ބޭރު ކުޅިވަރު

އެންރީކޭގެ ތައުރީފް ގާޑިއޯލާ އަށް

ޗެމްޕިއަންސް ލީގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ބާސެލޯނާ ވާދަކުރާ މެޗަކީ ބާސެލޯނާގެ ސަޕޯޓަރުންނަށް ވަރަށް ޝައުގުވެރި ކުރުވަނިވި ކުރިމަތިލުމަކަށްވެއްޖެ އެވެ.

މިރޭގެ މެޗު އެންމެ ހާއްސަވަނީ ދެ ކޯޗުންނަށެވެ. ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ އަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަނެވެ. ފަހުން ޔޫތު ޓީމަށް ކޯޗުކޮށްދީ ސީނިއާ ޓީމުގެ ކޯޗު ކަމުގައި ހަތަރު އަހަރު ހޭދަކުރި ކޯޗެކެވެ. އޭނާ ވަނީ މި ހަތަރު އަހަރުތެރޭގައި 14 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ދެ ޗެމްޕިއަންސް ލީގު ވެސް ހިމެނެ އެވެ. މީގެ އިތުރުން ބާސެލޯނާގެ ޓީމުގައި ތިބި ސީނިއާ ގިނަ ކުޅުންތެެރިން ކަމަށްވާ ލަޔޮނަލް މެސީ އާއި ކެޕްޓަން އަންދްރޭސް އިނިއެސްޓާ އަދި ސާޖިއޯ ބުސްކެޓްސް އާއި ޖެރާޑް ޕީކޭ ފަދަ ކުޅުންތެރިން މެދުއުޑުގައި ފިޔަޖަހާލީ އޭނާގެ ކޯޗުކަމުގަ އެވެ. އަދި ބާސެލޯނާގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭ އަކީ ގާޑިއޯލާއާއެކު ބާސެލޯނާ އަށް ކުޅުނު ކުޅުންތެރިއެކެވެ. ގާޑިއޯލާ ފަދައިން ކުރީގެ ކެޕްޓަނެކެވެ.

މިހެންވެ ގާޑިއޯލާ ވަނީ ބާސެލޯނާގެ ދަނޑުގައި ކުޅޭ މި މެޗުގެ ކުރިން އެޓީމާއި ކޯޗާއި ކުޅުންތެރިންނަށް ތައުރީފްކޮށްފަ އެވެ.

"އަހަރެން އުޅެ ބޮޑުވީ މިތަނުގައި. އަހަރެން މީހަކަށްވީ މިތަނުގައި. މިހެންވެ މި ދަނޑަށް އައުމަކީ އަބަދުވެސް ވަރަށް ހާއްސަކަމެއް. އަހަރެން އެދެނީ އަބަދުވެސް ބާސެލޯނާ އަށް ކާމިޔާބު،" ގާޑިއޯލާ ބުންޏެވެ.

"މެސީ އަނިޔާއިން ރަނގަޅުވެގެން ކުޅެން ނުތުމުން އަހަރެން ވަރަށް އުފާވޭ. އޭނާ އަކީ އެންމެ މޮޅު ކުޅުންތެރިޔާ. ޝައްކެތްވެސް ނެތް. ކޯޗު އެންރީކޭ އާއި އަހަންނާ ދެމީހުން އެކުގައި ކުޅުނިން. ވަރަށް ގިނަ ހަނދާންތަކެއް އަހަރުމެން ދެމީހުންނަށް ވެސް އާވެގެންދާނެ. އޭނާ އަކީ ކާމިޔާބު ކޯޗެއް. އަދި ވަރަށް ރަނގަޅު މީހެއް،" ގާޑިއޯލާ، 45، ބުންޏެވެ.

މެޗުގެ ކުރިން އެންރީކޭ ވެސް ވަނީ ގާޑިއޯލާ އަށް ތައުރީފްކޮށްފަ އެވެ.

"އަހަރެން އަބަދުވެސް އަހަރެންގެ ރަހުމަތްތެރިންނަށް ކަމޭހިތަން. ހާއްސަކޮށް ރަނގަޅު ރަހުމަތްތެރިން ފާހަގަކުރަން. ގާޑިއޯލާ އަކީ ވަރަށް ބަރާބަރު މީހެއް. މިއީ އަހަރުމެން ދެމީހުން ވެސް އުޅެބޮޑުވި ތަން. އޭނާ މިއަދު އެހެން ކުލަބެއްގައި ހުއްޓަން އޭނާ އަށް އަހަރެން ކާމިޔާބީ އަށް އެދެން،" އެންރީކޭ، 46، ބުންޏެވެ.

"އަހަންނަކަށް ނޭނގެ ކަލޭމެން ގާޑިއޯލާ ރޭންކް ކުރާނެ ގޮތެއް. އެކަމަކު އޭނާ އަކީ މިޒަމާނުގެ ފުޓްބޯޅަ ބަދަލުކޮށްލި އެއް ކޯޗު. އަދި މިވަގުތު ހުރި އެންމެ މޮޅު ކޯޗު. އޭނާ ވަނީ ބާސެލޯނާ ބޯޅަ އާއި ބޯޅައާ ނުލާ ވެސް މޮޅު ޓީމަކަށް ހަދާފައި. މިކުލަބުގެ ތާރީހުވަނީ އޭނާއާ ވަރަށް ބޮޑަށް ގުޅިފައި،" އެންރީކޭ ބުންޏެވެ.

ކުޅުންތެރިންގެ ތެރެއިން މިރޭގެ މެޗު އެންމެ ހާއްސަވަނީ ސިޓީގެ ޗިލީ ކީޕަރު ކްލައުޑިއޯ ބްރާވޯ އަށެވެ. މިރޭގެ މެޗަކީ މި ސީޒަން ފެށުމާއެކު ބާސެލޯނާ ދޫކޮށް ސިޓީ އަށް ބަދަލުވި ކީޕަރު ބްރާވޯ ކުރީގެ ކުލަބާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.

އެންރީކޭ ބުނީ ސިޓީ އަކީ މިހާރު ބާސެލޯނާ ފަދައިން ކުޅޭ ޓީމެއް ކަމަށާއި މޮޅު އެތައް ކުޅުންތެރިންނެއް ތިބުމުން މިރޭގެ މެޗު ފަސޭހަ ނުވާނެ ކަމަށެވެ.