އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރާ ގާތަށްދިޔަ ނަމަވެސް ކޯޗު ކްލައުޑިއޯ ރަނިއޭރޯ ރުޅިއަތުވެއްޖެ އެވެ.
ރިޔާދް މަހްރޭޒް ޖެހި ގޯލުން ކޯޕެންހޭގަން 1-0އިން ބަލިކޮށް ލެސްޓާ މިހާރު އޮތީ ގްރޫޕް ޖީގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ ޓޭބަލުގެ އެއްވަނާގަ އެވެ. ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު ދެ ވަނަ ބުރު ކަށަވަރުކުރުމަށް ލެސްޓާ މިހާރު ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ. ނަމަވެސް ކޯޗު ރުޅިއަކީ ކީއްވެ ހެއްޔެވެ؟
"އަހަރުމެން ޗެމްޕިއަންސް ލީގުގައި ވަރަށް ރަނގަޅު. އެކަމަކު ޗެމްޕިއަންސް ލީގުގައި މިކުޅޭ ފޯމް ޕްރެމިއާ ލީގުގައި ނުދެއްކޭ. އަހަރެން މިހުރީ މިކަމާ ވަރަށް ރުޅިއައިސްފައި،" އެންމެން ހައިރާންކޮށްލާފައި މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބުކުރި ކޯޗު ބުންޏެވެ.
އޭނާ ބުނީ ކެރިއަރުގައި މިފަދަ ތަޖުރިބާތައް ކުރިން ވެސް ކުރެވިފައިވާ ކަމަށާއި ނަމަވެސް ޕްރެމިއާ ލީގުގައި ލެސްޓާގެ ކުޅުން ރަނގަޅު ކުރަންޖެހޭ ކަމަށެވެ.
"މިވާގޮތަކީ މުޅިން އަލަށް މިފަދަ (ޗެމްޕިއަންސްލީގު) މުބާރާތެއްގައި ކުޅެންވީމަ ހުރިހާ ހިތްވަރެއް ކުޅުންތެރިން ކުރޭ މި މުބާރާތުގައި. ހުރިހާ ކަމަކަށް ވެސް ވަރަށް ފަރުވާތެރިވެގެން އުޅެނީ. އެކަމަކު އަހަރެން ބޭނުންވަނީ މި މުބާރާތުގައި ކުޅޭގޮތަށް ޕްރެމިއާ ލީގުގައި ވެސް ކުޅެން. ސަބަބަކީ އަހަރެން އިސްކަންދެނީ ޕްރެމިއާ ލީގަށް،" ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.
ރޭގެ މެޗު ކާމިޔާބު ކުރުމުން ލެސްޓާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ފުރަތަމަ ތިން މެޗު ކާމިޔާބު ކުރި ފަސްވަނަ ޓީމަކަށެވެ. އަނެއް ހަތަރު ޓީމަކީ އޭސީމިލާނާއި ޔުވެންޓަސް އަދި މަލާގާ އާއި ޕީއެސްޖީ އެވެ. ރަނިއޭރީ ބުނީ މިކަމާ އޭނާ ފަހުރުވެރިވާ ކަމަށެވެ.
"އެކަަމަކު ޕްރެމިއާ ލީގު ފޯމު ރަނގަޅު ކުރަންޖެހޭ. އަހަރުމެންނަށް ދެ ވަނަ ބުރަށް ދެވިގެން ޔޫރޮޕާ ލީގު ކުޅެން ޖެހޭނެ ކަމަށް އަދި ނުވިސްނަން. މިވަގުތު ވިސްނާނީ ޗެމްޕިއަންސް ލީގަށް،" އޭނާ ބުންޏެވެ.
ޕްރެމިއާ ލީގުގައި ލެސްޓާ މިވަގުތު އޮތީ އަށް ޕޮއިންޓާއެކު 13 ވަނާގަ އެވެ.