ބޭރު ކުޅިވަރު

ރޮނާލްޑޯ ބޭނުންވަނީ ކުޓީނިއޯ މެޑްރިޑަށްދާން

އޭނާ ކަންތައްތައް ކުރިގޮތް މިސާލަކަށް ބަލައި ލިވަޕޫލްގެ ފިލިޕް ކުޓީނިއޯ ރެއާލް މެޑްރިޑަށް ދިއުމަށް ބްރެޒިލްގެ މަޝްހޫރު ރޮނާލްޑޯ ގޮވާލައިފި އެވެ.

ބްރެޒިލަށް ދެ ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ރެއާލް މެޑްރިޑާއި ބާސެލޯނާގެ ކުރީގެ ފޯވަޑް މިހެން ބުނީ އިއްޔެ ދިން އިންޓަވިއުއެއްގަ ރެއާލް މެޑްރިޑަށް ދާން އޭނާ ބޭނުންވާ ބްރެޒިލްގެ ކުޅުންތެރިއަކީ ކާކުތޯ އެހުމުންނެވެ.

"އަަހަރެން ބޭނުން ކުޓީނިއޯ ރެއާލް މެޑްރިޑަށްދާން. އޭނާގެ ކެރިއަރުގެ ކޮންމެވެސް ހިސާބަކުން އެކަމާ ވިސްނާނެ ކަމަށް އުއްމީދުކުރަން،" 24 އަހަރުގެ ކުޅުންތެރިޔާއާ ބެހޭ ގޮތުން ރޮނާލްޑޯ ބުންޏެވެ.

ކުޓީނިއޯ އަކީ މިސީޒަން ފެށުމުގެ ކުރިން ވެސް ރެއާލް މެޑްރިޑުން ގަތުމަށް މަސައްކަތް ކުރި ކުޅުންތެރިއެކެވެ. ނަމަވެސް މިދިޔަ ސީޒަނުގެ ލިވަޕޫލްގެ އެންމެ މޮޅު ކުޅުންތެރިޔާ ދޫކޮށްލަން އެކުލަބުން ބޭނުންނުވީ އެވެ. ކުރިން އިންޓަމިލާނަށް ކުޅުނު ކުޓީނިއޯ ވަނީ 2020 ވަނަ އަހަރާ ހަމައަށް ލިވަޕޫލާއެކު ކޮންޓްރެކްޓް ހަދައިފަ އެވެ.

މިވަގުތު އެންމެ މޮޅީ ކްރިސްޓިއާނޯ ރޮނާލްޑޯ

މި އިންޓަވިއުގައި ރޮނާލްޑޯ ވަނީ އޭނާގެ ނަމުން މުހާތަބް ކުރެވޭ ރެއާލް މެޑްރިޑުގެ ޕޯޗުގަލް ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަކީ މިވަގުތު ދުނިޔޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށް ބުނެފަ އެވެ.

ރޮނާލްޑޯ ގާތުގައި ސުވާލުކޮށްފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ބާސެލޯނާގެ އާޖެންޓީނާ ކެޕްޓަން ލަޔޮނަލް މެސީ އަދި ބާސެލޯނާ އަށް ކުޅޭ ބްރެޒިލްގެ ނޭމާ ކުރެން އެންމެ މޮޅީ ކާކުތޯ އެވެ.

"އެ ތިން ކުޅުންތެރިންނަކީ ވެސް ވަރަށް މޮޅު ތިން ކުޅުންތެރިން. އަހަރެން މީގެ ތެރެއަށް ލާނަން [ބާސެލޯނާގެ އުރުގުއޭ ފޯވަޑް] ލުއިސް ސުއަރޭޒް ވެސް. އޭނާ ދަނީ ވަރަށް މޮޅަށް ކުޅެމުން،" ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރު ހޯދާފައިވާ ރޮނާލްޑޯ ބުންޏެވެ.

"މިއީ ކޮންމެ އިންޓަވިއުއެއްގައި ވެސް އާއްމުކޮށް އަހާސުވާލެއް. އަހަންނަކަށް ނޭނގެ އަހަންނާ އެކަނިކަމެއް ނޫނީ އެންމެނާ ވެސް މި ސުވާލު ކުރާ ކަމެއް. އެކަމަކު ތި ސުވާލު ކުރީމަ ބުނެވޭނީ ވަރަށް އުނދަގޫ ކަމެކޭ އެންމެ މޮޅުމީހާއޭ ކިޔާފައި ވަކި ކުޅުންތެރިއަކު ފާހަގަ ކުރުމަކީ. މިވަގުތަށް ބަލާފައި އަހަރެން ނަގާނީ ކްރިސްޓިއާނޯ [ރޮނާލްޑޯ]. އެކަމަކު އަހަރުމެން ހަނދާން ނައްތާލައިގެން ނުވާނެ މެސީ އާއި ނޭމާގެ މޮޅުކަން. އަހަރުމެން މި ކުޅުންތެރިންނަށް އިހްތިރާމް ކުރަންވާނެ އެމީހުން ދައްކާ މޮޅު ކުޅުމަށް. އެންމެން އުފާކޮށްދޭތީވެ،" ވޯލްޑް ކަޕުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް މުގުރާލި ރޮނާލްޑޯ ބުންޏެވެ.