްގެ މައްސަލައިގައި ދެ ފަރާތުގެ ކޯޅުން ބޮޑުވެފައިވާއިރު ސިވިލް ކޯޓުގެ އަމުރަކުން ވަނީ ކޯޓުގައި އޮތް މައްސަލަ ވަކި ގޮތަކަށް ނިމެންދެން ޕާޓީ ހިންގުން ޕާޓީގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންއާ ހަވާލުކޮށްފަ އެވެ. އަދި ޕާޓީގެ ކައުންސިލްގެ ޖަލްސާ އެއް ވެސް މުސްތަޝާރުގެ ބެއްލެވުމުގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައި އޮތުމުން އެ ބައްދަލުވުންވުން ވެސް ވަނީ ބާއްވާފަ އެވެ.

ނަމަވެސް ރައީސް މައުމޫނުގެ ފެކްޝަނުން ބުނެފައި ވަނީ ކޯޓުގެ އަމުރު ބަލައި ނުގަންނަ ކަމަށެވެ. އަދި އެ ފެކްޝަނުން ވަނީ ކައުންސިލްގެ ބައްދަލުވުމެއްވެސް ބާއްވާ ބައެއް ނިންމުންތައް ވެސް ނިންމާފަ އެވެ.